04 Mar 2022, 10:45
"އޯކޭ އެހެންވިއްޔާ ދަނީ..." ނާކިއާ ދުރަށް ދާން ހިނގައިގަތީ ތަންކޮޅެއް އަވަސް ހިނގުމެއްގައެވެ. ވަކި ހިސާބަކަށްގޮސް ގުދުވެ އޯކަށް ދަމަންފެށިއެވެ. އޭނަ ހޮޑުލަނީހެއްޔެވެ؟ ނާކިއާ އަނގަމަތީގައި އަތް އަޅައިގެން ހޮޓަލާއި ދިމާލަށް ދުއްވައިގަތްތަން އަލްވާ ދެކުނެވެ. ބަލިމީހަކަށް އެހީތެރިކަމުގެ އަތެއްދިއްކޮށްލުމެއްނެތި އޭނައަށް ނުދެވޭނެއެވެ. އަދި ނާކިއާ އެއުޅެނީވެސް މީހެއްގެ އެހީއާއި ނުލާ އެކަނިމާ އެކަންޏެވެ. އޭނަ ޖެހޭނީ އެހީވާށެވެ. އަލްވާ ފަހަތުން ދުއްވައިގަތެވެ. ބަލާބެލުމަށް ބަލިކަމަށް ދައްކާ ނާކިއާއާއިމެދު ޝައުގުވެރިކަން އިތުރުވެ ވެގެން އުޅޭ ކަމެއް ދެނެގަންނަން ބޭނުންވިއެވެ. އެހާ ބަލިއިރުގައިވެސް އެތަނުގައި ދިރިއުޅޭ އެއްވެސް ބަޔަކު ނޭގި މުޅިން އާ ޝަހަރެއްގައެވެ.
އަލްވާގެ ފިޔަވަޅުތައް މަޑުޖެހިލީ ނާކިއާގެ ކޮޓަރީގެ ދޮރުމައްޗަށެވެ. އޭނަ ދޮރު އަޑާއަށް ހުޅުވާފައި ދުވެގޮސް ހުރީ ފާޚާނާގައެވެ.
"ހޭއި އާ ޔޫ އޯކޭ؟" އަލްވާއަށް ނާކިއާ ހޮޑުލާ އަޑު ކަންފަތުގައި ޖެހުމާއެކު އަވަސްވެގަތީ އެދިމާލަށެވެ."ނާކިއާ. އަހަރެން ބައްޕަމެންނަށް ގޮވަންތަ؟ އެމީހުން ޑޮކްޓަރެއް ގެނެސްދީފާނެ...."
ނާކިއާ ހިނގައިގަތްއިރު އަރިއަޅާލައިގެން ވެއްޓިދާނެހެން ހީވެ އަލްވާ އެހީތެރިވެ އެނދާއި ހަމަޔަށް ގެނެސްދިނެވެ. އަދި ޖަގުން ފެންތަށްޓެއް އަޅާ ދީފިއެވެ." މިހާރު ބައްޕަމެން މިގެންނަނީ......"
"ނޫން. ޕްލީޒް. އިޓްސް ފައިން.."ނާކިއާ ވާހަކަދެއްކީ ބަލިކަށި އަޑަކުންނެވެ.
"އެކަމަކު ކިހާ ބަލިކޮށް ތިއުޅެނީ. ތިއީ ފްލޫކަމަށް ވެއްޖެއްޔާ؟ އެހެން ކަމަށްވަންޏާ ބޭހެއްވެސް ބޭނުންކޮށްލަން ޖެހިދާނެ.."
"މިތަނަށް އައުމުގެ ކުރިން ޑޮކްޓަރަކަށް ދެއްކިން.."ނާކިއާ ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަލްވާ ޝައުގުވެރިކަމާއެކު އޭނައަށް ބަލަން ހުރިކަން ނާކިއާއަށް ވިސްނުނެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބަނޑުގައި އަތް ޖައްސައިލީ ކުޑަ ތަދަކާއެކު ހިތުގައި އަޅަން ފެށި ވޭނަކުންނެވެ. ހުރިހާ ކަމެއް ތަފާތުކޮށް ދިޔަނަމައެވެ.
"އަހަންނަށް ކެންސަރ ޖެހިފައިވަނީ.." ނާކިއާގެ އަޑު ނިކަން މަޑެވެ."އެހެންވީމަ މިވަގުތު ކޮންމެހެން ޑޮކްޓަރެއް ނުގެނެޔަސް ރަގަޅުވާނެ. ބޭނުންވާވަރަށް ބޭސްތައް އެބަހުރި..."
"ކެންސަރ؟"އަލްވާގެ ލޯ ބޮޑުވިގޮތުން ފުންމައިލަފާނެފަދައެވެ. އަޑެއް ލައްވައިލުމާއެކު އަނގަމަތީ އަތް އެޅިއްޖެއެވެ. ސްކޫލްގައި ކެންސަރާއި ބެހޭގޮތުން ކިޔަވައިދޭތީ މިއީ އެހާ އާދައިގެ ގޮތަކަށް ނަގަން ޖެހޭ ބައްޔެއްނޫންކަން އޭނަވެސް ދަނެއެވެ. އަރިދަފުސް ރޯގާ އަދި ފްލޫފަދަ ބައްޔެއްނޫނެވެ.
"ޑޮކްޓަރ ބުނީ ކީކޭތަ؟ ރަގަޅުވާނެއޭތަ؟"
"ﷲ އަޢުލަމް..."
"ހޫމްމމް؟" އަލްވާ ބުމަ އަރުވައިލިއެވެ. ނާކިއާ ދުޢާކިޔަނީ ހެއްޔެވެ؟ އެބުނި އެއްޗެއް ނޭގުމުން ލަދުގަންނަގޮތްވެސް ވިއެވެ.
"ހެއްދެވިފަރާތް ދެނެވޮޑިގެންވަނީ. އޭގެ މާނައަކީ އެއީ..." ނާކިއާ ހިނިތުންވެލުމުން އަލްވާގެ އަނގަ ސީދާ ވަށްބުރަކަށް ބައްޓަންވެގެން ދިޔައެވެ. އަލްވާ އޭނަގެ ސިކުނޑީގައި އެ ލަފުޒުތައް ރައްކާކޮށްލީ އޭނަ މެހެކްއާއި ވާހަކަދައްކައިލާއިރު އޭނަގެ އަރަބި ބަހުގެ ހުނަރު ދައްކައިލަންވެގެންނެވެ.
"ވެދިން އެހީތެރިކަމަށްޓަކާ ޝުކުރުވެރިވަން...އަލްވާ. ސްކޫލަށް ދާން ނޫންތަ ދިޔައީ؟" ނާކިއާ ކުއްލިއަކަށް ހަނދާންވިއެވެ. އަލްވާ ހިންދިރުވައިލިއެވެ. އޭނަ މިހިރީ އެއްކޮށް ސްކޫލް މަތިން ހަނދާން ނައްތާލައިގެންނެވެ. އެހެން ލާފައި ދިޔަ އަމީރާ ދެވަނަފަހަރަށް ލޯ ބޮޑުކޮށްފައި ބަލައިލީ ނާކިއާގެ ކޮޓަރިތެރެއިން ފެނުނީ އަލްވާކަމުގައި ހީކުރެވި ޔަގީންކުރަން ވެގެންނެވެ.
"އަލްވާ. މިތާ ކީއްކުރަނީ؟" އަމީރާ އުކުޅުގައި އަތް ވިއްދާލަމުން ހަޅޭއްލައިގަތެވެ. އަމީރާ ފެނުމުން ނާކިއާ ހިނިތުންވެލިއެވެ. ހިޖާބުގައި މިއުޅޭ އަންހެނަކީ އަލްވާގެ މަންމަތާއެވެ. ނާކިއާ އެންމެ އުފާވީ އޭނަ ހުންނަން ހަމަޖެހުނު ހޮޓަލަކީ މުސްލިމުންގެ ތަނަކަށް ވުމުންނެވެ.
"މިސިޒް އަމީރާ. ވެގެން އުޅޭގޮތް އަޅުގަނޑު ކިޔާދީފާނަން. އަޅުގަނޑު ހޮޑުލާތަން އަލްވާއަށް ފެނިގެން އެހީތެރިވެދޭން އައީ.."ނާކިއާ އޭނަގެ ދިފާއަށް އައުމުން ލިބުނު ހިތްހަމަޖެހުމާއެކު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އެއީ ހަމަ އެންމެ ރަގަޅު އުޒުރެވެ. މުޅިއަކުން ދޮގެއްވެސް ނޫނެވެ.
"ބަލީތަ ނާކިއާ؟" އަމީރާ ނާކިއާގެ ހާލާއިމެދު ކަންބޮޑުވިއެވެ.
"އަހަރެމެން ދެން ދަނީ އިނގޭ ނާކިއާ..." އަލްވާ އޭނަގެ މަންމަގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް އަވަހަށް އެކޮޓަރިން ނެރެލައިފިއެވެ.
"މަންމާ. ނާކިއާ ވަރަށް ސީރިޔަސް ބައްޔެއްޖެހިފައި ހުރީ." ނާކިއާގެ ކޮޓަރިން ބޭރުވުމާއެކު ވައިއަޑަކުން އޭނަ ބުނެލިއެވެ." ކެންސަރ ޖެހިފައި..."
"ސުބުހާނ. ހަމަ ތެދެއްތަ؟"އަމީރާވެސް ވައި އަޑަކުން ބުނެލިއެވެ."މާތް ﷲ ޝިފާ ދެއްވާށި. އެކުއްޖާ ކިހާ ޅަ...."
"އަސްލުގައި؟ އެކުއްޖާގެ އުމުރަކީ ކޮބާ؟"
"އެންމެ އަށާރަ އަހަރު. އަލްވާއަށްވުރެ އެއް އަހަރު ދޮށި." އަމީރާގެ އެ ޖަވާބުން އަލްވާއަށް ޝޮކެއްލިބި މޭގައި އަތް ޖައްސައިލެވުނެވެ. ނާކިއާ އިސްކޮޅުން އެހާ ދިގުވެފައި ރީތި އަދި އެހާ ހަރުގޮތެއް އެބަހުއްޓެވެ. އެދެމީހުންގެ އުމުރު އެއްވަރުވެފައި އެހާ ތަފާތުކޮށް މޫނުމަތިން ދައްކަނީ ކީއްވެހެއްޔެވެ؟ އެ ޚިޔާލުތައް ސިކުނޑިން ނެރެލާން އޭނަ ބޯ ހޫރުވައިގަތެވެ. ނާކިއާ އަޖައިބުވާހާ ރީތިވެފައި އޭނަ އެހެންނުވިއްޔާ ކީއްހެއްޔެވެ؟ ރީތިކަން ދެއްވާފައި ހުއްޓަސް ބަލާބެލުމަށް ނާކިއާގެ ދިރިއުޅުން އުފާވެރިއޭ ނުބުނެވޭނެއެވެ. އަދި އޭގެ އިތުރުން އޯވަރީގެ ކެންސަރާއި ހަގުރާމަކުރަނީއެވެ.
"ހާދަ އެކަނިވެރި ކުއްޖެކޭ.."އަލްވާ ދިގު ނޭވާއެއްލިއެވެ."މަންމައަށް އޭނަ މިރަށަށް އައި ސަބަބު އެނގޭތަ؟މިހާ ކުޑަ ޓައުންއަކަށް؟"
"އަހަރެން އެހިން. އެކުއްޖާ މިފަދަ ހިމޭން އަމާން ތަންތަނާއި ރުހޭކަމުގައިވަނީ. އަދި މަންމަމެންނަށް އެކުއްޖާ ދާއިމީ ބައްޔެއްގައި އުޅޭކަން އެނގުމުން ހަޔާތުގެ ބާކީ އޮތްބައި ހެއްދެވި ފަރާތަށް ޚާލިސްކޮށް އަޅުކަމާއި ޒިކުރުކުރުމުގައި ހޭދަކުރަން ބޭނުންވީކަމަށް ވާނީ. އަލްވާ. ވެއިޓް އެ މިނިޓް..."
އަމީރާގެ ފަހު ލަފުޒުތަކުގެ ރާގު ބަދަލުވީ އެ ނަޒަރު އަލްވާގެ އެއްބައި ތެމިފައިވާ ޔުނިފޯމްގައި ހަރުލުމުންނެވެ. އަލްވާ ހިންދިރުވައިލިއެވެ.
"އަދިވެސް މިވަގުތު ސްކޫލްގައި ނެތް ސަބަބުގެ ތަފްސީލް ނުދެމެއްނު ޔަންގް ލޭޑީ..."
"ދެންމެ ނާކިއާ ތަފްސީލީ ޖަވާބެއް މަންމައަށް ނުދޭތަ؟ އަޅުގަނޑު އޭނައަށް އެހީވާން ޖެހުނީ...."
"ނާކިއާ ހޮޑުލީ އަލްވާގެ ގަޔަށްތަ؟" އަމީރާ ޝައްކުން ފުރިގެންވާ ގޮތަކަށް ހަނި ނަޒަރަކުން ބަލައިލަމުން ކައިރިއަށް ޖެހިލާ ޔުނިފޯމްގައި އަތްލިއެވެ. އަލްވާ ކަންބޮޑުވެފައިވާ ގޮތަކަށް ހީގަތެވެ."ތީގެ މާނައަކީ ކޮބައިތަ މަންމާ..."
"އޯ ވާރޭ ވެހުނީތަ؟" ހައިރާންވިކަމަށް އޭނަ ހެދުނެވެ.
"އަލްވާ. ދޮގުހެދުމާއި ބެހޭ ގޮތުން އަހަރެން ބުނެފައި އޮތީ ކީކޭތަ؟" އަމީރާ ހަށަން ބަދެލިއެވެ."އަހަރެން އަލްވާގެ ބައިސްކަލް ދެކުނިން. ބަދަރަށް ދިޔައީ ބައިސްކަލް ނަގާކަށްނު. ނޫންތަ؟"
"އަޅުގަނޑަށް އެމީހާއާއި އެ ބުޅަލާއި ދިމާވެ އެ ހައިޖާނެއް ނުހިނގިނަމަ ބައިސްކަލް ނަގައިގެން ގަޑިއަށް ސްކޫލަށް ގޮސް އެ ހާލަތާއި ކުރިމަތިނުވެ ސަލާމަތްވެވުނީހެއްނު..."އަލްވާ ފުން ނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފުސަށް ބުނެލިއެވެ."މަންމާ. މިއީ އެހާ މުހިއްމު ކަމެއްތަ؟ އެއަށްވުރެ މާ ނުރައްކާތެރިކަމަކާއި މިވަގުތު ދިމާވެގެން މިއުޅެނީ. އަޅުގަނޑުމެންގެ މެހުމާނަކު ކެންސަރު ޖެހިގެން."
އަލްވާ ކަންބޮޑުވީވަރު އިތުރުކޮށްފައި އަތުން ހަރަކާތްކުރިއެވެ. އޭނަގެ މޫނުމަތިން އެވަގުތު ފެނުނު ސީރިޔަސްކަމަކީ ސީދާ އެކްޓްކަން އަމީރާވެސް ދެނެގަތެވެ."މިތަނުން މުހިއްމީ ކޮން ކަމެއްތަ؟ އަޅުގަނޑު އެއް ދުވަހު ސްކޫލަށް ނުދިޔުން ނޫނީ ނާކިއާ ކެންސަރު ޖެހުންތަ؟"
"އައުޗް މަންމާ...." އަމީރާ ކަންފަތުގައި ހިފުމުން އޭނައަށް އަޑެއް ލައްވައިލެވުނެވެ.
"ނާކިއާއަކީ ގެސްޓެއް އަދި ތިއީ މަގޭ އަންހެންދަރި. އަދި އަހަރެމެންނަކީ ހޮސްޕިޓަލުގެ ޑޮކްޓަރުންކަމުގައި ހީކުރަނީތަ؟ މިވަގުތަށް އަހަރެންގެ ހުރިހާ ކަންބޮޑުވުމެއް ގުޅިފައިވަނީ އަލްވާއާއި. އެތައް ދުވަހަކު ސްކޫލް ކަޓުވާލައިފި. ހާޟިރީ ނުލިބިއްޖެއްޔާ...."
"އަޅުގަނޑު ސްކޫލްދެކެ ފޫހިވާވަރު މަންމައަށް އެނގޭ. އެއީ ބޭކާރުކަމެއް...." އަލްވާ އަޑެއް ލައްވައިލިއެވެ.
"ސްކޫލަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކެނީ އަލްވާ މޮޔަކަމުންނޫންތަ؟"އަލީސާ ދޮރުމައްޗަށް އެރީ ސްކޫލް ޔުނިފޯމް އަޅައިގެން ސްކޫލަށް ދާން ތައްޔާރުވެގެން ހުރެއެވެ. އޭނަގެ ސްކޫލް ފެށެނީ އަލްވާއަށްވުރެ ލަހުންނެވެ.
"އަލްވާ. ދައްތައާއި ދިމާލަށް މޮޔައޭ ނުކިޔާތި.." އަބަދު އެއް ޖުމްލައެއް ތަކުރާރުކޮށް ކިޔަންވުމުން އަމީރާވެސް ވަރުބަލިވީފަދައެވެ. އޭނައަށް ވާހަކަދެއްކުނީ ރުންކުރުވެފައިހުރެއެވެ. އަލްވާ އޭނަގެ ކޮއްކޮއާއި ދިމާލަށް ބަލައިލުމާއެކު ނުހެވުނީ ހަމަ ކިރިޔާއެވެ. އިސްތަށިގަނޑު މައްޗަށް ނަގާ އައްސާފައި ހުރިލެއް ބާރުކަމުން އެ ހިމަ ބުމަ މައްޗަށް އަރައިގެން ގޮސްފައި ހުރިގޮތުން ކުޑަކުއްޖެއްގެ މޫނުގައި ހުންނަން ޖެހޭވަރަށްވުރެ ހަރުގޮތެއް ހުއްޓެވެ. އަދި އެއަށްވުރެ މަޖަލީ އަދި ބޮޑު ހުދުކުލައިން ކައިރިފަށުގައި ފަށަލެއް ލެވިފައިވާ އައިނެއް އަޅައިގެން ހުރުމުންނެވެ. އަލީސާ އައިނު އަޅަނީ ކޮންމެހެން ލޮލުގެ ފެނުމުގައި މައްސަލައެއް ހުރެގެނެއް ނޫނެވެ. އެކަމަކުވެސް އާދޭސްކޮށްގެން އޭނަ ސްކޫލަށްދާން އައިނު އަޅަނީއެވެ. އޭނަގެ ވަރަށް ޚާއްސަ ލޮލުގެ އެންމެ ނަޒަރަކުން ކްލާހުގެ ލޯބިވާ ކުއްޖަކު މަރައިލެވިދާނެތީ އޭނަ ބޭނުންވަނީ އެލޯ އެފަދަ ބިއްލޫރިފަދަ ފެންނަ ވައްތަރުގެ އައިނަކުން ފޮރުވުމަށެވެ. އެއީ ނޫކުލައިގެ ފިލްޓަރ އައިނެވެ. މުޅިން ބޭކާރު އެއްޗެކެވެ. އަލީސާ އެ އައިނު އަޅަނީ އެފަދަ ކަމެއް ނެތަސްް ސްމާޓްކޮށް ދެއްކެންވެގެން ކަމާއިމެދު އަލްވާ ޝަައްކެއް ނުކުރެއެވެ. އެދެބެންގެ ހުރި ހަމައެކަނި އެއްގޮތްކަމަކީ ތައުލީމީ ގާބިލުކަން ކުޑަވުމެވެ.
"އަލްވާ. މިދަނީ އަލީސާ ގޮވައިގެން ސްކޫލަށް. ސްކޫލަށް ނުގޮސް ވިއްޔަ ތިހިރީ. އިރުކޮޅަކަށް ކައުންޓަރު ބަލަހައްޓާ..."
"ބައްޕަ ކޮބައިތަ؟"
"ބައްޕަ ކުޑަ ކަމަކު ބޭރަށް ގޮސްފައިވީ."އަމީރާ ޖަވާބު ދިނުމަށްފަހު އަލީސާ ގޮވައިގެން ހޮޓަލުން ނުކުތެވެ.
***
ކައުންޓަރުގައި އިންތިޒާރުގައި އިނދެ އިނދެ އޭނަ ފޫހިވާގޮތްވިއެވެ. އާ މެހުމާނަކު ނާންނާނެކަންވެސް އޭނައަށް ޔަގީނެވެ. ވައްގަނޑުގައި ހުރި ކަރުދާސްތައް ހާވަނިކޮށް ކަރުދާހެއް ލޮލުގައި އަޅައިގަތެވެ. "ބިމުގެ ވެރިޔާ؟" އަލްވާ ހައިރާންވިއެވެ." މިއީ ބައްޕަގެ ހޮޓަލަށްވާއިރު މި އިމާރާތް ހުރި ބިމަކީވެސް ބައްޕަގެ ބިމެއްނު.." އެ ކަރުދާހުގައި ބަޔާނެއް ލިޔެފައިވިއެވެ. ބިމުގެ ވެރިޔާ މިސްޓަރ އެންޑްރޫއަށް މަސް ނިމުމުގެ ކުރިން އެއްލައްކަ ޑޮލަރު ދިނުމަށެވެ. ވިޔަފާރިއާއި ފައިސާގެ މުއާމަލާތު ހިނގާގޮތް އޮޅުން ނުފިލިޔަސް އެ ކަރުދާސް އަލްވާގެ ސިކުނޑި ޚަރާބުކޮށްފިއެވެ.
އޭނަގެ ބައްޕަ ހޮޓަލާއި ކައިރިން ހިނގާފައި ދަނިކޮށް ފެނިގެން އަލްވާ ގޮވައިލިއެވެ."ބައްޕާ........."
ނަމަވެސް ހާމިދު އަވަސް އަރުވާލާފައި ދިޔުމުން އަލްވާގެ ގޮވައިލުމުގެ އަޑު ކަންފަތުގައި ނުޖެހުނީއެވެ. އަލްވާ ކަރުދާސްތައް ވައްގަނޑަށް ލުމަށްފަހު އަވަސްވެގަތީ ބައްޕަގެ ފަހަތުން ދިޔުމަށެވެ.
"ބައްޕާ؟" އަލްވާ ގެއަށް ވަންއިރު ބައްޕަ ލޯމަތިން ގެއްލިއްޖެއެވެ. ދެން މަންމައާއި ބައްޕަ ބަދިގޭގައި އުޅޭކަމުގެ ހިލަމެއް ވުމާއެކު އެދިމާލަށް ހިނގައިގަތްތަނާ ރާގު ހުރިގޮތުން ފިޔަވަޅު ހުއްޓުނެވެ. އެދެމީހުން ސީރިޔަސް ވާހަކައެއްގައި ތިބިއިރު ނާއުއްމީދާއި މާޔޫސްކަމުން ފުރިފައިވިއެވެ.
"އަހަރެމެން ދެން ހަދާނީ ކިހިނެއްތަ ހާމިދު؟" އަމީރާ އުއްމީދެއްނެތް ގޮތަކަށް ސުވާލުކުރިއެވެ."މި ވަރުން އަހަރެމެންގެ ދަރިން ކޮލެޖަށް ފޮނުވާނީވެސް ކިހިނެއްތަ؟"
"އަމީރާ ފިކުރުބޮޑުނުކުރޭ. އަހަރެމެންގެ ދަރިންނަށްވެސް ރަގަޅަށް ކިޔެވޭނެ. އަދި ސްކޫލްގެ މޮޅެތި ދަރިންގެ ތެރޭ ހޮވިއްޖެއްޔާ ކޮލެޖަށް ހިލޭ ވަދެވޭނެ. އަލްވާއާއިމެދުވެސް ޚިޔާލުކުރާނެ ކަމެއްނެތް. އަމީރާ. އަލްވާ އަހަރެމެން ފަޚުރުވެރިކޮށްދޭނެ."
އެގޮތަށް ސިއްރުން ވާހަކަ އަހަން ހުރެވުނީތީ އަމިއްލަ ނަފުސް ކުށްވެރިިކުރެވުނަސް އެހުރިތަނުން ފިޔަވަޅު އުފުލައިލެވުނުކަމަކަށް ނުވިއެވެ.
"އަލްވާ މިއަދުވެސް ސްކޫލަށް ހާޟިރުނުވޭ. ހާމިދަށް އަލްވާގެ ގޮތް ނޭގެނީ. އެކުއްޖާ އެއްގޮތަކަށްވެސް ތައުލީމާއިމެދު ސީރިޔަސްކޮށް ނުދެކޭ."ޢަމީރާގެ އަޑު ބަލިކަށިވެ ވަރުބަލިވެފައިވާފަދައެވެ."އަހަރެމެން މުޅިން އަތްމަތި ހުސްވެއްޖެ ދޯ...."
"ތިހެން ނުބުނޭ.."ބައްޕަގެ އަޑުގައި ވި މޮޅިވެރިކަން އަލްވާގެ ހިތް ހަލާކުކޮށްލައިފިއެވެ."މި ހޮޓާ ދޫކޮށްލަމާ ހިނގާ. މިތަނުގެ ވެރިޔާއަށް އަނބުރާ ރައްދުކޮށްދޭނީ. މިތަނުން އަހަރެމެންނަށް ގެއްލުން ނޫން އެއްޗެއް ނުދައްކާ. އެއްވެސް ފައިދާއެއް ނުކުރޭ.."
އަމީރާވެސް ދޫކޮށްލީ ފުން ނޭވާއެކެވެ.
އަލްވާ މަޑުމަޑުން ދޮރު ލައްޕާލާފައި މަގާއި ހަމަޔަށް އައީވެސް ފިޔަވަޅުގެ އަޑުު ނީއްވަން މަސައްކަތްކުރަމުންނެވެ. ކުއްލިއަކަށް އޭނަގެ ކޮނޑަށް ބަރުވެލިއެވެ. އެތައް ޓަނުގެ ބުރަދަން ހުރި އެއްޗެއް ބޭއްވުމުން ކުރެވޭފަދަ އިހުސާސެއް ކުރެވުނެވެ. އަނބުރާ ހޮޓަލުގެ ކައުންޓަރަށް ވަދެ އިށީދެލިއެވެ. އޭނަ އަންދާޒާކުރިވަރަށް ވުރެ އޭނަގެ އާއިލާގެ ފަގީރުކަން މާ ބޮޑެވެ.
ބިއްލޫރި ދޮރުން ނޫ އުޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނަގެ ޚިޔާލަށް އެތައް އެއްޗިއްސެއް އަރާ ފޭބިއެވެ. މިއަދުން ފެށިގެން އޭނަ ކިޔެވުމަށް ސަމާލުކަން ދީ ސްކޯލާޝިޕެއް ހޯދާނެއެވެ. އަދި އޭނަގެ މައިންބަފައިންނަށް އެހީތެރިވާން އޭނަ ވަޒީފާއެއްވެސް ހޯދަންވީއެވެ.
***
ޖެހިގެން އައި ދުވަހު އަމީރާގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭފަދަ ގޮތަކަށް އަލްވާގެ އަމަލުތައް ހުއްޓެވެ. އޭނައަށް ހޭލެވުމުގެ ކުރިން އަލްވާ ތެދުވެ ސްކޫލަށް ދާން ޔުނިފޯމް އަޅާ ތައްޔާރުވިއެވެ. އަދި ފަތުރާފައިވާ މުސައްލަ ފެނުމުން އަލްވާ ފަތިސް ނަމާދުކުރަން ހަނދާން ހުރިކަންވެސް އެނގުނެވެ. އަމީރާ ލޯ އުނގުޅާލާފައި ދެވަނަފަހަރަށް ބަލައިލިއިރު ފެނުނީ ސްކޫލް ޔުނިފޯމުގައި ހުރ އާއިލާއަށްް ނާސްތާ ތައްޔާރުކުރާ ތަނެވެ. މިއީ ހުވަފެނެއް ނޫނެވެ.
"އަހަރެންގެ ދަރިފުޅު އަލްވާއަށް ކިހިނެއް ހެދީ؟" އަމީރާ ސުވާލުކުރިއެވެ.
"އެކުއްޖާ އަބަދަށްޓަކާ ހިނގައްޖެ. ރަގަޅަށް އެވީ. މިއީ އަލްވާ ދަ ސެކަންޑް. އަޅުގަނޑު ނާސްތާ ކޮށްފިން. ދެން ދަނީ.." އަމީރާގެ ކޯތާފަތަށް ލުއިކޮށް ބޮސްދިނުމަށްފަހު އަލްވާ ގެއިން ނުކުތެވެ.
***
އަލްވާއަށް ނަޒަރު ހުއްޓައިލަމުން މެހެކް މޫނު ހަދައިލިއެވެ."ސްކޫލަށް ނައިސް ކޮން ކަމަކާއި އުޅުނީ؟" އެންމެ މޮޅު ދަރިވަރުންގެ ތެރޭ ހިމެނޭތީ މެހެކް އިންނަނީ މޮޅު ދަރިވަރުންގެ ޚާއްސަ ކްލާހުގައެވެ. އެކަމަކު ކިރިޔާ ދޭތެރެއަކުން ވަގުތެއް ލިބުނަސް އޭނަ އަލްވާއަށް ޒިޔާރަތްކޮށްލައެވެ. އަލްވާ ސައިންސް ޓެކްސްޓް ފޮތުގައި ނޭފަތް ޖެހޭހާ ކައިރިން ބަލަން އިނދެ ކިޔަމުން ހައިލައިޓް ކުރަމުން ދިޔައިރު ނިކަން ޝައުގުވެރިވެފައި އިންފަދައެވެ.
" ހައިލައިޓްކޮށްލަނީ މުޅި ފޮތެއްނު. ޔޫ ސިލީ..." މެހެކް އަނގަޔަށް ގޮތެއް ހެދިއެވެ.
"ހޭއި އަލްވާ. އިއްޔެގެ ނޯޓްސް ތައް މިހިރީ.." އަލްވާގެ ކްލާހުގެ ކުއްޖެއްކަމަށްވާ ލީނާގެ އަތުލިޔުމުން ނިކަން ސާފުކޮށް ލިޔެފައިވާ ކަރުދާސްތައް ދިއްކޮށްލިއެވެ. މުހިއްމު ބައިތައް ކުލަގަދަކޮށްލާފައެވެ. އަލްވާއާއި މެހެކްވެސް ހައިރާންކަމާއެކު ލީނާއަށް ނަޒަރު ހުއްޓައިލިއެވެ. ކްލާހުގެ އެއްވެސް ކުއްޖަކު އަލްވާއާއެކު ނޫޅޭއިރު އަދި އެކަކުވެސް އަލްވާއާއި ރުހެނީއެއް ނޫނެވެ. ހައިރާންކަން ލިބުނީ އަދި އޭގެ ތެރެއިންވެސް ވަކިން ފޮނި ޒީލަގަދަ އަންހެންކުއްޖާގެ ފަރާތުން އެހާ ހިތްހެޔޮ އަމަލެއް ފެނުމުންނެވެ.
"ތެންކްސް އެލޮޓް ލީނާ.."އަލްވާ އުފަލާއެކު ނޯޓްސް ތައް ނަގަމުން ހިނިތުންވެލިއެވެ.
"ހަގީގަތުގައިވެސް ތިއިނީ އުފަލުންތަ؟" މެހެކް ބުމަ އުފުލައިލިއެވެ." އެންމެ ފަހުން ސީރިޔަސްކޮށް ކިޔެވުމާއިމެދު ދެކެން ފެށީތަ؟ އާ ފަތެއް ހުޅުވައިލަން އިއްޔެ ކޮންކަމެއް ދިމާވީ؟"
"ޝްޝްޝް މެހެކް. އަހަރެން ކޮންސެންޓްރޭޓް ވިޔަ ދީ.." އަލްވާ އޭނަގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.
"ސީރިޔަސްކޮށް ކިޔަވަންޏާ އެންމެ ކުޑަވެގެން މުހިއްމު ބައިތައް ކިޔަވާ. އެކްނޮލެޖްމެންޓްސް ތިކިޔަނީ..ފޮތުގެ ތައާރަފު..."
***
ހުސް ވަގުތުކޮޅު އޭނަ ފޮތްދަބަސް ހާވާލައިގެން މެހެކް ދިން ޗޮކްލެޓް ނެގިއެވެ. ނޯޓްސްތަކުގެ ބަދަލުގައި ހަދިޔާއަކަށް މި ލީނާއަށް ދޭން އޭނަ ނިންމިއެވެ. ސިޑި ގިރާކޮށް ތިރިއަށް އަންނަމުން ދިޔައީ ލީނާ ފެނޭތޯ ވަށައިގެން ހޯދަމުންނެވެ. ކުއްލިއަކަށް ކްލާސްކުއްޖަކު ބުނި އެއްޗެއް އިވި އޭނަގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އަތުގެ އިނގިލިތައް މުށްކެވިގެން ދިޔައީ އަތުގެ ތެރޭގައި އޮތް ޗޮކްލެޓް ކުދިކުދިކޮށްލަމުންނެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.
ނުނިމޭ