މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ނަމުގައި އަންނަ މަހުގައި އެވޯޑް ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.

"ގައުމީ ކުޅިވަރު އެވޯޑް" ގެ ނަމުގައި ސަރުކާރުން އެންމެ ފަހުން އެވޯޑު ދީފައިވަނީ 2012 ވަނަ އަހަރުގައެވެ. ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަކުރުމުގެ ގޮތުން އެ އަހަރު ހަތް ކުޅިވަރަކުން އެވޯޑު ދީފައިވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ނަމުގައި މި ހަފްލާ އަންނަ މަހުގެ 17 ގައި ބާއްވާނެ ކަމަށް އިއުލާންކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. މިކަން އިއުލާންކުރީ މިނިސްޓަރު މަހްލޫފް ކުރެއްވީ ޓުވީޓެއްގައެވެ.

https://twitter.com/ahmedmahloof/status/1493957778053877762?s=21

މި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ، މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެއްކަމަށެވެ.

"މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެއް. ދެން ކޯޗުންނާއި އޮފިޝަލުން ވެސް ހިމެނޭނެ. އަދި ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށްވެސް އެވޯޑު ދެވޭނެ. ދެން އަދި މިނިސްޓަރު ދެއްވާ ޚާއްސަ އެވޯޑެއްވެސް ދެވޭނެ،" އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއެވޯޑު ހަފްލާގައި ކުޅިވަރުގެ ލެޖެންޑުންނާއި، ރާއްޖޭގެ ޝަރަފުވެރި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި އެވޯޑާ ގުޅޭ އެހެނިހެން ތަފްސީލް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަރަށް އަވަހަށް ހިއްސާކުރައްވާނެކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.