17 Feb 2022, 20:21
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކައިލިއަން އެމްބާޕޭއަށް ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ހުށަހަޅަން ޕީއެސްޖީން ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއިން ތައްޔާރުވަނީ އެމްބާޕޭއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 500،000 ޔޫރޯ ލިބޭ ކޮންޓްރެކްޓެއް ހުށަހެޅުމަށެވެ. މިހާރު އޭނާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 350،000 ޔޫރޯ ލިބެއެވެ.
މި މުސާރަ ޕީއެސްޖީން އެމްބާޕޭއަށް ދޭނަމަ، އޭނާ ވެގެންދާނީ ދުނިޔޭގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ.
އެ ޓީމާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ އެ ޓީމަށް ބަދަލުވާނެކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.
މި އަޑުތައް ފެތުރިފައިވަނިކޮށް ދާދި ފަހުން އެމްބާޕޭ ވަނީ އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.
"އަހަރެންގެ ހުރިހާ ވިސްނުމެއް މި ވަގުތު ހުރީ މިސީޒަންގައި ޕީއެސްޖީއާ އެކު ކާމިޔާބު ހޯދަން. ކުރިމަގާމެދު ގޮތެއް ނިންމަން އަދި މާ އަވަސް. އެކަމާ އަހަރެން މި ވަގުތު ނުވިސްނަން،" ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އެމްބާޕޭ ބުންޏެވެ.
ޕީއެސްޖީގައި އެމްބާޕޭ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފައެވެ.
އެމްބާޕޭ މިހާތަނަށް ޕީއެސްޖީއަށް 129 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 103 ލަނޑު ޖަހައިދީފައެވެ.