އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ވާދަކުރި މެޗުން އުނދަގޫ ގޮތަކަށް މާޒިޔާ މޮޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

މިއީ ދާދި ފަހުން މާޒިޔާގެ ކޯޗުކަމާ ހަވާލުވި ސާބިއާގެ މަޔޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާާޒިޔާ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުހައްމަދު ހައްޔާން

މާޒިޔާއިން މެޗު ފެށި ދާދި ފަހުން އެ ޓީމަށް ގެނައި ލީގާގެ ކުލަބް ލަސް ޕަލްމާސްއަށް ކުޅެފައިވާ ޓަނާ ޑޮމިންގޭޒް ފުރަތަމަ 11 ގައި ނުހިމަނައެވެ. ނަމަވެސް މާޒިޔާއިން މެޗު ފެށީ ވަރުގަދަ 11 އަކާ އެކުގައެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. އެ ޓީމުން ދިޔައީ ސަސްގެ ހާފު ތެރޭގައި ބޯޅަ ގެންގުޅެ ހަމަލާތަކެއް އުފައްދަމުންނެވެ. މާޒިޔާއިން އުފައްދަމުން ދިޔަ ހަމަލާތައް ސަސްގެ ޑިފެންޑަރުން ވަނީ ހުއްޓުވުމަށް ވަރަށް މަސައްކަތްކޮށްފައެވެ.

ސަސްގެ މުހައްމަދު ސަހާއު މާޒިޔާގެ އޭރިއާ ބޭރުން އެ ޓީމުގެ ޑިފެންޑަރެއް ކައިިރިން ނައްޓާއި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި މާޒިޔާއިން ގިނަ ހަމަލާތަކެެއް އުފެއްދި ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސަސް އިން ވެސް ދިޔައީ ކޮންމެވެސްް ވަރަަކަށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާާޒިޔާ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ހައްޔާން

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ސަސްގެ މަމްދޫހު އިބްރާހީމަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. އަދި އޭނާގެ ބަދަލުގައި އެ ޓީމުގެ ޔަޝްފާދު ހަބީބު ވަނީ ކުޅެން ނިކުމެފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް އައިސަމް ސަސްގެ ގޯލު އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިންނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ކޯނެލިއަސް އެޒެކެއިލް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ ހަމްޒާ މުހައްމަދު ދިން ބޯޅައެއް ސަސްގެ އޭރިޔާ ތެރެއިން ކީޕަރުގެ ބޯމަތިން މަޑުމަޑުން ގޯލަށް ފޮނުވާލައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާާޒިޔާ އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ / މުހައްމަދު ހައްޔާން

މާޒިޔާގެ ލަނޑަށްފަހު އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވި މަންޒަރު ފެނުނެވެ. ޕާސް ޖައްސައިގެން ކުޅެ އެ ޓީމުން ދިޔައީ ސަސްގެ ގޯލަށް އިތުރަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ސަސްގެ ޑިފެންޑަރުން އަދި ކީޕަރުގެ ފަރާތުން ފެނުނީ ހުށިޔާރުކަމެކެވެ.

މިއަދުގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ ލީގު ތާވަލްގެ ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތީ ކުލަބް ވެލެންސިއާއެވެ. އެ ޓީމަށް މާޒިޔާއާ އެެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަަމަވެސް، އެ ޓީމަށް ކުރި ލިބެނީ ޖެހި ގޯލުގެ އަދަދު ގިނަވުމުންނެވެ.

ލީގުގައި މިރޭ ކްލަބު އީގަލްސް ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއެވެ. މި ދެ ޓީމު މިރޭގެ މެޗަށް ނިކުންނައިރު ޓީސީން ވަނީ ފާއިތުވި އަހަރުގެ ލީގުގައާއި، ޕްރެޒިޑެންޓްސް ކަޕްގައިވެސް އީގަލްސް ބަލިކޮށްފައެވެ.