17 Feb 2022, 19:12
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި އިންޑިއާގެ އަލިގާ މުސްލިމް ޔުނިވާސިޓީ (އައިއެމްޔޫ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އައިޔޫއެމްގައި މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އެ އެމްއޯޔޫގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަދި އައިއެމްޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެޖިސްޓާ އަބްދުލް ހާމިދެވެ. އެ ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޝްރީ މުނޫމަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވާސިޓީގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި، ކިޔަވައިދިނުމާއި، ތަމްރީނާއި ދިރަސާކުރުންތައް ކުރިއަރާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ބުރަ މަސައްކަތުން މިފަދަ އެއްބަސްވުމެއް އެކުލަވާލެވުމުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ހަރުދަނާވެގެންދާނެ. މި ފުރުސަތު އަޅުގަނޑުމެނަށް ހޯދައި ދެއްވީތީ އެޑިއުކޭޝަން މިނިސްޓަރަށާއި އިންޑިއާގެ ހައި ކޮމިޝަނަރަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން،" އަބްދުލް ހަމީދު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި ޓްރެއިނިން ސެޝަންސްތަކާއި ސެމިނާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިޔުމާއި އަދި ހަމަ އެހެންމެ ދެފަރާތުން ގުޅިގެން ރިސާޗް ޕްރޮޖެކްޓްތައް ހިނާގާނެ ކަމަށެވެ.