ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިކަލުން މުހައްމަދު ޖާވިދުގެ ދިރިއުޅޭ ގޭގެ ތެރެއިން ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ހުސްފުޅިތަކެއް ފެނުނު މައްސަލަ ތަހުގީގު ކުރި ފުލުހަކާ މަގުމަތިން ދިމާކޮށް، އެ ފުލުސް މީހާގެ ސައިކަލަށް ގެއްލުން ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރީކޯ މޫސަގެ ދަނބިދަރިފުޅުގެ މައްސަލަ ބެލި ފުލުހަކާ ބަޔަކު ދިމާކޮށް، އޭނާގެ ސައިކަލަށް ގެއްލުންދިނީ ރޭގެ ވަގުތެއްގައި އެފުލުސް މީހާ އޭނާގެ އަންހެނުންނާ އެކު ބޭރަށް ނުކުމެ އުޅެނިކޮށް ކަމަށެވެ. އަދި އެގްރޫޕުން އެފުލުސް މީހާއާ ދިމާކޮށް އޭނާއަކީ ޖާ ގެ މައްސަަލަ ބެލި ފުލުހެކޭ ކިޔައި މަގުމަތިން ހަޅޭލެވުމަށްފަހު، އެ ފުލުސް މީހާއާ އޭނޭގެ އަންހެނުން ސޯސަންމަގުގައި ހުންނަ ފިހާރައަކަށް ވަން ވަގުތު ސައިކަލަށް ގެއްލުންދީ ތޫނު އެއްޗަކުން ސައިކަލްގެ މަޑި ކަފާލާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އެމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

" ހަތަރު މީހުންގެ ގްރޫޕަކުން ފުލުސް މީހާއާ ދިމާކޮށް، އޭނާއަކީ ރީކޯ މޫސަގެ ދަނބިދަރީގެ މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ ގޮވަމުން ދިޔަ، އެއަށްފަހު ސައިކަލަށް ގެއްލުންދިނީ ފިހާރައަކަށް ވަތް ވަގުތު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްދައުނުވާ ކަމަށެވެ.

މީގެއިތުރުން ޖާ ދިރިއުޅޭ ގޭގެ ތެރެއިން ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ފުޅިތަކެއް ފެނުނު މައްސަލަައިގެ ތަހުގީގު ނިންމުމަށްފަހު މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.