އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝާ އަލޮމް މިއާ (ސާލިމް)ގެ ކިބައިން މަރަށް މަރު ހިފަން ހުރިހާ ވާރިސުން އެދިއްޖެއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި މަހުމޫދުގެ ވާރިސުންގެ ބަސް ހޯދައި، މިހާރު ކުރިއަށް ދަނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

ސާލިމަށް ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.

ސާލިމް ވަނީ އެކަންކަމަށް އިއުތިރާފްވެފައެވެ. އަދި އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އޭނާގެ އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށްމަރު ހިފަންކަމަށް ދައުލަތުގެ ވަކީލުން މީގެ ކުރިން ވިދާޅުވެފައި ވުމުން، ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 26ގައި ބޭއްވި އަޑުއެހުމުގައި އިސްގާޒީ އަޙުމަދު ޝަކީލް ވަނީ ސާލިމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.