21 Feb 2022, 08:40
"އުދަގޫތަކުން މިންޖުވުމަށް އެދި ކެތްކުރުމަކީ އަޅުކަމެކެވެ. ޔަގީނުންވެސް އިމްތިހާނުތައް އަބަދަށްޓަކާ ދެމިގެނެއް ނުވާނެއެވެ."
***
"ކީއްވެ އައީ؟ ސައުދީއަށްފަހު ދޯހާއަށް ފުރާގޮތަށްނު އޮތީ؟"ސަމަރު ސުވާލުކުރިއެވެ.
"މަންމަގެ ވެޑިންއަށް މިއައީ...."ސަލާރު ލަގެޖް ދަމަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. "އެކަމަކު އާޒީން މިތަނުން ފެނުނީމަ ސަޕްރައިޒެއް ލިބިއްޖެ. މިގޭގައި ތި ހުންނަނީ؟ ހައު ކަމް ޔޫ ގެޓް އެލޯންގް ވިތް މައި ފެމިލީ؟ އިޓް ޑަޒްންޓް މޭކް އެނީ ސެންސް.........."
"އަސްލުވެސް ފެނާއި ތެޔޮ އެކުވާނެކަމަށް ދެކުމަކީ ކުށްހީއެއް. ސަލާރުގެ ދޮންބައްޕަ ހަނާގެ ކާފައަށް ވުމަކީ ތަގުދީރުގެ ސަމާސާއެކޭ ބުނާނީ. އެހެންވެ މިގެއަށް އައީ. އެކަމަކު މިތަނުން ބޭރުކޮށްލާ ހިސާބުގައި މިއޮތީ. ސަބަބަކީ ސަމަރުއާއި ދެމީހުން ފްރެންޑްވިތަނާ އަނެއް ކަންތަކާއި ލައިގަތީ..." ސަލާރުއާއި އެއްވަރަކަށް ހިނގަމުން އަލާޔާ މޭޕްލް ފަތަކާއި ކުޅެމުން ދިޔައިރު އަނެއް ފަޅިން އަރާ ސަމަރު ރުޅިގަދަވެފައި އެތިވަރު ގޮވައިގަތެވެ. އަލާޔާއާއި އޭނަ މައްސަލަ ޖެހުނު ސަބަބު ސަމަރު ގެ ފަރާތުން އިވުނެވެ. ސަލާރު ވެއްޓިގަތީ ކައުޗަށެވެ.
"ތިހުރިހާކަމަކަށްވުރެ ދެރަކަމެއްނު. އައި ލޮސްޓް މައި އިއާ."
ސަމަރުއާއި އަލާޔާ އިށީދެގެން ތިބީ ސަލާރުގެ ކުރިމަތީގައި ހުރި ސޯފާގައެވެ. ސަލާރު އަތް ޖައްސައިލީ ބެންޑޭޖް އަޅާފައި ހުރި ވައަތު ކަންފަތުގައެވެ.
ސެލްފިޝް އިޑިއަޓް.."ސަމަރު ރުޅިއައެވެ.
"ޔޫ ހޭވް ޕްރެގްނެންސީ ހޯމޯންސް އެހެންވެ ތި ފޯރި ގަދަވަނީ.ސަލާރު އާއި ދިމާލަށް އިޑިއަޓް ނުކިޔާތި އެހެންނޫނަސް ކާފަރުން ގޮވާހާ އެއްޗެހި ރީތިވެގެން ތިއިނގުރޭސި ނުހޮއްލާ ދިވެހިންވެސް ރީތި ނަންތައް ހުރޭ. އެހާ ބޮޑު ޒަޚަމެއް ހުރެ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ބައި ގެއްލުނީމަ ކޮންމެ މީހަކަށްވެސް އެއީ ކިހާވަރުގެ ކަމެއްކަން އިހުސާސްކުރެވޭނީ.."
"ކަންފަތުގެ ބޭރުން ކީއްކުރާނީ؟"ސަމަރު މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
"ކަންފަތުގެ ބޭރުން އަޑު ކަންފަތު ތެރެއަށް ގެންނަން މަސައްކަތްކުރާ ގޮތް ނޭގުނު ދޯ."
"މަންމާ........." ސަލާރު އޭނަގެ މަންމައަށް އަޑުކޮޅަށް ގޮވަންފެށިއެވެ.
"މި ފިރިހެނާ ދުވަހަކު ބޮޑެއްނުވާނެ.." ސަމަރު ލޯ އަޅައިލިއެވެ.
"ދެން އައިމަލްކަހަލަ މީހަކަށް ވީމަ ފިރިހެނަކަށް ވަނީ؟ ސަލާރު މާ ކިއުޓްކޮށް އުޅެނީ.............."
"އެހެންވެ ސަލާރު ހުއްޓާ ގޮސް އައިމަލް ބޭބެއާއި ހިތާވެގެން އިނީ. އެއީ ވަކި ރަގަޅު ފިރިހެނެއްތަ؟ އޭނަވެސް އަލާޔާ ދޫކޮށްލާފައި ދިޔަގޮތަށް ވީނުވީއެއް ނޭގުނު. އަލާޔާގެ އެންމެ ކަމުނުދާ ކަމަކީ ތިއީ.މީހަކު މަޝްހޫރުވެ މޮޅުވީމަ އެމީހަކު ފެންނާތީ.."ސަމަރުވެސް ދޫނުކޮށް ޖަދަލުކުރަން ފެށުމުން ސަލާރުއޮތީ މަޖާވެފައެވެ.
"ޕްލީޒް ސްޓޮޕް އިޓް ގާއިސް. އަހަރެންދެކެ ލޯބިވާ ކުއްޖެއްނަމަ މަންމައަށް ގޮވާ މިގެއިން ވަންނާނެ ތަނެއް ދައްކަބަލަ. ވަންނާނެ ރޫމެއްވެސް ދެއްކީމަ އިނގޭނީ..އެނީވޭސް ސަމަރު. ކޮންގްރާ. އަންކަލްއަކަށްވާން މިއުޅެނީ. ގުޑް ނިއުސް.."ސަލާރު މަޑުމަޑުން ބޮލުގައި ފިރުމައިލިއެވެ.
"ސަލާރު. އަހަރެންގެ ކޮމެންޓް ކިންތަ؟"
"ކޮމެންޓް ކިޔާނެ ވަރެއް އަދި ނެތް..."ސަލާރު ހިނިތުންވެލިއެވެ.
"ކޮމެންޓް ކިޔައްޗޭ. މޭޕްލް ފަތެއް......ލޯބި ދޯ..." އެހާ އިރުވާންދެން ކުޅެ ކުޅެ އިން ފަތް ސަލާރުގެ އަތަށް ލައްވައިލުމުން ސަލާރު އެއަށް ބަލަހައްޓައިގެން އިނީ ޝައުގުވެރި ނަޒަރަކުންނެވެ.
"ހައު އަންރޮމެންޓިކް...."ސަމަރު މޫނުކުނިކޮށްލައިގެން އިނެވެ.
"އަހަރެމެން ދެމީހުންނަކީ ކަޕްލްއެއްހެން އެކްޓްކުރަން އެބަޖެހޭ އިނގޭ ސަލާރު. މި ސަމަރު އޭނަގެ ދޮންބައްޕަ ގާތު އަހަރެން ތައާރަފުކޮށްދިނީ ސަލާރުގެ ލޯބިވެރިޔާއޭ ކިޔާފައި.................." އަލާޔާ ނިކަން ހިނިއައިސްފައި ހުރެ ސަމަރުއަށް ވަށްކަޅިއަކުން ބަލައިލިއެވެ. ސަމަރުގެ އެތެރެހަށި އަންދާއަޑުވެސް އިވުނުހެން ހީވިއެވެ. ހުޅެއް ރޯވާނީ މިކަހަލަ ގަޑިއެއްގައެވެ.
"ތި ދެމީހުންހާ ގުޅޭ ކަޕްލްއެއް އަސްލުވެސްނެތް. މަ ހަމަ މިހިރީ ފަހަރީގެ ގޮތުގައި ބަލައިގަންނަން ތައްޔާރަށް. ސަބަބަކީ ފަހަރިން އެންމެ ހަސަދަ ބޮޑުވެ ޖައްސައިލާނީ. އަލާޔާ އަދި މީހުން ރުޅި އަރުވަން އެންމެ ކުޅަދާނައީ....." ސަމަރުގެ ޖުމްލަތައް ހުއްޓުނީ ސޫފިޔާނާ އާއި ކަމާލުއްދީން ސިޑިން ފައިބައިގެން އައިތަން ފެނިފައެވެ. ދެމީހުން ތިބީ ބޭރަށް ދާން ތައްޔާރުވެލައިގެންނެވެ. ސަލާރު ފެނުމުން ކަމާލުއްދީން އުފަލުން ހިނިތުންވަމުން ސަލާރު ގެނެސް މޭގައި ޖައްސާލައިފިއެވެ. އަދި އޭނަގެ މިއުޒިކާއިމެދު ފަޚުރުވެރިވާކަން ހާމަކުރިއެވެ.
***
ކަމާލުއްދީންއާއި ސޫފިޔާނާގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާން އައިމަލް އަދި ޝެނަންވެސް އެތަނަށް ހާޟިރުވިއެވެ. އެމީހުންގެ މޫނުގެ ކުލަ ފަނޑުވެފައިވިނަމަވެސް ހިތާމަތައް ފޮރުވައިގެން ތިބެ ދެއްކުންތެރި ހިނިތުންވުންތައް ތުންފަތަށް ވެރިކޮށްލައިގެން ތިއްބެވެ. ސަމަރު އައިމަލްއާއި ދިމާލަށް އެތައްފަހަރު ސިއްރުން ބެލިތަން އަލާޔާއަށް ފެނުނެވެ. އެއް ފަރާތުން ވެވޭ ލޯތްބަކީ ވޭނެކެވެ. އައިމަލްކަހަލަ މަކަރުވެރި ފިރިހެނުންގެ ފަހަތުން ދުވާ އަންހެންކުދިން ތިބޭކަމީ އަންހެނުންނަށް ހުރި ހުތުރެކޭވެސް ހިތަށް އެރިއެވެ.
"ލަވް އިޒް ބްލައިންޑް ދޯ. އެކި ކުދިންގެ ވިސްނުން ތަފާތުވާނެ. ސަމަރުއަށް ސަޕޯޓާއި ލޯބި މިދުވަސްކޮޅު އެންމެ ބޭނުންވާނީ...."އަލާޔާ ތުންފަތުގައި ދަތް އަޅައިލިއެވެ.
***
ސަލާރުއާއި އަލާޔާ ކޮފީ ހިފައިގެން ގޮސް ޖައްސައިލީ ބަގީޗާ ތެރޭގައެވެ. ޚަރީފު ފަތްތަކުން ޖަރީވެ ރަނާއި މުށި އަދި ރަތުން ފޭރާން އަޅާފައިވާ ގަސްތަކުން ވެރެމުން ދިޔަ ފަތްތަކުން ބިންގަނޑުގައި ދޫލަ އެޅިފައިވާއިރު އެހާ ޗާލެވެ. ސަލާރުވެސް ޚަރީފުކުލަތައް ހުރި ސްކާފެއް ކަދުރާއަށް ވައްޓާލައިގެން އިންއިރު އެ ދޮންމޫނުން މައުސޫމްކަން ފެނެއެވެ.
"އަހަރެން ނަން ބަދަލު ކުރީއެއްނޫން އާޒީން. އެއީ ހަމަ އެކަނި ލަވައިގެ ދުނިޔޭގައި މަޝްހޫރުވިނަން. ޝޭން އެނަމާއި މިހާރު އެއްވެސް ގުޅުމެއްނެތް. މިއުޒިކް ހުއްޓާލައިފިން. މަޝްހޫރުކަމާއި ރީތިނަން ދުނިޔެއިން ލިބުމަށްވުރެ އަހަންނަށް މުހިއްމީ އަދި އެހެން ކަމެއް. އެ ޕާސްޓްގައި ކުރެވުނު މޮޔަކަމެއް........"ސަލާރު ގޮނޑީގެ އަތްގަނޑަށް ލެނގިލަމުން މަޑުމަޑުން ބުނެލިއެވެ.
"ދެން ކޮބާ ޑްރީމްސް؟ ކީއްކުރަން ގަސްތުކުރަނީ؟"
"ކުރީގެ ވެޓް ކްލިނިކް ހުޅުވައިގެން ޖަނަވާރުންނަށް ބޭސްކުރުން." ސަލާރު ފޮރުވުމެއް ނެތި ބުނެލިއެވެ.
"ވަކި ހިސާބަކުން ކޮންމެ މީހަކަށްވެސް ހަގީގަތަށް ލޯ ހުޅުވޭނީ. ދުނިޔޭގެ ރީތިކަމުގެ އަވައިގާ ޖެހިގެން ވަރަށް ގިނަ ބަޔަކު މަގު އޮޅިގެންދޭ. އެނގޭތަ؟ސަލަރުގެ ތި ނިންމުމަށް މިއަދު އަހަރެންވެސް ތާއީދުކުރަން.."އަލާޔާ ހިނިތުންވެލިއެވެ.
"އަލާޔާގެ ޑްރީމްސް؟" ސަލާރު އެލޮލާއި ހަތަރުކަޅި ހަމަކޮށްލުމުން އަލާޔާ ފިނިވާގޮތްވިއެވެ. ވަށައިގެން ވި ފިނިކަމަށްވުރެ އެ ފިނިކަމުން ހިތަށް ލިބުނު އަރާމު ބޮޑެވެ.
"ހޮސްޕިޓަލުގެ ޖޮބަށް ގޮސް އާދައިގެ ދިރިއުޅުމެއް އުޅުން. ފެމިލީއަކާއެކު.."
"އެމޭޒިން.....ގްރޭޓް." ސަލާރު ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ."އެޓްލީސްޓް ދެމީހުންނަށް އަހަރެމެންގެ ގްރޫޕާއެކު އުޅެލެވޭނެ ދޯ..ރެކިދައްތަމެންނާއިއެކު ހަވީރު ސައިބޯ ގަޑި މަތިން ވަރަށް ހަނދާންވޭ."
ސަލާރު ފޯނު ހުޅުވާލާފައި ވަރަށް ފޯރިއާއެކު އެމީހުން އެއްކޮށް ނަގާފައި ހުރި ސެލްފީތައް ދައްކަން ތެދުވެގެން ކައިރިވެލިގޮތުން އަލާޔާ ކަންބޮޑުވެސްވިއެވެ. އޭނަގެ ސިކުނޑީގެ ކަނަކުން އެންގީ ސަލާރުގެ ނިޔަތް ރަގަޅުވިޔަސް އެފަދަ ގުޅުމެއް ހަލާލުގޮތުގައި ނޫނީ ކުރިއަށް ގެންދުން ދެމީހުންނަށްވެސް ރަގަޅު ނޫންކަމެވެ. ދެމީހުން އެންމެ އަޅުވެރި ނޫނަސް ރަގަޅުވާން މަސައްކަތްކުރެއެވެ. އޭނަގެ ކުރީގެ ކޫސަނި ވިސްނުންދޫކޮށް ދީނާއިމެދު ވިސްނަން ފެށުމުން ކޮންމެ ކަމެއްގައި އިސްކުރެވެނީ ދީނީ މަސްލަހަތެވެ.
"މިއީ ރަގަޅުކަމެއްތަ؟"އަލާޔާ އެހިއެވެ.
"ވަޓް؟" ސަލާރުގެ ލޮލުން ހައިރާންކަން ފެނުނެވެ.
"ދީނުގައި ރަގަޅުކަމަކަށް ނުވީމަ މިއުޒިކް ހުއްޓައިލީ......."
"އިބުރަތެއް ލިބުނީމަ..އިޓް ވޯޒް އެ ނައިޓްމެއަ...ބުނެދޭކަށްވެސް ނޭގޭ. އެފަހުން ނިދަން ބިރުގަނެ ފާޑުފާޑު ހުވަފެން ފެނި ލޮލަށް އަބަދު އެ މަންޒަރު ފެންނަހެން ހީވޭ. ކުރިންވެސް ފޯބިއާތައް ހުރޭ.މިހާރު މެންޓަލްވާން ފަށައިފި. އެކަމަކު ހިތަށް އަރަނީ އީމާންކަން ބަލިކަށިވެގެން ބާވައޭ މިހެންވަނީ. މިފަދަ ނަފްސާނީ އުދަގޫތަކުން ދުރުހެލިވާން އެންމެ ރަގަޅުގޮތެއްކަމަށް ފެނުނީ މި ދުނިޔެއަށް އައި ޕާޕޯސްއަކީ ކޮބާކަން ދެނެގަނެ އެކަން ކުރުން......." ސަލާރު އަލާޔާއާއި ވާހަކަދެއްކީ ގާތް އެކުވެރިއަކާއި ސިއްރުތައް ހިއްސާކުރާ ފަދައިންނެވެ." ދެން ކޮބާ ތި ރަގަޅުކަމެއްހެއްޔޭ އެހުމުގެ މާނައަކީ؟"
"އަހަރެމެންގެ ގުޅުން......."އަލާޔާ ބުނަން އުޅުނެވެ.
"އާޒީން އަހަންނާއި މެރީކޮށްފާނަން؟ ކަންފަތް ނެތަސް؟ މޮޔައަކަށްވިޔަސް؟ ވެޓްއަަށް ވިޔަސް؟" ސަލާރު ބުމަ އަރުވައިލިއެވެ.
"އާނ. އަހަންނަށް ހީވަނީ އެންމެ އެކީ އުޅެން ފަސޭހަ މީހަކީ ތިއީހެން. އަދި ދީން ދަސްކޮށް ﷲ ރުއްސަވާގޮތަށް އުޅެން ދެމީހުން ބޭނުންވަނީ އެއްވަރަކަށް ކަން ނޭގޭ. އަދި އެހާ ފެންސީ ލައިފްސްޓައިލްއެއް ބޭނުންނުވެ ރާއްޖޭގައި އުޅެން ބޭނުންވާކަހަލަ ވިސްނުމެއްވެސް އެބަހުރި. ކަންފަތް ކީއްކުރަން ނޭފަތް ނެތަސް މެރީކޮށްފާނަން..ވެޓް ކީއްކުރަން ޒޫ ބަލަހައްޓާ މީހަކަށްވިޔަސް ހެޔޮ.." އަލާޔާގެ ހިތް އުފަލުން ނަށައިލިއެވެ. ހަގީގަތުގައިވެސް ﷲގެ ހަޟުރަތުގައި އެންމެ ރަގަޅުމީހަކީ ތަގުވާވެރިމީހާއެވެ.
"އާހް. ތެންކިއު."ސަލާރު ހިނިތުންވެލަމުން ދެއަތުން މޫނު ފޮރުވީ ލަދުން ކަހަލަގޮތަކަށެވެ. ދެން އިނގިލި ދޭތެރެއިން އެއް ލޯ ދައްކައިލިއިރު އެލޮލުގައި ލާނެތްކަމެއްވިއެވެ.
***
ސަލާރުގެ ވާހަކަތައް އަހާފައި ސޫފިޔާނާގެ ބޮލަށް އެނބުރުން އެރިއެވެ. ސަލާރުފަދަ ޒުވާން ތައުލީމީ ރީތި ފިރިހެނަކަށް އަލާޔާ ނޫން އަންހެނަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީހެއްޔެވެ؟މާސިންގާ ދަރިއެއްގެ މަންމައެކެވެ.
"ސަލާރުއަކީ އެހާވެސް ބޮޑު ލޫޒާއެއްތަ؟" ސޫފިޔާނާ ރުންކުރުވެފައި ސުވާލުކުރިއެވެ.
"ޝީޒް ދަ ލަވް އޮފް މައި ލައިފް މަންމާ..." ސަލާރުގެ އެ ޖުމްލައިން ސޫފިޔާނާގެ ލޯ ބޮޑުވެ ކަޅިވެސް ހިނދުކޮޅަކަށް ހުއްޓުނެވެ."އާޒީން ނޫން މީހަކާއި އިންނަން ވެއްޖެއްޔާ އުމުރަށް ހުހަށް ހުންނަން ކަމަށް ވައުދުވެފައި އޮތީ. ޕްރޮމިސް ބްރޭކްކުރާކަށް ނޭދެން. މިއީ އަޅުގަނޑުގެ އެންމެ ފަހުގެ ނިންމުން. އިތުރު އެއްވެސް އަންހެންކުއްޖަކު އަޅުގަނޑުގެ ހަޔާތަކަށް ނާންނާނެ......"
ސޫފިޔާނާ ބަސްހުއްޓިފައި އިރުކޮޅަކު ހުރުމަށްފަހު ސަލާރުގެ ނިންމުން ބަދަލުކުރަން އެތައްފަހަރު އެދުނެވެ.
"އަލާޔާ މިގެއަށް އައިފަހުން ބޮޑު ހައިޖާނެއް ހަދައިފި. އެކަހަލަ ކުއްޖަކާއިއެކު ދިރިއުޅޭނީ ކިހިނެއް ސަލާރު. ހެޔޮނުވާނެ. އެ ނޫން ކޮންމެ ކުއްޖެއްވެސް މަންމައަށް އޯކޭ......"
"މަންމާ.އަލާޔާ ޑޮކްޓަރ އައިމަލް ބަސްޓްކުރި ގޮތާއިމެދު އަޅުގަނޑު ހިތްހަމަޖެހުނު. އެކަހަލަ ކަންތައް ފޮރުވަން ހަދައިގެން އެހެން ކުދިންނަށް ދެވޭ އަނިޔާއެއްކަމަށް ދެކެނީ. މިހާރު އޭނައަށްވެސް އެކުރެވުނު ކަންތައްތަކުގެ ޒިންމާދާރު ކުޑަކަމާއި ބޭވަފާތެރިވިކަމުގެ ހިތި ރަހަ ކަރުގައި ލާނެ. ހީ ޑިޒާވްޑް އިޓް މަމް..ނަސީބެއްނު އަލާޔާ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާނުލިކަން. މަންމަގެ އަންހެންދަރިފުޅަށް އެފަދަ ކެއްސެއް ދިން މީހަކު ދިފާއުކުރުމަކީ އެންމެ ބުއްދިވެރިގޮތެއް ނޫން. މަންމަ އަލާޔާ ހައިޖާނެއް އުފެއްދީއެއްނޫން. ސަމަރުއަށް ޖަސްޓިސް ހޯދަދިނީ......"
"ސަލާރުއަށް އެ އަންހެނާ ހެދީ ކޮން ސިހުރެއްކަމެއްވެސް ނޭގޭ. އޭނަ ސަލާރުއަށް ކެހިދީފައި ދޫކޮށްލާފައި ދިޔަ ހަދާނެއް ނުވޭތަ؟"ސޫފިޔާނާގެ މޫނަށް ރަތްކުލަވެރިވިއެވެ. ރުޅިގަދަވެގެންގޮސް ހަމަ ވިސްނުމުން އެއްކިބާވީއެވެ.
"އެކަމުގައި ރީޒަން އެއް އޮތް. ފަހުން އެނގުނީ...."
ސަބަބު މަންމައަށް ކިޔާދޭން އުޅެފައިވެސް ސަލާރު ހިމޭންވިއެވެ. މަންމަ ގަބޫލެއްނުކުރާނެއެވެ. މަންމަ އަލާޔާދެކެ ނަފްރަތުކުރަނީ މަންމަމެންފަދަ ގަދަރުވެރި މުއްސަދި އާއިލާއެއްގެ ކުއްޖަކަށް އަލާޔާ ނުވީމައެވެ. އެފަދަ ތަފާތުކުރުންތައް ނައްތާލަން ޖެހޭ ޒަމާން އަތުވެއްޖެކަމަށް އަދިވެސް މަންމަ ގަބޫލުނުކުރަނީއެވެ.
"އަޅުގަނޑު ޔަގީނުންވެސް އައިމަލް ގާތު މިގޭގައި ހުންނާކަށް ނޭދެން. އެހާ ނިކަމެތިކޮށް ސިސްއަކާއިމެދު ކަންތައް އެކުރީ. މަންމަގެ ވެޑިންއަށް އައީ. އެހެނޫންސް އަޅުގަނޑު މިއުޒިކް ހުއްޓާލާފައި އަލުން ކްލިނިކް ހުޅުވަން ދާން ނިންމައިފިން...."
"ސަލާރު....." ސޫފިޔާނާ އިނީ ޝޮކެއްގައެވެ."އެ އަންހެނާ ހަމަ ރަގަޅަށްވެސް ވަސްވާސް ދިނީތަ؟"
"ނޫން މަންމާ. މިއީ އަޅުގަނޑަށް ފެނިގެން އަމިއްލައަށް ނިންމިގޮތް.."
***
ސަމަރު ހޮޑުލާތަން ފެނުމުން އަލާޔާ އެހީވާން އަވަސްވެގަތެވެ. ފިނިފެންކޮޅަކުން މޫނު ފޮހެލަދީފައި އިނގުރު ސައިތަށްޓެއް ގެނެސްދިނެވެ. އެފަދަ ވަގުތެއްގައި ސަބޫރުއަށްވުރެ އަލާޔާގެ ފަރާތުން އެހީތެރިކަން ލިބުމުން ހިތުގެ އަޑިން ޝުކުރުވެރިވިއެވެ. ލޯތްބާއި އެއްވަރަށް އަޅައިލުން ދިނުމަކީ ބަލިމީހާއަށް ކިހާވަރެއްގެ މުހިއްމުކަމެއްކަން ސަމަރުއަށް އިހުސާސްކުރެވުނެވެ.
***
އައިމަލް ކޮންމެވެސް މީހަކަށް ގުޅައިގެން ބަގީޗާތެރޭގައި ހުރެ ދެކޮޅަށް ހިނގަމުންގޮސް ކުއްލިއަކަށް ވިނަތަކުގެ މައްޗަށް ތިރިވީ ހަށިގަނޑުން ބާރު ހުސްވެގެން ކަހަލަ ގޮތަކަށެވެ. އަލާޔާ ކުޑަދޮރުން އެ މަންޒަރު ދެކެން ހުއްޓެވެ.
"އައިމަލްއަށް އެވީ ކިހިނެއްތަ؟ ކޮންމެ ގޮތަކަށް ހެދިޔަސް ހަނާގެވެސް އަންކަލް. އެހެންނޫނަސް އިންސާނިއްޔަތަށްޓަކާ އެހީވާން ޖެހޭނެ..ފިނިވެސް ގަދަކަން. ވައިރޯޅިވެސް ގަނޑުފެނުގެ އަސަރު މިހުންނަނީ..."
އަލާޔާ ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން އަވަސް ހިނގުމެއްގައި ބޭރަށް ނުކުތެވެ.
ނުނިމޭ