ފްރަންޓް ލައިންގައި މަސައްކަތްކުރާ ޖަލު އޮފިސަރުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާން ފަށަން ތައްޔާރުވެއްޖެއެވެ.

ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ތައްޔާރުވަމުން އަންނައިރު މިދިޔަ އާދިއްތާ ދުވަހު، ދިވެހި ފުލުހުން ވެސް ވަނީ ބޮޑީ ވޯން ކެމެރާ އިފްތިތާހު ކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސްސީ) އިން ބުނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ޓްރަޔަލްއެއްގެ ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ "ޒެޓާ ޓެކްނޮލަޖީސް"އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ޕްރަންޓް ލައިން ޖަލު އޮފިސަރުންވެސް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުން -- ފޮޓޯ/ ކަރެކްޝަން

ކަރެކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅެވެ. "ޒެޓާ ޓެކްނޮލޮޖީސް"ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އައިމަން އާދަމްއެވެ.

ކަރެކްޝަނުން ބުނީ އެ ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެއް ކަމަށެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒާ ފޯރުކޮށްދޭނެ ކަމަށާއި އަދި ޒިންމާދާރުކޮށް ޓޭޒާ ބޭނުންކުރުމާއި ބޭނުންކުރާނެ ހާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

ޖަލު އޮފިސަރެއްގެ ޔުނިފޯމްގައި ބޮޑީ ވޯން ކެމެރާއެއް ހަރުކޮށްފައި -- ފޮޓޯ/ ކަރެކްޝަން

ކަރެކްޝަނުން ބުނީ މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ކަމަށެވެ. މީގެ އިތުރުން މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.

"މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް،" ކަރެކްޝަނުން ބުންޏެވެ.