ބ. އޭދަފުށީ، އައިމިނަތު ރަޝީދާ، 58، އަކީ ބޭރުގެ އެކި ގައުމުތަކުން ތަކެތި އެތެރެކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ މީހެކެވެ. އޭނާ ވިޔަފާރިކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ.

އެހެންކަމުން ވިޔަފާރި ދަތުރުތަކުގައި އޭނާ ގިނައިން އުޅެނީ ރާއްޖޭން ބޭރުގައެވެ. އެ އާއިލާއަށް ލިބުނު ޝޮކަކީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ކޮޗިންއަށް ދިޔަތަނުން މަސްތުވާތަކެތީގެ މައްސަލައެއްގައި ރަޝީދާ ހައްޔަރު ކުރުމެވެ.

އިންޑިއާގެ މުމްބާއީން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ރަޝީދާ ހައްޔަރުކޮށް މިހާރު ވެސް ހުރީ ޖަލު ބަންދުގައެވެ. ކޮޗިން އެއާޕޯޓުން އޭނާ ހައްޔަރު ކުރިއިރު ވިޔަފާރީގެ ދަތުރުގައި ދިޔައީ ވެސް އޭނާ އެކަންޏެވެ. ރަޝީދާއަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެންސީބީން އަންނަނީ ފާރަލަމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އުފަން ހަތަރު ދަރިންނާއި ހަ މާމަ ކުދިން ތިބޭ ރަޝީދާ އާއްމުކޮށް ރާއްޖެ އެތެރެ ކުރަނީ ގަހާއި ފޮތީގެ އިތުރުން އަންނައުނެވެ. އެ ތަކެތި ގަތުމަށް ޓަކައި އިންޑިއާއާއި ލަންކާގެ އިތުރުން ދުބާއީއާއި ބެންކޮކަށް ވެސް އޭނާ އާއްމުކޮށް ގޮސްއުޅެއެވެ.

ރަޝީދާގެ އާއިލާގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ބުނިގޮތުގައި މިއީ އިންޑިއާގައި ދިރިއުޅޭ ދިވެއްސަކާއި ރަޝީދާގެ ކާގޯ އެޖެންޓުގެ ރޭވުމެއްގެ ދަށުން އޭނާއަށް ދީގެން އުޅޭ ލަނޑެކެވެ. އެ ކާގޯ އެޖެންޓަކީ އިންޑިއާ މީހެކެވެ.

"މިކަމަކީ އިންޑިއާ ބެންގަލޫރުގައި އުޅޭ ދިވެއްސަކު މެދުވެރި ވެގެން ދިން ބޮނޑިއެއް. ދެން މިކަމުގައި މިއުޅެނީ އާރިފް ކިޔާ އިންޑިއާ މީހެއް. އެއީ ރަޝީދާއަށް ޓްރެވަންޑްރަމްއިން އެއްޗެހި ފޮނުވާ ކާގޯ އެޖެންޓް. އެ ދެ މީހުން ދީގެން އުޅޭ ލަނޑެއް މިއީ. އެވަރު އަޅުގަނޑު ޔަގީން ކޮށްދެން،" އާއިލާ މެމްބަރު ބުންޏެވެ.

ރަޝީދާގެ މައްޗަށް ތުހުމަތު ކުރެވެނީ އެކި ބާވަތުގެ މުދާ ޑެލިވާކޮށްދޭ ކުންފުންޏެއްގެ އޮފީހަކުން، 3.9 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައިވާ ޕާރުސަލެއް ފެނުނު މައްސަލައެއްގައެވެ. އެ ޕާރުސަލު ފޮނުވަން ހަމަޖެހިފައި އޮތީ ރަޝީދާއަށް ކަމަށް އެންސީބީން ބުނެފައިވެއެވެ.

އާއިލާ މެމްބަރު ބުނީ ރަޝީދާގެ ނަމާއި އެޑްރެސް އޭނާގެ ކާގޯ އެޖެންޓާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި މީހާއަށް އެނގޭއިރު އޭނާގެ ނަމުގައި ޕާރުސަލެއް ހެދުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ރަޝީދާގެ އަތުން މިހާތަނަށް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް އާއިލާ މެމްބަރު ބުންޏެވެ.

"އެޑްރެސް އެނގެންޏާމު ނަމުގައި ޕާރްސަލެއް ހެދިދާނެ ދެއްތޯ ކޮންމެ މީހަކަށް ވެސް. އަޅުގަނޑުމެންނަކަށް ނޭންގެ ޕާރުސަލަކީ ކިހިނެއް އައިސްގެން އުޅޭ އެއްޗެއް ކަމެއް ވެސް. ރަޝީދާގެ އަތުން މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ،" އޭނާ ބުންޏެވެ.

އާއިލާއިން ބުނާގޮތުގައި ރަޝީދާގެ ކުށުގެ އެއްވެސް ރެކޯޑެއް މިހާތަނަށް ރާއްޖޭގައި ވެސް އަދި ބޭރުގެ ވެސް އެއްވެސް ގައުމެއްގައި ނޯންނާނެއެވެ.

އިންޑިއާގެ އަންގަމަލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ރަޝީދާގެ ބަންދަށް ތިން ދުވަސް ވަނީ ޖަހައިފައެވެ.

ގާނޫނީ ވަކީލުން މެދުވެރިކޮށް ރަޝީދާ މިނިވަން ކުރުމުގެ މަސައްކަތް އެ އާއިލާއިން ކުރަމުން ދިޔަ ނަމަވެސް އަދި މިހާތަނަށް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. ސިއްހީ އެތައް މައްސަލައެއް ހުންނަ ރަޝީދާ ހުރީ ބަންދުގައެވެ.

ރަޝީދާ ހައްޔަރު ކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

މުޅި އުމުރު ވިޔަފާރީގައި ހޭދަ ކުރަމުން އައި ރަޝީދާގެ މައްޗަށް ކޮށްފައިވަނީ ބޮޑު ތުހުމަތެކެވެ. ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ މައްސަލައެކެވެ. އާއިލާއިން ބުނާ ގޮތުގައި މިއީ ބަޔަކު އޭނާއަށް ދިން ލަނޑެކެވެ.