20 Jul 2010, 15:59
19:10
ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު އިމާދުއްދީން ސްކޫލްގައި ބެޑްމިންޓަން ކުޅުއްވަން ހުންނަވަނިކޮށް، އެ ސްކޫލްގެ ހޯލްތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައިފި އެވެ.
އިމާދުއްދީންގެ ބެޑްމިންޓަން ކޯޓުގައި ޝާހިދު ކުޅުއްވަން ހުންނެވިކަން އެނގިގެން ވިއްސަކަށް މީހުން މިރޭ ހަތެއް ޖެހިފަހުން އެ ސްކޫލްގެ މައި ގޭޓުން އެތެރެއަށް ވަދެގަނެ، ދެވަނަ ބުރީގައި ހުންނަ ބެޑްމިންޓަން ހޯލާ ހަމައަށް ގޮސް ޝާހިދާއި ދިމާލަށް ހުތުރު އެއްޗެތި ގޮވައި އަޑުގަދަކޮށް، ޝާހިދުގެ އިސްތިއުފާ އަށް ވެސް ގޮވައި ހެދި ކަމަށް އެ ވަގުތު އެތަނުގައި ހުރި މީހަކު ސަން އެފްއެމަށް ކިޔައިދިނެވެ. ނަމަވެސް ގިނަ އިރުތަކެއްނުވެ، އެ މީހުން ވަނީ އެތަނުން ގޮސްފަ އެވެ. ފުލުހުންގެ ފައުޖެއް އެ ސްކޫލަށް ދިޔައީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.
އިމާދުއްދީން ސްކޫލްގެ ދެ ވަނަ ބުރީގައި ހުންނަ ބެޑްމިންޓަން ކޯޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުޅުއްވަން ހުންނެވިއިރު އެ މަނިކުފާނުގެ ބޮޑީގާޑު ހުރި ކަމަށް ވަނީ މަގުމަތީގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ހާދިސާ ހިނގިތާ ގިނައިރުތަކެއްނުވެ، ފުލުހުންނާއި ސިފައިންގެ ހިމާޔަތުގެ ދަށުން ޝާހިދު ގެއަށް ވަޑައިގަތީ، އިމާދުއްދީންގެ ވަލުދޮރާށިން ނުކުމެވަޑައިގެން، ޓެކްސީއެއްގަ އެވެ.