17 Feb 2022, 12:40
ސިނާއީ މަސައްކަތް ކުރަން ވިލިމާލެއިން ބިން ދޫކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ވިލިމާލޭގެ ސިނާއީ ސަރަހައްދުން މިވަގުތު ހުސްކޮށް އޮތް 13 ސްލޮޓް ސިނާއީ މަސައްކަތްތައް ކުރުމަށް ހުޅުވާލުމަށާއި އޭގެތެރެއިން ކަނޑައެޅޭ ވަކި އަދަދެއް ވިލިމާލޭގެ ރައްޔިތުންނަށް އިޤްތިޞާދީ މަސައްކަތްތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ފާސްކުރީ އިއްޔެއެވެ. އެއީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ.
ވިލިމާލޭ ކައުންސިލަރު ނަހުލާ ޢަލީގެ މި ހުށަހެޅުއްވުން ފާސްވެފައި ވަނީ ޖަލްސާއަށް ހާޒިރުވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.
މިއީ ވިލިމާލޭ ރައްޔިތުންނަށް އިސްކަންދީ، އިޤްތިޞާދީ މަސައްކަތް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ހުށަހެޅި ހުށަހެޅުއްވުމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.
"ވިލިމާލޭގެ ވަރަށް ގިނަ ރައްޔިތުން އެބަތިބި، ގޭތެރޭގަވެސް ވަރަށް ގިނަ މަސައްކަތްތައް ކުރާ ބޭފުޅުން. މިސާލަކަށް ދަގަނޑުގެ މަސައްކަތް، ހަވާދުގެ މަސައްކަތް، އަދިވެސް އެހެނިހެން އިތުރު މަސައްކަތްތައް ގޭތެރޭގަ ކުރައްވާ ވަރަށް ގިނަ ބޭފުޅުން ވިލިމާލޭގަ އެބަ ދިރިއުޅުއްވާ،" ނަހުލާ ވިދާޅުވިއެވެ.
ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ މިކަހަލަ ވަރަށް ގިނަ ފުރުސަތުތައް ލިބޭ ތަނަކަށް ވާއިރު، ވިލިމާލޭގެ ރައްޔިތުންނަށް އިސްކަންދީގެން، މާލޭ ރައްޔިތުންވެސް ހިމެނޭހެން ސިނާއީ ސަރަހައްދުން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
މި ޖަލްސާގައި މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވެސް ވިދާޅުވީ، ވިލިމާލޭގެ ގެތަކުގައި ފުޅާދާއިރާއެއްގައި އެކި ކަހަލަ މަސައްކަތް ކުރާކަމަށެވެ.
ޖުމްލަ 13 ސްލޮޓްގެ ތެރެއިން ވިލިމާލޭ ރައްޔިތުންނަށް ހަ ސްލޮޓް އަދި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނަށް ބާކީ ސްލޮޓްތައް ދޫކުރަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ނަމަވެސް މާލޭ އަވަށްތަކުގެ މީހުންނަށް ދޫކުރާ ސްލޮޓަށް ކުރިމަތިލާ މީހުންނަކީ، މާލޭ ރައްވެހިންނަށް ވާން ޖެހެއެވެ.