ޔޫތު މިނިސްޓްރީގެ "ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގުރާމު"ގެ ދަށުން، އެމްޕީއެލްގައި ހުރި ފުރުސަތުތައް ޒުވާނުންނަށް ކިޔައިދީފިއެވެ.

އެމްޕީއެލްގެ ބަނދަރު މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ އާއި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު ވިދާޅުވީ އެ ކުންފުންޏަކީ ތަފާތު ގިނަ ދާއިރާތަކަކުން ކުރިއަށް ދެވެން އޮތް ކުންފުންޏެއް ކަމަށާއި، ހާއްސަކޮށް ފަންނީ ގިނަ މަސައްކަތްތަކެއް އެ ކުންފުނީގައި އެބަހުރި ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން ތިޔަ ހުރިހާ ކުދިންނަށްވެސް މިއީ ކެރިއާއެެއް ބިނާ ކުރުމަށް ރަނގަޅު ފެށުމަކަށް ވާނެކަމަށް،" ޝާހިދު ވިދާޅުވިއެވެ.

ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގުރާމ އެމްޕިއެލްގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއީ މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ޕްރޮގުރާމެއް ކަމަށެވެ. އަދި އެ ޕްރޮގުރާމުގެ ބައިވެރިންނަށް ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ފަންނުވެރި ޒުވާނުން ބިނާކުރުމަކީ އެ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ކުރާ މަސައްކަތުގެ ވަރަށް ބޮޑު ޕަސެންޓެއް ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ، އެކަމަކު ހަމަ އެއާއެކު، ޒުވާނުންނަށް ހާއްސަކޮށްގެން މިކަހަލަ ޕްރޮގުރާމުތައް ވެސް އެބަ ހިންގަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްރޮގުރާމުގެ މައުލޫމާތު ދިނުމުގެ ސެޝަން މިއަދު ކުރިއަށްގެންދިޔައީ ޖުމްލަ 12 ބައިވެރިންނާއެކުގައެވެ.