17 Feb 2022, 11:01
މޮސްކޯ (17 ޖަނަވަރީ 2022): ޔުކްރޭންގެ މައްސަލައިގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ނޭޓޯއިން ކަޅުކަނޑުގައި އަސްކަރީ ބާރު ވަރުގަދަ ކުރަމުން ގެންދާކަމަށް ރަޝިއާ ބުނެފިއެވެ.
ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މާރިޔާ ޒަޚަރޫވާ ވިދާޅުވީ ނޭޓޯއިން ކަޅުކަނޑަށް އަސްކަރީ ބޮޑެތި އުޅަނދުތައް ފޮނުވާއިރު ރަޝިއާއާ ޖެހިގެން އޮންނަ ޕޮލެންޑާއި ރުމޭނިއާގައިވެސް ނޭޓޯއިން އަސްކަރީ ބާރުގަދަކުރަމުން ގެންދާކަމުގައެވެ.
މިކަމުގެ ބޭނުމަކީ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށް ރަޝިއާ ވަށާލުންކަމަށްވެސް ޒަޚަރޫވާ ވިދާޅުވިއެވެ. ކަޅުކަނޑަކީ ރަޝިއާގެ ބަނޑުދަށުގައިވާ ކަނޑަކަށްވާއިރު އެއީ ރަޝިއާގެ ގައުމީ ސަލާމަތާ ގުޅިފައިވާ ކަނޑެއްކަމަށް ރަޝިއާ ބުނެއެވެ.
އެމެރިކާއާއި ނޭޓޯއިން މީގެ އަހަރުތަކެއް ކުރިންވަނީ އީރާނުން ދީފާނެ މިސައިލް ހަމަލާތަކަކުން ނޭޓޯގެ ގައުމުތައް ސަލާމަތް ކުރުމަށް ކަމަށް ބުނެ ރަޝިއާގެ އަވަށްޓެރި ގައުމެއް ކަމަށްވާ ޕޮލެންޑްގައި މިސައިލް އައްޑަނައިގެ ނިޒާމެއް ރުކުރުވާލާފައެވެ. ނަމަވެސް ފަހުން ވަނީ މިއީވެސް ރަޝިއާ ދެކޮޅަށް ގާއިމްކުރި ނިޒާމެއްކަން ހާމަވެފައެވެ.
ރަޝިއާއިންވަނީ އެގައުމުގެ އަވަށްޓެރި ޔުކްރޭންވެސް ނޭޓޯއަށް ވައްދައިގެން ނޭޓޯގެ ފައުޖުތައް ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތްވާން އުޅޭތީ ޔުކްރޭންގެ ސަރަހައްދީ ރޮނގަށް 150 ހާސް ސިފައިން ބަރުހަތިޔާރާއެކު ޖަމާކޮށްފައެވެ. ރަޝިއާގެ މި އަމަލު އެމެރިކާއިން ސިފަކުރަމުން ގެންދަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
ނަމަވެސް ރަޝިއާ ތަކުރާރުކޮށް ބުނަމުން ގެންދަނީ އެގައުމުގެ ބޭނުމަކީ ހަނގުރާމަ ކުރުން ނޫންކަމަށާ ނޭޓޯގެ ފައުޖުތައް ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތްނުވާނެ ކަމުގެ ގެރެންޓީ ހޯދުން ކަމުގައެވެ. އެމެރިކާއާއި ނޭޓޯވަނީ މިގެރެންޓީ ދިނުމަށް ދެކޮޅު ހަދާފައެވެ.
އިއްޔެއަކީ ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް އެމެރިކާ އިއުލާން ކުރި ދުވަހެވެ. ނަމަވެސް ރަޝިއާއިން ހަނގުރާމަ ފަށާނެކަމަށް އެމެރިކާބުނި ސުންގަނޑި ޖެހުނުއިރު ފެނުނު މަންޒަރަކީ ރަޝިއާގެ ބައެއް ސިފައިން ޔުކްރޭންގެ ސަރަހައްދީ ރޮނގާ ދުރަށްދާ މަންޒަރެވެ. ހަނގުރާމަ ފެށި މަންޒަރެއް ނޫނެވެ. އެމެރިކާ ޖެހި ހިސާބުތަކާ ދެއްކި ބިރުތަކާ ދިން އިންޒާރުތަކާ މުޅިން އިދިކޮޅު މަންޒަރެވެ.
ނަމަވެސް މިކަން ގަބޫލުކުރުމަށް އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އިއްޔެ ބުނެފައިވަނީ ރަޝިއާ ސިފައިން ޔުކްރޭނާ ދުރަށް ނުދާކަމަށާ ރަޝިއާ ސިފައިން ހަރަކާތްތެރިވަނީ އެމީހުން ގެ ޕޮޒިޝަން ބަދަލުކުރުމުގެ ރޭވުމެއްގެ ދަށުންކަމުގައެވެ.
އަނެއްކޮޅުން ނޭޓޯއިންވަނީ ޔުކްރޭންގެ ސަރަހައްދީ ރޮނގުގައި ތިބި ރަޝިއާގެ ހުރިހާ ސިފައިންނާއި ބަރު ހަތިޔާރުވެސް އެތަނުން ގެންދިޔުމަށް ގޮވާލާފައެވެ. ނަމަވެސް ރަޝިއާ އެދޭ ސަލާމަތީ ގެރެންޓީ ދިނުމަށް ބްރަސްލްގައި އިއްޔެ ބައްދަލުވި ނޭޓޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުން ވަނީ ދެކޮޅު ހަދާފައެވެ.
ރަޝިއާގެ ބައެއް ސިފައިން ޔުކްރޭންގެ ސަރަހައްދީ ރޮނގު ދޫކޮށް ދިޔަނަމަވެސް ރަޝިއާ އެދޭ އެދުންތައް ފުރިހަމަނުކޮށްދޭނަމަ ޔުކްރޭނަށް ރަޝިއާ ކުރާ އަސްކަރީ ފިއްތުންތައް ނިމުމަކަށް ނުގެންނާނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް އެމެރިކާ ބުނާގޮތަށް ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާނެކަމަށް ނުބެލެވޭކަމަށް ތަޖްރިބާކާރުންނާއި މުހައްލިލުން ވިދާޅުވެއެވެ.