މާލެ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކިން ޒޯނަށް ކުރިމަތިލާ ޕޯޓަލް މިއަދު މެންދުރު ހުޅުވާލާނެ ކަމަށާއި އިއްޔެ ހުށަހެޅި ފޯމުތައްވެސް ބަލައިގަތުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް އިއްޔެ ހުޅުވާލި ނަމަވެސް، އެ ލިންކް ބްލޮކް ވުމާ ގުޅިގެން، މިއަދު އަލުން ޕޯޓަލް ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމީއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދު މެންދުރު 2:00 ގައި ޕާކިން ޒޯންތަކަށް ކުރިމަތިލުމަށް ޕޯޓަލް ހުޅުވާލާނެ ކަމަށެވެ.

ޕާކިން ޒޯންތަކަށް ކުރިމަތި ލުމަށް parking.malecity.gov.mv ލޮގިން ވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ޕާކިން ސްލޮޓް ޕޯޓަލް އިއްޔެ ބްލޮކް ވުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "ސަން" އަށް ވިދާޅުވީ، އިއްޔެ މެންދުރު އެކެއް ޖެހިއިރު ޕޯޓަލް ހުޅުވާލި ކަމަށާއި، ހުޅުވާލުމާއެކު މައްސަލަ ޖެހުނު ކަމަށެވެ. އެހެންކަމުން އެއީ ސިޓީ ކައުންސިލްގެ ޓެކްނިކަލް މައްސަލައެއްތޯ ވެސް ބެލި ކަމަށެވެ.

އެ ލިިންކް އަޕްޑޭޓް ނުކުރެވުމުން އަލުން އާ ޕޯޓަލް ލިންކެއް ހެދި ކަމަށާއި، ނަމަވެސް އެންމެ ފުރަތަމަ ޕޯޓަލްއަށް ވަތް މީހުން އެ ލިންކުން ބެލެން ނެތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

"އެވަގުތުކޮޅު ވެސް އެނގިގެން ދިޔަ މީހުންނަށް ޕާކިން މުހިންމުވެފަ ތިބި ވަރު. 84،000 ވަރަކަށް މީހުން ޓްރައި ކުރި ވަންނަން،" އައިޓީއިން ތަފާސްހިސާބު ބަލައިލި އިރު ފާހަގަވި ކަންތައް ޝިއުނާ ކިޔައިދެއްވިއެވެ.

އެހެންކަމުން އެންމެންނަށްވެސް ފުރުސަތު ލިބޭ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށްޓަަކައި، އަލުން މިއަދު ޕޯޓަލް ހުޅުވާލަން ނިންމީ ކަމަށް ޝިއުނާ ވިދާޅުވިއެވެ.