"އިންޑިއާ އައުޓް" ކެންޕެއިނަކީ ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ނަފުރަތު އުފައްދާނެ އިތުރު އެހެން އެއްވެސް ގޮތެއް ނުލިބިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފައްޓަވައިގެން އުޅުއްވާ ކެންޕެއިނެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ ތިބުން ދިފާއު ކުރައްވައި ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، "އިންޑިއާ އައުޓް" ކެންޕެއިނަކީ އިންޑިއާއަކާ ނުވަތަ އެ ގައުމުގެ ރައްޔިތުންނަކާ ވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ރޮޒައިނާ ސިފަ ކުރެއްވީ "އިންޑިއާ އައުޓް" ހަރަކާތަކީ ކޮވިޑުގެ މި ދަތިއުނދަގޫ ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް އުނިނުކޮށް، ހުރިހާ ކަމެއްވެސް ފުރިހަމައަށް ކޮށްދެމުން ދާތީ އެކަމުގެ ސަބަބުން އުފެދިގެން އުޅޭ ހަސަދަވެރިކަމެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ މޭމަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ނުކުންނަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން އެ ހިންގަވާ ހަރަކާތަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ އެ ދައްކަވަނީ ވެރިކަމުގައި ހުންނެވިއިރު، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާ ވެސް މުޅީން ހިލާފުވާ އަދި ތަފާތު ވާހަކަފުޅުތަކެއް ކަމަށެވެ.

"އިންޑިއާގެ މިލިޓަރީގެ ބައެއް މީހުން ރާއްޖޭގައި އެކިއެކި ސަބަބުތަކަށް ޓަކައި އެކިއެކި މަސައްކަތްތައް ރާއްޖެއިން އެދިގެން ކޮށްދިނުމަށް ޓަކައި އަބަދުވެސް ރާއްޖޭގައި ތިބޭ. ހަމަ އެގޮތަށް ރާއްޖޭގެ މިލިޓަރީ މީހުން ވެސް އެހެން ގައުމުތަކުގައި ހަމަ އެކިއެކި ބޭނުމަށް އެބަތިބޭ،" ރޮޒައިނާ ވިދާޅުވިއެވެ.

"އެއީ އަދި މިލިޓަރީ ޕްރެސެންސެއް ނޫން އިނގޭތޯ. މިލިޓަރީ ޕްރެސެންސް އެހެން ގައުމެއްގައި އޮންނައިރު އަޅުގަނޑުމެންނަށް ފެންނާނެ ޔުނިފޯމް އަޅައިގެން ތިބޭ އެހެން ގައުމުތަކުގެ ސިފައިން އެ ގައުމެއްގެ މަގުމަތީގައި ބަޑި ހިފައިގެން ތިބޭ ތިބޭ ތަން."

އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ޓްރެއިނިން ތަކަށާއި އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ކަމަށެވެ. އެހެންކަމުން ރާއްޖެއިން އެދިގެން އިންޑިއާ ސިފައިން ތިބުން އެއީ މިލިޓަރީ ޕްރެސެންސާ ވަރަށް ތަފާތު ދެކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދައްކަނީ ބަޑި ހިފައިގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެ ހިފަން އައިސް ތިބޭ ވާހަކައެއް ނޫން،" ރޮޒައިނާ ވިދާޅުވިއެވެ.

އެކުވެރިކަމުގެ އެއްބަސްވުންތައް ހަދައިގެން ތިބޭ ސިފައިން ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ފެންނާނެކަން ފާހަގަ ކުރައްވަމުން ރޮޒައިނާ ވިދާޅުވީ ބަޔަކު މީހުން އުޅެނީ އެކަމަކީ އައު ކަމަކަށް ހަދައިގެން ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަން ގެއްލެނިއްޔޭ ކިޔައިގެން މި ދައްކާ ވާހަކަތަކަކީ ހަމަ ހުސް ދޮގު ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ބިންތައް ގެއްލިދާ ފަދަ ކަންކަމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިހުރި ނުރަނގަޅު ކަންކަން ކަމަށެވެ.

"ހަގީގަތަކީ ބާރު ބޭނުން ވެގެން ވެރިކަން ބޭނުން ވެގެން ރައީސް ޔާމީން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެކަން މި ކަމުންވެސް ފެނިގެން މި ދަނީ. ދޮގު ޕްރޮޕެގެންޑާއެއް ފަތުރައިގެން ރާއްޖޭގެ ރައްޔިތުންނާ އިންޑިއާގެ ރައްޔިތުންނާ ޖައްސަން ކުރިއަށް ގެންދާ މަސައްކަތެއް މިއީ،" ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އިންޑިއާ އައުޓް ކެންޕެއިނާ ގުޅިގެން ފިޔަވަޅެއް އަޅާ ކަމަށް ވާނަމަ އެންމެ ކުރިން އެ ފިޔަވަޅެއް އަޅަންޖެހޭނީ ރައީސް ޔާމީނާ ދޭތެރޭގައި،" އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސުންނަކީ ސަރުކާރުން ތިން ލައްކައަށްވުރެ ގިނަ ފައިސާ ނަގައިގެން ތިއްބަވާ ބޭފުޅުން ކަމަށެވެ.

އެބޭފުޅުންގެ ކޮނޑުގައި ވެސް ވަރަށް ބޮޑު ޒިންމާއެއް އެޅިފައި އޮންނާނެކަން ފާހަގަ ކުރައްވައި ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ދަށުން ރައީސް ޔާމީން ހިންގަވާ އޮފީހުގެ މަސައްކަތަކީ އިންޑިއާ އައުޓް ކެންޕެއިނާ އަދި ރައީސަށް ޖެއްސުން ކުރުން ކަމަށް ވާނަމަ އިނާޔަތްތައް ދިނުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތައް ބެލުމަށާއި އެ ހަރަކާތާ ގުޅުވައިގެން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ މިންވަރު ބަލައި ދިނުމަށް ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީގައި އެދިވަޑައިގެންފައެވެ.