17 Feb 2022, 08:57
އަޅުގަނޑުމެންގެ ކުޅަދާނަ ލިޔުންތެރިޔާ އަދި ޢިލްމުވެރިޔާ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް މީގެ ދެ ދުވަހެއް ކުރީން ފޭސްބުކްގައި ލިޔުއްވައިފައި އޮތް ލިޔުންކޮޅެއް ކިޔައިލީމެވެ. ސުރުޚީ އަކީ "ޗާލީ ޗެޕްލިންގެ ކުޑައިރުގެ ހަނދާނެއްގެ ވާހަކަ" މިއެވެ. ފޭސްބުކުން އެ ލިޔުންކޮޅު ފެނިވަޑައިގެންފައި ނުވާ ބެއިފުޅުންނަށް ޓަކައި، ތިރީގައި މި ނަކަލު ކޮށްލަނީ އެ ލިޔުންކޮޅެވެ.
"ސިނަމާގެ ތާރީޚުގައި އެންމެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ހެއްވާބައި ކުޅޭ ކުޅަދާނަ މުމައްސިލު ބުނެފައި އޮވެއެވެ. އަހެރެން ކުޑައިރު، އަހަރެންގެ ބައްޕައާ އެކު ޗަރުކޭސީ ޝޯއެއް ބަލާލަން ދިޔައީމެވެ. ޓިކެޓު ގަތުމަށްޓަކައި ވަރަށް ދިގު ކިޔުއެއްގެ ފަހަތުގައި ޖެއްސީމެވެ. އަހަރުމެންގެ ކުރިމަތީގައި ހަ ކުދިންނާއި ބައްޕައަކާއި މަންމައެއްގެ މައްޗަށް އެކުލެވޭ އާއިލާއެއް ތިއްބެވެ. އެމީހުންގެ ކިބައިން އެމީހުންނަކީ ފަގީރު ބައެއްކަން ފެނެއެވެ. އެމީހުން ލައިގެން ތިބި ހެނދުން އޮތީ ދުވަސްވެ، ބާވެފައެވެ. ނަމަވެސް، އެމީހުންގެ އެ ހެދުން ސާފު ތާހިރެވެ. އެ ކުދިން ތިބީ ޗަރުކޭހުގެ ކުޅިވަރުގެ ވާހަކަ ދައްކެމުގައި ވަރަށް ވެސް އުފަލުންނެވެ.
ދެން، ޓިކެޓު ގަންނަން އެމީހުންނާ ޖެހުމުން، އެކުދިންގެ ބައްޕަ ޓިކެޓު ވިއްކަން އިން މީހާ ކުރެން ޓިކެޓުގެ އަގު އެއްސެވެ. އެ މީހާ ޓިކެޓުގެ އަގު ބުނުމުން، ބައްޕަގެ ދޫ އޮޅޭ ގޮތްވެ، މަންމަގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެއް ބުންޏެވެ. އެއިރު އޭނާގެ މޫނުމަތިން ލަދުވެތިކަމާ ކަންބޮޑުވުން ފާޅުވެވެ ހުއްޓެވެ.
އެހިނދު، އަހަރެންގެ ބައްޕަގެ ޖީބުން ބައްޕަ ވިހި ޑޮލަރު ނަންގަވާފައި ބިންމައްޗަށް ވައްޓަވާލެއްވި ތަން އަހަންނަށް ފެނުނެވެ. އަދި ގުދުވެލައްވާފައި އެ ވިހި ޑޮލަރު ނަންގަވާފައި އެކުދިންގެ ބައްޕަގެ އަތަށް އެ ލައްވާފައި ބުނުއްވިއެވެ. އިނބަގެ ވިހި ޑޮލަރު އޮތީ ބިން މައްޗަށް ވެއްޓިފައިވެ. އެހިނދު އެކުދިންގެ ބައްޕަ، ފެންކަޅިވެ، އަހަރެންގެ ބައްޕަގެ މޫނަށް ބަލާލާފައި ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ.
ދެން އެ އެންމެން ޗަރުކޭހަށް ވަނުމުން، އަހަރުމެން އެ ކިޔުއިން ނިކުމެގެން އަނބުރާ ގެއަށް ދިޔައީއެވެ. އަހަރެންގެ ބައްޕަ އަތުގައި އެ މީހާއަށް ދިން ވިހި ޑޮލަރު ނޫނީ ނެތީމައެވެ. ކޮންމެ އަކަސް އެދުވަހުއް ސުރެން އަހަރެންގެ ބައްޕާއާ މެދު އަހަރެން ފަޚުރުވެރިވީމެވެ. އަދި، އެދުވަހު ބައްޕަ އަހަންނަށް ދެއްކެވި މަންޒަރު، އެދުވަހު އަހަންނަށް ނުފެނުނު ޗަރުކޭހުގެ ހުށަހަޅާލުންތަކަށް ވުރެ މާ ބޮޑަށް ވެސް ރީތި ވިއެވެ!
އާދެ، "އީޘާރު، މުވާސާތު، ސަބުރު ހަމްދަރުދީކަން ވީތާކުގައޭ ނަސްރުވަނީ ހަމަވެ، ގަދަވެގެން" ހ.ސަލާހުއްދީން"
މި ލިޔުން ކިޔައިފައި އަޅުގަނޑަށް ވިސްނައިލެވުނީ، ރިވެތި އަޚްލާޤާއި އިޙްސާންތެރިކަމުގެ މިފަދަ ރިވެތި މިސާލުތަކުން ޢިބުރަތެއް ވެސް ނުލިބޭ ދަރަޖައަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެތައް ބަޔަކު ވެއްޓެމުން ދާ ދިޔުމާ މެދުގައެވެ. ތިމާގެ އަތުގައި އޮންނަ އެއްޗެއް އަނެކާއަށް ދިއް ކޮށްލުމީ މޮޔަކަމެއް ކަމަށް ދެކެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ގިނަ ވެއްޖެއެވެ. ފިރިމީހާ އޭނާގެ ގާތްތިމާގެ ފަޤީރަކަށް އެހީތެރިކަމެއް ފޯރު ކޮށްދިނުމުން، އެއީ "އަހަރެމެންގެ މުސްތަޤުބަލާއި ދަރީންގެ ކުރިމަގަށް ނުވިސްނައި ކުރާ ބޭކާރު ޚަރަދެކޭ" ބުނާ އަނބީން އެބަ އުޅެއެވެ. އަނބިމީހާ އޭނާގެ ބަލި މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު މީހަކަށް އެހީތެރިކަން ފޯރު ކޮށްދޭން ދިޔުމުން، އެއީ "އަހަރެންނަށް ދޭން ޖެހޭ ވަގުތު ނުދީ އެހެން މީހުންނަށް ޚިދުމަތް ކޮށްދޭން ދުވަނީ" އޭ ބުނާ ފިރީން އެބަ އުޅެއެވެ. ތިމާގެ ދަރިފުޅު އޭނާގެ އެކުވެރި ރަޙުމަތްތެރިއެއްގެ ހިތާމައިގައި ނުވަތަ ތަކުލީފުގައި އެހީތެރިކަމެއް ފޯރު ކޮށްދޭތަން ފެނުމުން، "ތިޔައީ ކޮން ކަމެއްހޭ، ދަރިފުޅުގެ ކިޔެވުމާއި ކުރިއެރުމަށް ފޯކަސް ކުރާށޭ، އެހެން ކަންކަމަށް ވަގުތު ބޭކާރު ނުކުރާށޭ" ބުނާ މައިންބަފައިން ވެސް އެބައުޅެއެވެ.
މި ދެންނެވި ކަހަލަ މީހުންނަށް، ފިރިމީހާ، ނުވަތަ އަނބިމީހާ، ނުވަތަ ދަރިފުޅު، ހެޔޮ އަޚްލާޤާއި އިޙްސާންތެރިކަމުގެ ޢަމަލެއް ކުރާތަން ފެނުމުން، އެ ޢަމަލުގެ ރީތިކަމާއި މަތިވެރިކަމެއް ނުފެނެއެވެ. އެއީ އޭނާގެ ނަފުސުގެ ހެޔޮކަމާއި ފުރިހަމަކަމާއި މަތިވެރިކަންކަން ވިސްނޭ ގޮތެއް ނުވެއެވެ. އޭގެ ބަދަލުގައި، އެމީހުންނަށް ފެންނަނީ "ބޭކާރު ޚަރަދެއް" ނުވަތަ "ބޭކާރު ކަމެއް" ކުރާ މަންޒަރެވެ. އެ ހެޔޮ ޢަމަލު ކުރާ މީހާގެ "މޮޔަކަމެވެ". ޗާރލީ ޗެޕްލިން އޭނާގެ ބައްޕައާ އެކު ޗަރުކޭސް ބަލައިލާން ދިޔައީ، ކުޅިވަރު ދެކެލުމުގެ އުއްމީދުގައެވެ. ޓިކެޓު ގަތުމަށް ޓަކައި އޭނާގެ ބައްޕަ ގެންދިޔަ ވިހި ޑޮލަރު އެހެން މީހަކަށް ދިނުމުން، ޗާރލީ ޗެޕްލިން ވެސް އެކަމާ ރުޅި އައުމުގެ އިޙުތިމާލު އޮތެވެ. ޝަކުވާ ކުރުމުގެ ފުރުޞަތު އޮތެވެ. އޭނާއަށް ބުނެވުނީހެވެ. "ބަލަގަ، ބައްޕާއެވެ! އަހަރެމެން ވެސް މި އައީ ޗަރުކޭސް ބަލައިލާން ނޫން ހެއްޔެވެ؟ ބައްޕަ ތިޔަ ކުރި ކަމަކުން، އަހަރެމެންނަށް ޗަރުކޭސް ބެލުމުގެ ފުރުޞަތު ގެއްލުނީ ނޫން ހެއްޔެވެ؟ އަހަރެމެން މިތަނަށް އަންނާން ހޭދަ ކުރި ފައިސާ އާއި ވަގުތު ބޭކާރު ވީ ނޫން ހެއްޔެވެ؟" އެކަމަކު، ޗާރލީ ޗެޕްލިނަށް ފެނުނީ އޭނާގެ ބައްޕަގެ ޢަމަލުގެ އަޚްލާޤީ ޒީނަތްތެރިކަމެވެ. އެ ޢަމަލުގައި ހުރި އިޙްސާންތެރިކަމެވެ. އޭނާއަށް، އެއީ ބައްޕައާ މެދު ފަޚުރުވެރި ވުމުގެ ސަބަބެކެވެ. މުޅި ޢުމުރަށް ހަނދާނުގައި ބަހައްޓާން ޖެހޭ ވަރުގެ ރިވެތި ފިލާވަޅެކެވެ. މިހެން ވީ ކީއްވެގެންތޯއެވެ؟ އެއް ބަޔަކަށް، މީހުންގެ ރިވެތި އަދި އިޙްސާންތެރި ޢަމަލުތަކުން، ރިވެތި އަޚްލާޤީ ޢިބުރަތް ލިބިފައި، އަނެއް ބަޔަކަށް އެ ޢަމަލުތަކުން "މޮޔަކަން" ނުވަތަ "ބޭކާރުކަން" ފެންނަނީ ކީއްވެގެންތޯއެވެ؟
މީގެ މައިގަނޑު ސަބަބު ގުޅެނީ ކަލާނގެ ރަސްކަންފުޅާ މެދު މީހާގެ ޢަޤީދާ އޮންނަ ގޮތާއެވެ. އެ މީހާއަށް ކަލާނގެ މަޢުރިފާ ކުރެވޭ މިންވަރާއެވެ. އަދި މީހާގެ ޟަމީރު "ދިރޭ" މިންވަރާއެވެ. ކަލާނގެ ރަސްކަންފުޅާ މެދު ޞައްޙަ އަދި ރަނގަޅު ޢަޤީދާއެއް ހުންނަ، އެކަލާނގެ ރަސްކަންފުޅު ހެޔޮ ގޮތުގައި މަޢުރިފާ ކުރެވޭ މީހެއް ނަމަ، އޭނާގެ ޟަމީރުގައި ދިރުން ހުންނާނެއެވެ. ޟަމީރުގައި ދިރުން ހުންނަ މީހަކަށް، ރިވެތި އަޚްލާޤާއި އިޙްސާންތެރިކަމުގެ ނަމޫނާ ފެނުމުން އެއިން އަސަރު ކުރާނެއެވެ. އެއިން ޢިބުރަތާއި ފިލާވަޅު ލިބިގަނެވޭނެއެވެ. މީހެއްގެ ޟަމީރު ޣަފްލަތުގެ ނިދީގައި ނިދައިފައި އޮތިއްޔާ، އެ މީހަކަށް އެފަދަ ނަމޫނާއަކުން ކުރާނޭ އަސަރެއް ނޯންނާނެއެވެ. ކީރިތި މާތް ނަބިއްޔާގެ ބަރަކާތްތެރި ބަސްފުޅެއްގެ މައްޗަށް ޢިބާރާތް ކޮށް ދަންނަވަންޏާ، ކަޅު ދުލިގަނޑަކުން ހިތް ފޮރުވިފައި ވާ މީހެއްގެ ހިތަށް ނޫރެއްގެ އަލިކަން ނުވަންނާނޭ ފަދައިން، އެފަދަ މީހަކަށް އިޙްސާންތެރިކަމުގެ ކިތަންމެ މަތިވެރި މިސާލެއް ފެނުނަސް، އެ މީހެއްގެ ހިތަށް ކުރާނީ ހިލަގަނޑަކަށް އަސަރު ކުރާނެ ބީދައިންނެވެ.
ދެން އޮތީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަޚްލާޤީ ސަމުގާ ހަލާކު ވަމުން މި ދާ ދިޔުމަށް އޮތް ފަރުވާ އަކީ ކޮބައިތޯ މި ސުވާލެވެ. ޝައްކެއް ނެތް ގޮތުގައި، އެ ފަރުވާގެ މައިގަނޑު ބަޔަކީ ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅު ހެޔޮ ގޮތުގައި ދެނެގަނެ، އެކަލާނގެ ރަސްކަންފުޅު ހެޔޮ ގޮތުގައި މަޢުރިފާ ކޮށް ދެނެގަންނަ ޖީލުތަކެއް އުފެއްދޭ ގޮތަށް ތަޢުލީމާއި ތަރުބިއްޔަތުގެ ނިޒާމު ބައްޓަން ކުރުމެވެ. ރަސޫލުންނާއި ވަލީންގެ ހެޔޮ ޙަޔާތްޕުޅުތަކުގެ ވާހަކަތައް ކިޔައިދީގެން، ރޫޙާނިއްޔަތާއި އިޙްސާންތެރިކަމުގެ ޙަޤީޤަތްތަކުގެ މައްޗަށް ހިތާއި ސިކުނޑި ހުޅުވިފައި ވާ ދަރީންތަކެއް އުފެއްދޭ ގޮތަށް، މަދަރުސާތަކާއި ކިޔަވައިދިނުމުގެ ކަންކަން އިޞްލާޙު ކުރުމެވެ.