13 Mar 2012, 13:08
އަމިއްލަ ގައުމުގައި ކުޅުނު ޗެލެންޖް ކަޕު ފުޓްބޯޅަ މުބާރާތުގެ އެއްވެސް މެޗަކުން މޮޅުނުވުމުން ނޭޕާލްގެ ކޯޗް ގްރެހަމް ރޮބަޓް އެ މަގާމުން އިސްތިއުފާ ދީފި އެވެ.
އޭނާގެ ކޯޗުކަމުގައި ނޭޕާލް ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ. މުބާރާތުގެ ކުރިން ފީފާގެ ރައީސް ސެޕް ބްލެޓާ ލައްވައި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ކުޅުނު ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުޕީސް ދީފައިވަނިކޮށް ނޭޕާލް މުބާރާތުން ކެޓީ ރާއްޖެ އަތުން 1-0 އިން ބަލިވުމުންނެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ނޭޕާލް ކުޅުނު ތިން މެޗުގެ ތެރެއިން، ފުރަތަމަ މެޗުން ބަލިވީ ފަލަސްތީނާ ބައްދަލުކޮށް 2-0 ލަނޑުންނެވެ. ދެ ވަނަ މެޗުން ރާއްޖެ އަތުން ބަލިވެފައިވަނިކޮށް ތުރުކުމެނިސްތާން އަތުން އިއްޔެ ބަލިވީ 3-0 ލަނޑުންނެވެ.
މިފަހަރުގެ ޗެލެންޖް ކަޕް ކާމިޔާބު ކުރުމަށް ކޯޗް ރޮބަޓްސްގެ އިރުޝާދުގެ ދަށުން، އެންމެ ފުރަތަމަ މުބާރާތައް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނޭޕާލްގެ ޓީމުން އިއްޔެ ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗް ރޮބަޓްސްގެ ބަދަލުގައި ޓީމަށް އިރުޝާދު ދީފައި ވަނީ ޓީމުގެ އޮފިޝަލެއްކަމަށް ވެސް އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވެއެވެ. ނަމަވެސް އޭނާ ބެންޗުގައިއިނެވެ.
ކޯޗް ރޮބަޓްސް އިއްޔެ ކޯޗު ކަމުގެ މަގާމުން އިސްތުފާ ދިނުމުން ނޭޕާލްގެ ފުޓްބޯޅަ ޖަމިއްޔާ އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަނުނުން އިއްޔެ ނެރުނު ކުރު ބަޔާނެއް ގައި ބުނެފައި ވަނީ، ފަހަކަށް އައިސް ކޯޗް ރޮބަޓްސް ޓީމުގެ ކުޅުންތެރިންނާ މެދު ކަންތައްތައް ކޮށްފައި ވަނީ ކުޅުންތެރިން އެންމެ އެދެވޭ ގޮތަށް ނޫންކަމަށެވެ. އަދި މިފަހަރުގެ ޗެލެންޖް ކަޕުން ލިބުނު ހިތި ނަތީޖާގައި ރޮބަޓްސްގެ އިހުމާލް ވަރަށް ބޮޑު ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
މީގެއިތުރުން ނޭޕާލްގެ ފުޓްބޯޅަ ޖަމިއްޔާ އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަންގެ މިހާރުގެ ޗެއާމަން ،އޭއެފްސީ ގެ ޑެޕިޔުޓީ ޗެއާމަންކަމުގެ މަޤާމުވެސް ފުރަމުންދާ ގަނޭޝް ތާޕާވެސް ބުފެފައި ވަނީ މިފަހަރުގެ ޗެލެންޖް ކަމުން ނޭޕާލް ކެޓުމުގައި ކޯޗް ރޮބަޓްސް އިހުމާލް ވަރަށް ބޮޑުކަމަށް ބުނެ، އޭނާ އަށް ފާޑުކިޔައިފައެވެ. ތާޕާ އަކީ ނޭޕާލްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ބެލެވޭ މީހާއެވެ.
ނަމަވެސް އޭނާގެ ކޯޗުކަމުގެ ދަށުން ނޭޕާލް ވަނީ ފާއިތުވެދިޔަ 18 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބަންގާޅު ބަލިކޮށް 1999ގެ ފަހުން ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ނޭޕާލްގެ ފުޓްބޯޅައިގެ ފެންވަރާއި ފޯރި ދަށަށް ގޮސްފައިވަނީ އެޤައުމަށް ދިމާވަމުންދާ އިޤްދިޞާދީ ދަތިތަކާއި ޤައުމުގެ އެތެރޭގައި ގިނަގިނައިން އުފެދެމުންދިޔަ ދާޙިލީ މައްސަލަތަކުގެ ސަބަބުންނެވެ.