އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ލިބުމަކީ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އުންމީދުކަމުގައިވާނެއެވެ. ހިތާމަތަކާއި ކަންބޮޑުވުންތަކުން ސަލާމަތްވެ ސިކުނޑިއަށް ހަމަޖެހުން ލިބިގެންވުމެވެ. ފުދުންތެރިކަން ލިބިފައިވުމާއެކު ދިރިއުޅުމުގައި ލުއިފަސޭހަކަން ތަޖުރިބާކުރެވުމެވެ. މޮޅިވެރިކަމާއި މާޔޫސްކަން ގެނުވާފަދަ ހާލަތްތައް މަދުވުމެވެ. ބަލިތަކާ ދުރުވެ ފުރިހަމަ ސިއްހަތެއްގައި ދިރިއުޅެވުމެވެ. މިއީ ދިރިއުޅުމުގެ ބާއްޖަވެރިކަން ވަޒަންކުރެވޭ ބައެއް މިންގަނޑުތަކެވެ. މިކަންކަން ލިބިގަތުމަށް ނޭދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ.

ބާއްޖަވެރި ދިރިއުޅުމެއް ލިބިގަންނާނެ ގޮތްތައް ދެބަޔަކަށް ބެހެއެވެ. އެއްބަޔަކީ އިލްމީ ހޯދުންތަކާއި މީހުންގެ ތަޖުރިބާގެތެރެއިން އެނގި ތަރައްގީވަމުންދާ ގޮތްތަކެވެ. މީގެތެރޭގައި؛ ކަމަށް ކަމޭހިތުމާއި، ތަނަވަސް ވިސްނުން ބޭނުންކުރުމާއި، ހާލަތަށް ހޭނުމާއި، ޝުކުރުވެރިވުންފަދަ ސިފަތައް ހިމެނެއެވެ. މިއީ ކާމިޔާބު ދިރިއުޅުމެއްގެ މުހިންމު ބަހާތައް ކަމަށް މިޒަމާނުގެ ދިރާސާއާއި ތަޖުރިބާއިން ދެނެގަނެފައިވެއެވެ. ދަތުރުފުތުރާއި މުވާސަލާތުގެ ދާއިރާގައި ޒަމާނީ ފަސޭހަ ވަސީލަތްތައް ބޭނުންކުރަން ލިބިފައިވުމަކީ ދިރިއުޅުމުގެ ބާއްޖަވެރިކަން ތަޖުރިބާކުރެވޭ ގޮތުގެ މިސާލެކެވެ. އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް މިއީވެސް ދޫކޮށްނުލެވޭނެ ބައެކެވެ.

ދެވަނަ ބަޔަކީ ބާއްޖަވެރި ދިރިއުޅުމެއް ލިބިގަތުމަށްޓަކައި އިސްލާމްދީނުގައި ދައްކަވާފައިވާ މަގެވެ. މީގެތެރޭގައި ހިމެނެނީ އީމާންކަމާއި ހެޔޮ އަމަލެވެ. ގިނަގިނައިން ﷲ ހަނދުމަކުރުމެވެ. ނިއުމަތްތަކަށް ޝުކުރުވެރިވުމާއި މުސީބާތްތަކަށް ކެތްތެރިވުމެވެ. އިހުސާންތެރިވުމާއި ﷲ ގެ ހަޒުރަތުން ހެޔޮ ގޮތަށް އުންމީދުކުރުމެވެ. މީގެތެރެއިން ބައެއް ކަންކަމުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

އީމާންކަމާއި ހެޔޮ އަމަލު:
ދިރިއުޅުމުގެ ބާއްޖަވެރިކަން އެއާ ގުޅިފައިވާ އެންމެ މުހިއްމު ކަމަކީ އީމާންކަމާއި ހެޔޮ އަމަލެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُوونَ މާނަ: "މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު އަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން އަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." (އައްނަޙުލު: 97)

ﷲ އަށް އީމާންވެ ހެޔޮ އަމަލުކުރާ އަޅުންނަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމަކާއި އެބައިމީހުން ކުރާ ހެޔޮ އަމަލުތަކަށް އެކަށީގެންވާ ހެޔޮ ޖަޒާ ދެއްވާނެކަމަށް އެ އިލާހުވަނީ ވައުދުވެވޮޑިގެންފައެވެ. އިސްވެދިޔަ އާޔަތުގައި އަންގަވާފައި އެވާ ބާއްޖަވެރި ދިރިއުޅުމަކީ މި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތުގެ ގޮވަތި (ސުވަރުގެ) ކަމުގައި ތަފްސީރު އިލްމުވެރިން ވިދާޅުވެއެވެ. ވީމާ، ބާއްޖަވެރި ދިރިއުޅުމަކަށް އެދޭމީހާ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އާލަމުތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އީމާންވެ އެކަލާނގެ އަމުރުފުޅުތަކަށް ތަބާވުމެވެ.

ﷲ ހަނދުމަކުރުން:
ﷲ ހަނދުމަކުރުމަކީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ކިތަންމެ ގިނަ ފައިސާއާއި މުދާ ހުރިނަމަވެސް ހިތަށް ހަމަޖެހުމާއި އުފާވެރިކަން ނުލިބޭނަމަ އޭނާއަކީ ބާއްޖަވެރި ދިރިއުޅުމެއްގެ ވެރިއެއްކަމުގައެއް ނުވާނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ (ރަޢުދު: 28) މާނަ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ދިރިއުޅުން ބާއްޖަވެރިކުރަން އެދޭނަމަ މިކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ވީ އެންމެ ގިނައެއްކޮށް ﷲ ހަނދުމަ ކުރުމަށާއި (އަޙުޒާބު: 41-42) ، ހުރިހާ ވަގުތެއްގައިވެސް އެކަލާނގެ ހަނދުމަ ކުރުމަށް އަންގަވާފައިވެއެވެ.(އައްރޫމު: 17-18) ﷲ ހަނދުމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ފަރުލު ފަސްނަމާދު ބަރާބަރަށް އަދާކުރުމެވެ.

ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި މުސީބާތްތަކަށް ކެތްތެރިވުން:
ﷲ ގެ ނިޢުމަތްތައް އަދަދު ކުރެވޭވަރަށްވުރެ މާގިނަވެގެންވެއެވެ.(އިބުރާހީމް: 34) އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުކުރައްވާނެކަމެއް ކަމަށް އަންގަވާފައިވެއެވެ.(އިބުރާހީމް: 7) ނިޢުމަތްތަކަށް ޝުކުރުވެރިވާނަމަ ކަންބޮޑުވުމާއި ހިތާމަތައް ފިލުވައިލުމުގައި އިލާހީ މަދަދު ލިބިފައިވާ މީހުންގެތެރެއިން އެފަދަމީހާ ހިމެނިދެއެވެ. މުއުމިނުންނަކީ އަޖައިބެއްފަދަ ބައެއްކަމަށް ހަދީސްގައި އައިސްފައިވެއެވެ. އޭނާގެ ހުރިހާ ކަމެއްގައި އެކުލެވިގެންވަނީ ހެޔޮކަމެވެ. އަދި އެއީ މުއުމިނެއްގެ ކިބައިން ނޫނީ ނުފެންނާނެ ސިފައެއްކަމަށް އަންގަވާފައިވެއެވެ. އޭނާއަށް ހެޔޮކަމެއް މެދުވެރިވެއްޖެނަމަ އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވެއެވެ. އެގޮތް އޭނާއަށް ހެޔޮވެގެންވެއެވެ. އަދި އޭނާއަށް ދެރަކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް ކެތްތެރިވެއެވެ. އެގޮތް އޭނާއަށް ހެޔޮވެގެންވެއެވެ.(މުސްލިމް: 5318)

ބަހާއި އަމަލުން އިހުސާންތެރިވުން:
އިހުސާންތެރިވުމަކީ މީހުންނާމެދު ހެޔޮކޮށް ކަންތައް ކުރުމެވެ. އަނިޔާވެރިނުވުމެވެ. ހުރިހައި ކަމެއްގައިވެސް އިހުސާންތެރިވުމަށް ﷲ ކަނޑައަޅުއްވާފައިވެއެވެ.(މުސްލިމް: 1955) މުއުމިނެއްކަމުގައިވިޔަސް ނުވަތަ އެނޫންމީހެއްކަމުގައިވިޔަސް، އެންމެންނާމެދުގައިވެސް ހެޔޮގޮތުގައި މުއާމަލާތުކުރަންވާނެއެވެ. ގަސްގަހާގެއްސާއި ދޫނިސޫފާސޫތްޕާއި ޖަނަވާރުންނާމެދުގައިވެސް އިހުސާންތެރިވާންޖެހޭނެއެވެ. މިއީވެސް ހިތާމަތަކާއި މޮޅިވެރިކަމާއި ކަންބޮޑުވުން ފިލައިގޮސް ދިރިއުޅުން ބާއްޖަވެރިވުމުގެ މަގެކެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، އަދުލުވެރިވުމަށާއި، އިހުސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ."(ނަޙުލު: 90) އިހުސާންތެރިވާމީހުންގެ ޖަޒާއާމެދު އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "... މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ."(ނަޙުލު: 30-31) އަދި އިހުސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވާކަމަށް އެކަލާނގެ އަންގަވާފައިވެއެވެ.(ބަޤަރާ: 195) ﷲ ތަޢާލާގެ ލޯބި ލިބުމަކީ އެކަލާނގެ ހާއްސަ އިނާޔަތްތެރިކަން އެމީހަކަށް ލިބޭނެ ކަމެކެވެ. ވީއިރު މި ބޮޑު ނިއުމަތް ލިބޭ މީހާގެ ދިރިއުޅުން ބާއްޖަވެރިނުވެދާނެހެއްޔެވެ؟

މީގެއިތުރުންވެސް، ﷲ ގެ ހަޒުރަތުން ހެޔޮގޮތަށް އުންމީދުކުރުމާއި ހަސަދަވެރިކަމާ ދުރުހެލިވުމަކީވެސް ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެ ސަބަބުތަކެވެ. ހަމަމިއާއެކު، ތިމާއަށްވުރެ މަތީ ފަންތީގެ ދިރިއުޅުން އުޅޭމީހުންނަށް ނުބަލައި، ތިމާއަށްވުރެ ދަށު ފަންތީގެ މީހުންނަށް ބެލުމަށް އިރުޝާދު ދެއްވާފައިވެއެވެ.(متفق عليه) އަދި ﷲ ގެ ނިޔާފުޅަށް ރުހި ގަބޫލުވުމާއި މުއުމިނުންނަށް ހަގީގީ ބާއްޖަވެރިކަން ލިބޭނީ އާޚިރަތުގެ ގޮވަތިންކަން ގަބޫލުކުރުންވެސް މީގެތެރޭގައި ހިމެނެއެވެ. ބަޔާންކުރެވުނު ކަންތައްތަކަށް ސަމާލުކަން ދީގެން ދިރިއުޅުން ކުރިއަށް ގެންދާނަމަ އިރާދަކުރެއްވިއްޔާ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނެއެވެ.