17 Feb 2022, 01:23
ސްޕެނިޝް ލަލީގާގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ލެވަންޓޭއިން ކާމިޔާބުކޮށްފިއެވެ.
އެތުލެޓިކޯގެ އެސްޓޭޑިއޯ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗު ލެވަންޓޭއިން ކާމިޔާބުކުރީ 1-0 އިންނެވެ.
މިރޭގެ މެޗަށް ނިކުތްއިރު އެތުލެޓިކޯއިން އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ލެވަންޓޭއިން އޮތީ ތާވަލުގެ ފުލުގައެވެ.
މިރޭގެ މެޗު ފަށައިގެން އެތުލެޓިކޯއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް މާ އެދެވޭ ހަަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
ލެވަންޓޭއިން ވެސް މަޑުމަޑުން ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ލެވަންޓޭއިން މެޗުގެ ހަމައެކަނި ލަނޑު ޖަހައި އެތުލެޓިކޯ ސިއްސުވާލިއެވެ. ޖޭޑީއެފް ސެބެސްޓިއަން ދިން ބޯޅައަކުން އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ މެލެރޯއެވެ.
ލެވަންޓޭއިން ލަނޑެއް ޖަހައި ލީޑު ނެގުމާއެކު އެތުލެޓިކޯއިން މެޗުގެ ނަތީޖާ ހަމަހަަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މިރޭގެ މެޗުން މޮޅުވެ ލެވަންޓޭއަށް ތިން ޕޮއިންޓު ލިބުނު ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލްގެ ފުލުގައެވެ. މިރޭގެ މެޗުން ބަލިވުމާއެކު އެތުލެޓިކޯ ވަނީ ލީގު ތާވަލްގެ ފަސް ވަނައަށް ވެއްޓިފައެވެ. އެތެލެޓިކޯ ބަލިވުމާއެކު ވާދަވެރި ބާސެލޯނާއަށް ވަނީ ތާވަލްގެ ހަތަރު ވަނަ ލިބިފައެވެ.