16 Feb 2022, 23:36
ރާއްޖޭގެ ފަތުރވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ސްޓޭމްޕް ކަލެކްޝަނެއް ނެރެފިއެވެ.
މިއަދު މެންހެޓަން ބިޒްނަސް ހޮޓަލުގައި އޮތް ރަސްމިއްޔާތެއްގައި މި ކަލެކްޝަން ނެރެދެއްވީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވި ދުވަސްވަރު އެކަމުގައި ހަރަކާތްތެރިވި ބޭފުޅުންނެވެ.
އެގޮތުން، ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެނެސްދެއްވި ޓުއާ އޮޕަރޭޓަރު، ޖޯޖް ކޯބިން އާއި، މިހާރުގެ ހެލްތު މިނސްޓަރު އަހްމަދު ނަސީމުގެ އިތުރުން، ޗަންޕާ ހުސައިން އަފީފާއި، މުހައްމަދު އުމަރު މަނިކު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހްމަދު މުޖުތަބާ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ އަކީ މުޅި ރާއްޖެ ބަދަލުކޮށްލި ސިނާއަތެއް ކަމަށެވެ. އަދި އެ ދުވަހު އެކަމަށް އިސްނެންގެވި ކަމަށްޓަކައި އެކަމުގެ މޭސްތިރިންނަށް މައުސޫމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކެފަތުރުވެރިކަމުގެ ރަންޔޫބީލް މުނާސަބަތުގައި ނެރޭ ސްޓޭމްޕް ކަލެކްޝަން އިފްތިތާހުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ފަތުރުވެރިކަމުގެ ރަންޔޫބީލްގެ މުނާސަބަތުގައި ނެރުނު ސްޓޭމްޕްތަކުން ދައްކުވައިދެނީ، މީގެ 50 އަހަރު ކުރިން ފެށިގެން، މިއަދާ ހަމައަށް ރާއްޖޭގެ ދަތުރުފެނެއެވެ. މުޅި ސެޓުގައި ޖުމްލަ ހަ ސްޓޭމްޕެއް ހިމެނޭއިރު ކޮންމެ ސްޓޭމްޕަކުން ވެސް ފަތުރުވެރިކަމުގެ ތާރީހުގެ މުހިއްމު މަރުހަލާއެއް ދައްކުވައިދެއެވެ.
އެ ސްޓޭމްޕް ތަކާއި އޭގެން ދައްކުވައިދޭ ކަންކަން:
5 ރުފިޔާ - 1972 ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުން
- 10 ރުފިޔާ - 1986 ވަނަ އަހަރު މޫދުކޮޓަރި ތައާރަފުވުން
- 20 ރުފިޔާ - 1987 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ތަމްރީނު މަރުކަޒެއް ހުޅުވުން
- 30 ރުފިޔާ - 1993 ވަނަ އަހަރު ސީޕްލޭން ތައާރަފުވުން
- 40 ރުފިޔާ - 2010 ވަނަ އަހަރު ގެސްޓްހައުސް ވިޔަފާރި ފެށުން
- 50 ރުފިޔާ - 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުން
މި ސްޓޭމްޕްތައް މޯލްޑިވްސް ޕޯސްޓުގެ އީކޮމާސް މަންސަ، އީޓުކުރިން ލިބެން ހުންނާނެއެވެ.