އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މެޗުގައި ކުލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު ވެލެންސިއާއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ވެލެންސިއާއިން މިރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ސްކޮޑުގައި ނެތެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ އަލީ އަޝްފާޤު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ސްކޮޑުގައި ނުހިމެނެއެވެ. އަދި ދާދި ފަހުން އިއްވި ޖަލު ހުކުމެއްގެ ސަބަބުން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވެސް މޮޅު ކުޅުމެއް ދެއްކި އަސްހަދު އަލީ (އަޑުބަރޭ) ވެސް ޓީމުގައި ހިމެނިފައެއްނުވެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 19 ވަނަ މިނެޓުގައި ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ އެނަޓޮލީ ވްލަސިޗެވް ނަގައިދިން ހުރަހެއް ވެލެންސިއާގެ އޭރިޔާ ތެރެއިން ޔޫވީގެ ކުޅުންތެރިޔަކު ބޮލުން ޖެއްސުމުގެ ކުރިން ވެލެންސިއާގެ ސަމްދޫހް މުހައްމަދު ވަނީ ބޮލުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ޔޫވީއަށް ލިބުނު ހިލޭ ޖެހުމެއްގައި އެނަޓޮލީ ނަގައިދިން ބޯޅަ ސޭވްކުރަން އުޅުމުގެ ތެރޭގައި ވެލެންސިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި އެ ޓީމުގެ ކީޕަރު ތޮލާލް ހަސަަން ވެއްޓުނު ވަގުތު ލިބުނު ބޯޅައެއް ޔޫވީގެ މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ޢަބްދުﷲ ޔާމީން ވަނީ ލަނޑެއް ޖަހައި ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލް ދިން ބޯޅައެއް ހިފައިގެން ޔޫވީގެ އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ވެލެންސިއާއިން މެޗުގެ ފުރަތަމަ ބަދަލުގެނައެވެ. އެ ޓީމުގެ ލަނޑު ޖެހުމަށް އެސިސްޓް ހަދައިދިން ޚަލީލް ގަމާލްގެ ބަދަލުގައި ކުޅެން ނިކުތީ އަހުމަދު ރިލްވާންއެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ބޯގަސް މާޓިން ޔޫވީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކީޕަރު އަހުމަދު އަނަފް ޒަރިޔަންދުގެ ބޯ މަތިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ޔޫވީގެ މޫސާ އަޒީމް ހަސަން ވަނީ އެ ބޯޅަ ސަލާމަތްކޮށްފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 42 ވަނަ މިނެޓުގައި ވެލެންސިއާއިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. އެ ޓިމުގެ ޔާމީން (ޔާން) ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ބޯގަސްއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ރެފްރީ ޖާވިޒް މުހައްމަދު އެއް މިނެޓު ދެއްކިއިރު، ފުރަތަމަ ހާފު ނިމުނީ 2-0 އިން ވެލެންސިއާއިން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 46 ވަނަ މިނެޓުގައި ވެލެންސިއާގެ އޭރިޔާ ތެރެއިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޔޫވިގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ވެލެންސިއާގެ ކީޕަރު ތޮލާލް އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނި ދަނޑު މަތީގައި ފަރުވާ ދީފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައު ޔޫވީއިން ވަނީ އެ ޓީމުގެ ފުރަތަމަ ބަދަލު ގެނެސްފައެވެ. އެ ޓީމުގެ އަލީ ހައިޝަމްގެ ބަދަލުގައި މުހައްމަދު ރީހާން ވަނީ ކުޅެން ނިކުމެފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 61 ވަނަ މިނެޓުގައި ޔޫވީއިން ވަނީ ލަނޑެއް ޖަހައި އުންމީދު އައުކޮށްފައެވެ. އެ ޓީމުގެ ރީހަން ނަގައިދިން ބޯޅައެއް ވެލެންސިއާގެ އަމްދާން އަލީ ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ބޭނުން ހިފައި މި ލަނޑު ކާމިޔާބުކުރީ ޔޫވީގެ ބޭރު ކުޅުންތެރިޔާ އިވާން ވެރާސްއެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯގަސް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ދަނޑިއާ ދިމާލުން ބޭރަށެވެ. 71 ވަނަ މިނެޓުގައި ވެލެންސިއާއިން އެ ޓީމުގެ ދެ ވަނަ ބަދަލު ގެނައެވެ. ސަމްދޫހުގެ ބަދަލުގައި އަހުމަދު ސިޒާން ވަނީ ކުޅެން ނިކުމެފައެވެ.

ޔޫވީއިން އެ ޓީމުގެ ދެ ވަނަ ބަދަލު ގެނެސްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމްގެ ބަދަލުގައި މުސަންނިފް މުހައްމަދު ވަނީ ކުޅެން ނިކުމެފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު - ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ 84 ވަނަ މިނެޓުގައި ވެލެންސިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި ޔާމީން (ޔާން) ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު އަނަފް ޒަރިޔަންދު މަތަކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިގައި ރީ ބައުންސަށް ނިކުތް ބޯޅައަށް ކުޅެން އުޅެނިކޮށް ވެލެންސިއާގެ ބޯގަސްއަށް އަނަފް ފައުލްކުރި ނަމަވެސް ރެފްރީ ފައުލެއްކަމަށް ނުދައްކައެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އެ ޓީމުގެ ތިން ވަނަ ބަދަލު ގެނެސްފައެވެ. އަހުމަދު ރިލްވާންގެ ބަދަލުގައި އިސްމާއީލް ޒާން އާމިރު ވަނީ ކުޅެން ނިކުމެފައެވެ.

މެޗުގެ ފަހު ވަގުތުގައި ޔޫވީއަށް ގާތް ގާތުގައި ދެ ކޯނަރެއް ލިބުނުއިރު، އެ ޓީމުގެ އަނަޓޮލީ ނަގައިދިން ފުރަތަމަ ކޯނަރު ވެލެންސިއާގެ ކިީޕަރު ވަނީ އަތުން ޖަހައި ބޭރުކޮށްލާފައެވެ. ދެ ވަަަނަ ކޯބަރުވެސް އަނަޓޮލީ ނަގައިދިންއިރު، ވެެލެންސިއާގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ބޭރުކޮށްލާފައެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތަށް ރެފްރީ ވަނީ ފަސް މިނެޓު ދައްކާފައެވެ. އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރޭގައި ޔޫވީ އިން ދިޔައީ ހަމަލާތަކެއް އުފައްދަމުންނެވެ. ޔޫވީގެ ރީހާން ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕާރު ތޮލާލްވަނީ މަތަކޮށްފައެވެ. ޔޫވީއިން ނަތީޖާ ހަމަހަމަކުރުމަށް އިތުރު ލަނޑެއް ޖެހުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މެޗު ނިމުނީ 2-1 އިން ޔޫވީގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވެ ލިބުނު ތޮން ޕޮއިންޓާއެކު ވެލެންސިއާ މިވަގުތު އޮތީ ލީގު ތާވަލްގެ އެއް ވަނައިގައެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ މިރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ޢަބްދުﷲ ޔާމީންއެވެ. މިއީ އޭނާ ވެލެންސިއާއަށް ކުލުނު ފުރަތަމަ މެޗެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އެވެ. އަދި މާދަމާ ރޭގެ މެޗުގައި ބައްދަލުކުރާނީ ކުލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކުލަބެވެ.