16 Feb 2022, 22:15
އައްޑޫގައި ހިންގާ ޓްރެފިކް އޮޕަރޭޝަނެއްގައި މުޅިންއަލަށް ސްޕީޑްގަން ބޭނުންކުރަން ފަށައިފިއެވެ.
ސްޕީޑްގަންގެ ސަބަބުން ބާރަށް ވެހިކަލް ދުއްވާ މީހުންނާއި ގަވާއިދާ ޚިލާފަށް ދުއްވާ މީހުންގެ ޑޭޓާ ރިކޯޑް ކުރެވޭނެއެވެ. އަދި ދުރުންވެސް ވެހިކަލްތަކުގެ ސްޕީޑް އެ ޑިވައިސް ބޭނުންކޮށްގެން ދެނެގަނެވޭނެއެވެ.
ގަން ޕޮލިސް ސްޓޭޝަނުގެ ކޮމާންޑަރު އަބްދުﷲ އިބްރާހީމް (ޑީޑީ) "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އެއްމަސް ދުވަހަށް ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ މަގުސަދަކީ ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދުން ކަމަށެވެ.
"އަނެއް މަގުސަދަކީ އައްޑޫގަ މިހާރު އެބަ ކުރިއަށްދޭ މަގު ހެދުމުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓް ނިމޭއިރު މި މަގުތައް ބޭނުންކުރާ ފަރާތްތައް ޓްރެފިކް މައްސަލަތަކަށް އަހުލުވެރިކުރުވާ މަގުގެ ރައްކާތެރިކަން ކަށަވަރުކުރަން އަޅުގަނޑުމެން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ މިހާރުވެސް އެ ޑިވައިސްގެ ސަބަބުން ގިނަ ބަޔަކު ގަވާއިދަށް ބޯލަނބަން ފަށައިފާ ވާކަމަށެވެ.
"ސްޕީޑް ގަން ބޭނުންކުރަން ފެށުމުން މިހާރުވެސް ފާހަގަ ކުރެވޭ ސްޕީޑަށް މީހުން ބަލާކަން. މީހުނަށް ވެސް އެބަ އިނގޭ ސްޕީޑްގަން ބޭނުންކުރަން ފެށީމަ މާ ދުރުންވެސް ބާރަށް ދުއްވީމަ އަޅުގަނޑުމެނަށް އެބަ އިނގޭކަން،" އޭނާ ވިދާލުވިއެވެ.
ޑީޑީ ދާޅުވިގޮތުގައި މިވަގުތު އައްޑޫގައި ބޭނުންކުރަނީ މާލެއިން އެ އޮޕަރޭޝަނަށް ގެނައި ސްޕީޑްގަންއެކެވެ. ނަމަވެސް މިހާރު އައްޑޫގައި ރަސްމީކޮށް ސްޕީޑްގަން ބޭނުންކުރަން ފަށަން ބޭނުންވާ ޑިވައިސްތަކަށް ރިކުއެސްޓްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.