ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ހިޔަލީ) އިސްވެ ހުންނަވައި އައްޑޫ ސިޓީ ހިތަދޫގައި "ސަދަން ކެއާ"ގެ ނަމުގައި ކްލިނިކެއް ހުޅުވައިފިއެވެ.

ކްލިނިކް ހުޅުވައިދެއްވީ މިއަދު ހަވީރު އެމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިޔަލީ ވިދާޅުވީ މިއަދު ހުޅުވި ކްލިނިކް އިތުރަށް ބޮޑުކޮށް ރައްޔިތުންނަށް އެ ތަނުން ފޯރުކޮށްދޭ ހިދުމަތް އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެގޮތުން ހަ ފަންގިފިލާގެ އިތުރު އިމާރާތެއް އެތަނުގެ ތެރޭގައި އެޅުމަށްފަހު، އެތަން ހާއްސަ ކުރާނީ އަންހެނުންނަށް ހިދުމަތްދޭ ތަނެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކްލިނިކެއް ހެދުމުގެ ހިޔު އަޅުގަނޑު ގެންގުޅެން ފަށައިފިން ދެހާސް އަށްވަނަ އަހަރުން ފަށައިގެން. އެ ހުވަފެން ހަގީގަތަކަށް ވެގެން މި ދިޔައީ އަޅުގަނޑުގެ ޕާޓުނަރުންގެ އެހީތެރިކަމާއެކު،" ހިޔަލީ ވިދާޅުވިއެވެ.

ހިތަދޫގައި މިއަދު ހުޅުވި "ސަދަން ކެއާ" ކްލިނިކް ---

މިއަދު ހުޅުވި ކްލިނިކާ ބެހޭގޮތުން އައްޑޫ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ ހިޔަލީ މުހައްމަދު ރަޝީދުގެ ކުންފުނިން ހިތަދޫގައި މިއަދު ހުޅުވި ކްލިނިކަކީ އައްޑޫގެ ސިއްހީ ކަންކަމަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުވެސް އެތަން ބަލާލަން ދިޔައިން. ފަށައިގަންނަ އިރުވެސް މިތަނުން ބްލަޑް ޓެސްޓްތައް ހެދޭނެ. މައުލޫމާތު ލިބިފައިވާ ގޮތުން ޕީސީއާރު ޓެސްޓް ވެސް ވަގުތުން ހަދައިދޭނެ. އެކްސްރޭ ސާވިސް އިނދޭ. ޒަމާނީ ވަސީލަތްތަކާއެކު ދަތުގެ ފަރުވާވެސް ދެވޭ،" ނިޒާރު ވިދާޅުވިއެވެ.

އިތުރަށް މޭޔަރު ވިދާޅުވީ އައްޑޫގައި އިތުރު ކްލިނިކެއް ހުޅުވުމަކީ އައްޑޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮ ހިތްހަމަޖެހުމަކާއި ލުއި ފަސޭހައެއް ކަމަށެވެ.