16 Feb 2022, 19:16
ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ރާއްޖޭގައި ހޯމް ސޯލާ ޕްރޮގުރާމް ފަށައިފިއެވެ.
ފެނަކަ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕްރޮގުރާމުގެ މަޤްސަދަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާއެކު ސަރުކާރުން ކަރަންޓް އުފައްދަން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.
އެގޮތުން، އެ ޕްރޮގްރާމްގެ ސަބަބުން އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރަހުމަތްތެރި، ޚަރަދުކުޑަ ގޮތަކަށް ކަރަންޓު ބޭނުންކުރެވޭނެކަމަށް ފެނަކައިން ބުންޏެވެ.
"ހޯމް ސޯލާއަށް ބަދަލުކުރުމަށް ކުރެވޭ ކުޑަ ޚަރަދުގެ ބަދަލާއި ފައިދާ 97% އާއި ހަމައަށް ސީދާ ގޮތުގައި ރައްޔިތުމީހާއަށް ލިބިގެންދާނެވެ. މާނައަކީ މަހުންމަހަށް އަންނަ ކަރަންޓު ބިލް 97% އާއި ހަމައަށް ކުޑަވެގެންދާނެއެވެ. އާދެ، 2000 ރުފިޔާ މަހު ކަރަންޓު ބިލައްއަރާ ގޭގޭގައި 60 ރުފިޔާއާއި ހަމައަށް ކުޑާވެގެން ދާނެއެވެ. ހޯމް ސޯލާ ސިސްޓަމް ތަކަކީ ގޭފުރާޅުގައި ހަރުކުރެވޭ ފެހި ޕަވާޕްލާންޓެކެވެ. މެއިންޓެނަންސް ޚަރަދު ކުޑަ، އިރުގެއަލިން ގެ ދިއްލާލަދޭ އަދި ފިނި ކޮއްލަދޭ ޕަވާޕްލާންޓެކެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކަ ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން ދޭ ޚިދުމަތްތަކުގެ ތެރޭގައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި މައުލޫމާތު ސާފުކޮށްދީ، ކޮންމެ ގޭބީސީއަކަށް ހެޔޮއަގުގައި ފައިސާ ދެއްކޭނެ ނިޒާމެއް ފަހިކޮށްދެއެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމުފުރައި، ދެ ފަރާތުން ސޮއިކުރުމަށް ފަހު ފެނަކައިގެ ޓެކްނިކަލް ޓީމުން ކަސްޓަމަރުގެ ގޭގެއަށް ޒިޔަރާތްކޮށް އެސެސްމެންޓެއް ހަދާނެއެވެ. އަދި އެ އެސެސްމަންޓްގެ މައްޗަށް ބަލާ، އެ ގެއެއްގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް ފެނަކައިން ބުނެއެވެ.
"ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރީ ގޮތުން ސަރވިސް ނުކުރިއަސް ރަނގަޅަށް މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއިއެކު ފެނަކައިން ދޭ ޚިދުމަތް ނިމުނީކީ ނޫނެވެ. ފެނަކައިގެ ޓެކްނިކަލް ޓީމް ހުންނާނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައެވެ." އެ ބަޔާނުގައި ވެއެވެ.