މިދިޔަ މަހުގެ އަށް ވަނަ ދުވަހު އަތޮޅުތެރޭގައި ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ކުޅުދުއްފުށީގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ތަންތަނަށް ގެއްލުންދީ ހެދިކަމުގެ ތުހުމަތުގައި 42 މީހެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކުޅުދުއްފުށީގައި ފުލުހުންނަށް އަނިޔާކޮށް، ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި 42 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އަށް ފޮނުވީ މިއަދު ކަމަށެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ޕީޖީ އަށް ދައުވާ ކުރަން ފޮނުވި އެންމެންނަކީ ވެސް ކުޅުދުއްފުށީ މީހުން ކަމަށެވެ.
އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ރަށްރަށުގެ މީހުންގެ މައްސަލަ މިހާރު ވެސް ޕީޖީ އަށް ވަނީ ފޮނުވައިފަ އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު އަތޮޅުތެރޭ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ސްޓޭޝަންތަކުގައި ހުޅުޖަހައި ބައެއް ރަށްރަށުން ފުލުހުން ވަނީ ބޭރުކޮށްލައިފަ އެވެ. އަދި މިހާރު ވެސް މާލެ އާއި އަތޮޅު ތެރޭގައި ތިބި ފުލުހުންނަށް ހަމަލަދީ ފުލުހުން ބޭނުން ކުރާ ބައެއް ވެހިކަލްތަކަށް ދަނީ ގެއްލުން ދެމުންނެވެ.