ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލައިވް ނުވެގެން އުޅެނީ ކީއްވެތޯ ބަލައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ލައިވް ނުކުރާ މައްސަލައިގެ ޝަކުވާ، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވުމުން އެކަމަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ވިދާޅުވީ ވަކި ގޮތަކަށް ކޭސް ނިމުމުން ލައިވް ކުރާކަށް ނުކެރުނު ކަމަށެވެ. އަދި ޕީޕީއެމާއި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވެސް އެދެނީ ޝަރިއަތް ލައިވް ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ލައިވް ކުރާން އެދޭ ސަބަބަކީ ރައީސް ޔާމީނަކީ ކުރީގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ކިޔައިދޭން އެމަނިކުފާނު ބޭނުންފުޅު ވާތީ އާއި އަދި އާއްމު ރައްޔިތުންވެސް އެކަމަށް އެދެމުން އަންނާތީ ކަމަށެވެ.

"މިއަދު ބައްލަވާ އެމަނިކުފާނުގެ ޝަރިއަތް އިއްޔެ ލައިވް. ނަޝީދު ވެސް ވިދާޅުވި އަޑު އަޅުގަނޑު އެހިން ރައީސް ޔާމީންގެ ޝަރިއަތް ލައިވް ކުރަން ޖެހޭނޭ،" ސައީދު ވިދާޅުވިއެވެ.

ސައީދު އެހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވަނީ ސައީދުގެ ވާހަކަ ހުއްޓުވުމަށްފަހު އެއަށް ޖަވާބު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުވެގެން އުޅެނީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ސަބަބު ކޯޓުން ސާފު ކުރައްވާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު އަޅުގަނޑުވެސް މަޖިލީހުގެ އަމީންއާއްމު ކައިރީގައި އަހާލާނަނަން ކޮން ސަބަބަކާހުރެތޯ ތިޔަ ބުނާ ލައިވްއެއް ނުވެގެން އެ އުޅެނީ. އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް އެނގިފައެއް ނުވޭ. ކޯޓުތަކުގައި މަންޒަރު ލައިވް ކުރުމުގެ ގަވާއިދު އެންމެފަހުން އަޅުގަނޑު އަހާފައި އޮތީ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ހިފައިގެން ވަދެވޭނެ ވާހައެއް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ނުކުރެވެނީ ވަސީލަތްތައް މިވަގުތު އެ ކޯޓުގައި ގާއިމު ކުރެވިފައި ނެތުމުން ކަމަށެވެ. އެހެންކަމުން ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ލައިވް ނުކުރަން ވަނީ ނިންމައިފައެވެ.

އާރަށު މައްސަލައާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ލައިވް ކުރުމަށް ރައީސް ޔާމީން ވަނީ އެދި ވަޑައިގެންފައެވެ.

ނަމަވެސް ރައީސް ޔާމީނާއެކު އެ މައްސަލައިގައި ދައުވާ ލިބޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.