16 Feb 2022, 15:50
ކާބުލް (16 ޖަނަވަރީ 2022): އެމެރިކާ ހިފަހައްޓާފައި ހުރި އަފްޣާން ރައްޔިތުންގެ ފައިސާއިން އެމެރިކާ "ވައްކަން" ކުރާނަމަ އެމެރިކާއާ މުއާމަލާތްކުރުމުގައި އަފްޣާނިސްތާނުން މިހާރު ގެންގުޅޭ ސިޔާސަތަށް ބަދަލުގެންނާނެކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން ދީފިއެވެ.
ތާލިބާން ސަރުކާރުން އިއްޔެ ބުނިގޮތުގައި އެމެރިކާ ހިފަހައްޓައިގެން އުޅޭ ފައިސާއަކީ އަފްޣާން ރައްޔިތުންގެ ފައިސާއެވެ. އަދި އަފްޣާން ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަދަތަކެތި ގަތުމަށް އެފައިސާ ނުދީ އޭގެ ބައެއް އެމެރިކާގެ އަމިއްލަ ބޭނުންތަކަށް ނެގުމަކީ އެކަމުގެ ހިތި ނަތީޖާއާ އެމެރިކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.
އެމެރިކާއާ މުއާމަލާތްކުރުމުގައި އަފްޣާނިސްތާނުން މިހާރު ގެންގުޅޭ ސިޔާސަތަށް ބަދަލުގެންނާނެ ގޮތުގެ ތަފްސީލް ތާލިބާން ސަރުކާރުން ދީފައެއް ނުވެއެވެ. ނަމަވެސް މިބަދަލުގެ ސަބަބުން ހިތި ނަތީޖާއަކާ އެމެރިކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައިވެއެވެ. މިއީ އަފްޣާން ބިމުގައި ހުރި ނާދިރު މައުދަންތަށް ނެގުންފަދަ ކަންކަން އެމެރިކާގެ ބަދަލުގައި ޗައިނާއާ ހަވާލުކޮށް ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އަފްޣާން ސަރުކާރު ޗައިނާއާ ގާތްވެދާނެ އިޝާރާތެއްކަމަށް މުރާސިލުން ސިފަކުރެއެވެ.
އެމެރިކާގައި ހުރި އަފްޣާނިސްތާނުގެ ފައިސާއަކީ އަފްޣާން ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި ދުނިޔޭގެ ބައެއް ގައުމުތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން އަފްޣާން ސަރުކާރަށް ދީފައިހުރި ފައިސާއެވެ. މިއީ ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ކަމަށްވެއެވެ.
އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކްގައި ހުރި މިފައިސާ އެމެރިކާގެ މަރުކަޒީ ބޭންކު ކަމަށްވާ ފެޑްރަލްރިޒާވް ބޭންކަށް ޓްރާންސްފާ ކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ތާލިބާން ޖަމާއަތް ކާބުލްއާ ގާތްވަމުންދިޔުމުން އަފްޣާނިސްތާނުގެ އޭރުގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުންނެވެ. ތާލިބާނުން ކާބުލްއާ ގާތްވުމުން ޣަނީގެ ސަރުކާރުގެ ހިމާޔަތުގައި އަފްޣާން ސިފައިން ނުތެދުވުމުން ޣަނީވަނީ ގައުމު ދޫކުރައްވައި ފިއްލަވައިގެން ޔޫއޭއީ އަށް ވަޑައިގެންފައެވެ.
ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާވަނީ އެގައުމަށް މިފައިސާ ދިނުމަށް ދެކޮޅު ހަދައި މިފައިސާ ހިފަހައްޓާފައެވެ. އަދި ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ މި ހަތް ބިލިޔަން ޑޮލަރުގެ ތެރެއިން ބޮޑުބައެއް ސެޕްޓެމްބަރު 11 ގެ ހަމަލާތަކުގައި މަރުވި އެމެރިކާ މީހުންގެ އާއިލާތަކަށާއި ޒަޚަމްވި މީހުންނަށް ބަދަލުގެ ގޮތުގައި ދިނުމަށް ނިންމަވާފައެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާތަކަކީ އަލްގާއިދާއިން ދިން ހަމަލާތަކެކެވެ. އަލްގާއިދާގެ ނަމުގައި އެހަމަލާތައް ދިންކަމަށް އެމެރިކާ ބުނެފައިވާ މީހުންގެ ލިސްޓުގައި އަފްޣާން ރައްޔިތަކު ނެތެވެ. ތިބީ ސައޫދީ ރައްޔިތުންނެވެ. އެހެންކަމުން އަފްޣާން ރައްޔިތުން ނުހިންގާ ޖަރީމާއަކަށް އެމީހުންނަށް އަދަބުދީ އެމީހުންގެ ފައިސާކޮޅު އަތުލުމަށް އެމެރިކާގެ ރައީސް ނިންމި ނިންމުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވެސްވަނީ ފާޑުކިޔާފައެވެ.
ތާލިބާނުން އެމެރިކާގެ މިނިންމުން ސިފަކޮށްފައިވަނީ ވައްކަމުގެ އަމަލެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ އަޚްލާގީ ފެންވަރުގެ ދަށްކަން ހާމަވާކަމެއްގެ ގޮތުގައެވެ. އަފްޣާން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގަތުމަށް މި ހަތް ބިލިއަން ޑޮލަރު ދޫކޮށްދިނުމަށް އަފްޣާން ސަރުކާރުގެ އިތުރުން އދ. އާއި ދުނިޔޭގެ ގައުމުތަކުންވެސް އެމެރިކާއަށްވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް އެމެރިކާވަނީ މި އިލްތިމާސްތަކަށް ދެކޮޅު ހަދާފައެއެވެ.
ސެޕްޓެމްބަރު 11 ހަމަލާތަކަށްފަހު އެމެރިކާވަނީ އަފްޣާނިސްތާނަށް ގަދަބާރުން އަރައި ހަނގުރާމަކޮށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް އަފްޣާން ރައްޔިތުންނާ ދެކޮޅަށް ހިންގާފައެވެ. މީގެތެރޭގައި އަފްޣާނިސްތާނުގެ ސްކޫލްތަކާއި އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް ހަމަލާދީ ލައްކައިން މީހުން މެރުމާއި ސިއްރު ޖަލުތައް ގާއިމްކޮށްގެން އެޖަލުތަކުގައި އަފްޣާން ރައްޔިތުންގެ އެތައް ބަޔަކު ހައްޔަރުކޮށް އެމީހުންނަށް ލާއިންސާނީ އަނިޔާތައް ދިނުން ހިމެނެއެވެ.