16 Feb 2022, 15:28
މާލެ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކިން ޒޯނަށް ކުރިމަތިލުމަށް ހުޅުވާލި ޕޯޓަލް ބްލޮކް ކޮށްލީ ސަރުކާރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފިއެވެ.
ޕާކިން ސްލޮޓަށް ހާއްސަކޮށް ސިޓީ ކައުންސިލުން ހަދާފައިވާ ޕޯޓަލް ބްލޮކްވެފައިވާކަން ޓުވިޓާ މެދުވެރިކޮށް ހާމަކުރައްވަމުން މުއިއްޒު ވިދާޅުވީ ލިންކް ބްލޮކް ކޮށްލީ ސަރުކާރުން ކަމަށާއި، އެކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރު އެކެއް ޖެހިއިރު ޕޯޓަލް ހުޅުވާލި ކަމަށާއި، ހުޅުވާލުމާއެކު މައްސަލަ ޖެހުނު ކަމަށެވެ. އެހެންކަމުން އެއީ ސިޓީ ކައުންސިލްގެ ޓެކްނިކަލް މައްސަލައެއްތޯ ވެސް ބެލި ކަމަށެވެ.
"އައިޓީ ޓީމަކީވެސް މިކަމުގެ ތަޖުރިބާ ހުރި ބައެއް. ދެން އަޅުގަނޑުމެން ބަލާލިއިރުގަ، ހަމަ ޔަގީނާ ގާތަށް އެނގިގެން ދިޔައީ، ދީފައިން އެޓޭކެއްކަން، ބްލޮކްކޮށްލަން،" ޝިއުނާ ވިދާޅުވިއެވެ.
އެ ލިިންކް އަޕްޑޭޓް ނުކުރެވުމުން އަލުން އާ ޕޯޓަލް ލިންކެއް ހެދި ކަމަށާއި، ނަމަވެސް އެންމެ ފުރަތަމަ ޕޯޓަލްއަށް ވަތް މީހުން އެ ލިންކުން ބެލެން ނެތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
"އެވަގުތުކޮޅު ވެސް އެނގިގެން ދިޔަ މީހުންނަށް ޕާކިން މުހިންމުވެފަ ތިބި ވަރު. 84،000 ވަރަކަށް މީހުން ޓްރައި ކުރި ވަންނަން،" އައިޓީއިން ތަފާސްހިސާބު ބަލައިލި އިރު ފާހަގަވި ކަންތައް ޝިއުނާ ކިޔައިދެއްވިއެވެ.
އެހެންކަމުން އެންމެންނަށްވެސް ފުރުސަތު ލިބޭ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށްޓަަކައި، އަލުން މާދަމާ ޕޯޓަލް ހުޅުވާލާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މިގޮތަށް ކަންތައް ދިމާވުމުން ރައްޔިތުން ކައުންސިލަށް ކުރާ އިތުބާރު ގެއްލޭނީ ކަމަށާއި މިއީ ރައްޔިތުންނަށްދޭ ހިދުމަތެއް ކަމަށެވެ.
"އެންސީއައިޓީ ނުވަތަ ދިރާގު ކަހަލަ ތަނަކަށް މީގެ ޑީއެމްއެފް ބްލޮކް ކުރެވޭނީ، އަޅުގަނޑުމެންގެ އައިޓީ ޓީމުން ބަލާފަ ބުނީ. ދެން މިކޮޅުން ޗެކް ކުރިއިރު އެއީ ދިރާގުން ކުރި ކަމެއް ނޫން. އެންސީއައިޓީގެ ފަރާތުން ބްލޮކް ކޮށްލާފަ އިނީ. ދެން އެކަހަލަ ބޮޑު އެޓޭކެއް ދިނީމަ އަޅުގަނޑުމެން ވަގުތީ ގޮތުން ޕޯޓަލް ބަންދުކޮށްލީ،" ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ މި އަމަލު ކުށްވެރި ކުރާ ކަމަށާއި، މިކަމާ ގުޅިގެން ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ލިންކަށް ދިމާވި މައްސަލަ ހައްލުކޮށް، މާދަމާގެ ރަސްމީ ގަޑީގައި އަލުން ލިންކް ހުޅުވާލާނެ ކަމަށެވެ.