އިންޑިއާގެ މުމްބާއީން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެންސީބީއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 50 އަހަރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ އެ އަންހެން މީހާ ހައްޔަރުކުރީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ މީހާ އިންޑިއާއިން ފުރައިގެން ދިޔުން ހުއްޓުވުމަށް ޓަކައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިމިގްރޭޝަން އޮފިޝަލުންނަށް "ލުކްއައުޓް ނޯޓިސް"އެއް ފޮނުވައިފައިވާ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

އެ އަންހެން މީހާ ހައްޔަރުކުރުމަށް ފަހު މިއަދު އަންގަމަލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެ މީހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 11ގައި ފެންމަތިވި މައްސަލައަކާ ގުޅިގެންނެވެ.

އެއީ އެކި ބާވަތުގެ މުދާ ޑެލިވާކޮށްދޭ ކުންފުންޏެއްގެ އޮފީހަކުން، 3.9 ކިލޯގެ މަސްތުވާތަކެތި ފޮރުވާފައިވާ ޕާރުސަލެއް ފެނުނު މައްސަލައެކެވެ. އެ ޕާރުސަލު ފޮނުވަން ހަމަޖެހިފައި އޮތީ އާމިނަތު ރަޝީދާއަށް ކަމަށް އެންސީބީން ބުނެފައިވެއެވެ.