16 Feb 2022, 14:57
ރާއްޖޭގައި އިނގެރޭސިވިލާތުގެ ހައިކޮމިޝަނުގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ.
އެތަން ހުޅުއްވައިދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލާއި އިނގިރޭސިވިލާތުން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރު ލޯޑު ޠާރިޤް އަޙްމަދެވެ.
މި މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ހާއްސަ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
"އިނގިރޭސިވިލާތަކީ ރާއްޖޭގެ މިނިވަންކަން ބަލައިގަތް ފުރަތަމަ ގައުމު. އަޅުގަނޑުމެން އަބަދު ވެސް ޝުކުރުވެރި ވަން، ރާއްޖެ އދ.ގެ މެންބަރަކަށްވުމަށް އިނގެރޭސިވިލާތުން ތާއީދު ކުރެއްވީ ކުދި ގައުމުތައް އދ.ގެ މެންބަރުކަން ދިނުން މަގުބޫލު ނޫން ދުވަސްވަރެއްގައި،" ޝާހިދު ވިދާޅުވިއެވެ.
އޭގެއިތުރުން، ޝާހިދު ވަނީ ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރޭ އަލިމަސްޔޫބީލްގެ ތަހުނިޔާ ފޮނުއްވައިފައިއެވެ. އަދި މިއަހަރަކީ، ރާއްޖެއަށް ރާނީ ކުރެއްވި ދަތުރުފުޅަށް 50 އަހަރުފުރޭ އަހަރުކަން ވެސް ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރަކީ ކެރޮން ރޮސްލާ އެވެ. އޭނާ މަގާމުގެ ލިޔުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ އޮކްޓޯބަރު 2019ގައެވެ.
މިއީ ވިލާތުގެ ގައުމެއްގެ ހައިކޮމިޝަން އޮފީހެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. ދާދި ފަހުން އޮސްޓްރޭލިއާއިން ވެސް ވަނީ ރާއްޖޭގައި ހައިކޮމިޝަނެއް ގާއިމުކުރުމަށް ނިންމާފައެވެ.