ރާއްޖޭގެ ކޮންމެ ރަށަކީ ތާރު އަޅަންޖެހޭ ރަށެއް ނޫންކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިހާރު އިންފްރާސްޓްރަކްޗާ މަސައްކަތެއް ގޮތަށް އެންމެ ޑިމާންޑު ބޮޑު މަސައްކަތަކީ މަގުހެދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، 22 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ކަމަށާއި 19 ރަށެއްގެ މަގުހެދުން ޕްލޭން ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރަށްރަށުގެ މަގުތަކުގައި ތާރު އެޅުން ޓްރެންޑަކަށް ވެފައި މިވަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ރަށަކީ ތާރު އަޅަން ޖެހޭ ރަށެއް ނޫން ކަމަށެވެ. ނަމަވެސް އާބާދީ ބޮޑެތި ތޮއްޖެހިފައި ހުންނަ ތަންތަނުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަސްލަމް ވިދާޅުވީ އެއްކޮޅުގައި ހުރެފައި އަނެއްކޮޅުގައި ހުންނަ މީހާއަށް ގޮވާލީމަ އަޑުއިވޭ ރަށްރަށް ރާއްޖޭގައި އެބަހުރި ކަމަށެވެ. އެ ރަށްރަށުގައި ވެސް ތާރު އަޅަން ޑިމާންޑު އެބަ ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ވެހިކަލްތަކުގައި މީހުން ދަތުރުކުރުން ރަނގަޅު ތަންތަން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޕިކަޕް ހުންނަން ޖެހޭނެކަން އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް މި ދެންނެވި ސައިޒުގެ ރަށެއްގައި ޓެކްސީތަކެއް ޕްރައިވެޓް ކާރުތަކެއް ހުންނަން ޖެހޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މަގުތައް ހެދުމާއި މަގުތައް ބޭނުންކުރެވޭނެ ގޮތަކާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ. އެހެންކަމުން ވެހިކަލް އެރުވޭނެ ގޮތްތައް ކަނޑައެޅިފައި ހުންނަން ޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ތާރު ނޭޅި ނަމަވެސް މަގުތައް އެއްވަރުކޮށް، ފެން ހިނދޭ ގޮތަށް މިހާރު ތަރައްގީ ކުރެވޭނެ ކަމަށެވެ.