16 Feb 2022, 12:31
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާތީ، އެމްޑީޕީގެ ތަރުޖަމާނުގެ މަގާމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އިސްތިއުފާ ދެއްވައިފިއެވެ.
އިންތިގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ތަރުޖަމާނުގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެމްޑީޕީގެ މެމްބަރުންނާއި ލީޑަޝިޕާއެކު ކުރެވުނު މަސައްކަތްތަކަކީ ސިޔާސީ ހަޔާތުގައި ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް އަޅުގަނޑު ކުރިމަތިލާފައި ވީހިނދު، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓައިލައި ބަޣާވާތުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު އަދާކުރަމުން ދިޔަ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން، މިހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފިން،" އިސްތިއުފާގެ ސިޓީގައިވެއެވެ.
އެމްޑީޕީގެ ތަރުޖަމާނުގެ މަގާމާ އިންތި ހަވާލުވެވަޑައިގަތީ 2012 ވަނަ އަަހަރުއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ކުރިމަތިލެއްވީ، އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އޭނާ އެ މަގާމަށް އިންތިޚާބު ކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ބުނަނީ އިންތިޚާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށެވެ. އެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 16ވާ ހޮނިހިރު ދުވަހުއެވެ.
އިންތިގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލެވެ.