16 Feb 2022, 11:44
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ލައިވް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެންދެން ޝަރީއަތް މަޑުޖައްސާލަ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެން ދެން ޝަރީއަތް މަޑުޖައްސާލުމަށެވެ.
ނަމަވެސް އެކަމަށް މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.
އޭގެ ކުރިން ވެސް ރައީސް ޔާމީންގެ ދިފާއީ ވަކީލުން ދެ ފަހަރެއްގެ މަތިން އެކަން ފާހަގަކުރުމުން އިސް ގާޒީ ޝަކީލް ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ.
ޝަކީލް ވިދާޅުވީ, މައްސަލަ ލައިވް ކުރުމަށް މީގެ ކުރިން ވެސް ދިފާއީ ވަކީލުން އެދިފައިވާ ކަމަށާއި އެކަމަށް ވާނީ ލިއުމުން ޖަވާބު ދެއްވާފައި ކަމަށެވެ. އެ ޖަވާބަށް އިޝާރަތް ކުރައްވައި ޝަކީލް ވިދާޅުވީ, ޝަރީއަތުން މައްސަލަ ލައިވް ކުރަން ހުރަސް ނާޅާ ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ އިންތިޒާމްތައް މިވަގުތަށް އަދި ހަމަޖެހިފަ ނެތް ކަމަށެވެ.
ދިފާއީ ވަކީލުން ތަކުރާރުކޮށް އެކަން ފާހަގަކުރުމުން އަދިވެސް އެކަން ބައްލަވާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި ދިފާއުގައި ހެކި ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދުނެވެ.
ރައީސް ޔާމީންގެ ފަރާތުން ވެސް ވަނީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ. ސަބަބެއް ކަމަށް ވަކީލް ވިދާޅުވީ, މައްސަލައިގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.
ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމަށް ތިބީ ތައްޔާރަށެވެ. ނަމަވެސް ގާޒީ ވަނީ ހެކި ހުށަހެޅުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.