16 Feb 2022, 10:47
މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް، އެ ކައުންސިލްގެ މުވައްޒަފުންނަށް ދެ އެލަވަންސެއް ދޭން ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސް އެއް ދިނުމަށް މަޝްވަރާ ކުރިއިރު، އެކި ކެޓަގަރީއަށް އެލަވަންސް ކަނޑައެޅީ އެކި ވަރަށެވެ. އެގޮތުން ދުވާލަކަށް 35 ރުފިޔާ، 50 ރުފިޔާ އަދި 75 ރުފިޔާ ހަމަޖެއްސުމަށް ހުށަހަޅައި، އެކަމަ ބަހުސް ކުރެވުނެވެ.
ނަމަވެސް އެޓެންޑެންސް އެލަވަންސް ނަމަ، އެންމެނަށް ވެސް އެއް ހަމައަކަށް ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް މެމްބަރުންނަށް ތާއީދު ކުރެވި، އެގޮތަށް ފާސްކުރެވުނީއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ބަދަލާއެކު މުވައްޒަފުންގެ މުސާރައަށް 1650 ރުފިޔާގެ އިތުރުވުމެއް އަންނާނެ ކަމަށެވެ.
އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން، ކޮންމެ ޑިޕާޓްމަންޓަކުން އެންމެ ރަނގަޅު ސްޓާފް، ތިން މަހުން އެއްމަހު ހޮވައި، އެލަވަންސެއް ދޭން ވެސް ވަނީ ނިންމާފައެވެ.
"ތިންމަހުން އެއްމަހު ހޮވާ އެންމެ ރަނގަޅު ސްޓާފް، ކޮންމެ ޑިޕާޓްމެންޓަކުން ހޮވާނަމަ، ޑިޕާޓްމަންޓްގެ އެ މުވައްޒަފަކަށް އިތުރު 1000 ރުފިޔާވެސް ލިބިގެންދާނެ، އެގޮތަށް ނިންމަވައިފިނަމަ،" މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީކައުންސިލްގެ މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސް ދިނުމާއި، ކޮންމެ ތިން މަހަކުން އެއް މަހަކު ހޮވާ އެންމެ ރަނގަޅު ސްޓާފަށް ހަނދާނީ ލިޔުމަކާއި ފައިސާގެ ބޯނަސް އެއް ދިނުމަށް ފާސްވީ، ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.