16 Feb 2022, 10:49
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ޙަސަނެވެ. އަދި ބާސްކެޓު އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަޙްމަދު އާދަމެވެ.
މިރްޝާން ވިދާޅުވީ އެމްބީއޭގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"ބާސްކެޓަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވަމުން އަންނަ ކުޅިވަރެއް. އެހެންކަމުން، އަޅުގަނޑުމެންގެ އުންމީދަކީ އެ ކުދިންނަށް އާ ހިތްވަރެއް ދިނުން،" މިރްޝާން ވިދާޅުވިއެވެ.
އެމްބީއޭގެ ރައީސް ވަނީ ދިރާގަކީ ބާސްކެޓުގެ ތަރައްގީއަށްޓަކައި ބޮޑެތި އެހީތަކެއް ވެފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދިރާގުން ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން ވެސް ދިރާގުން ދަނީ ކުޅިވަރުގެ ޒަރީއާއިން އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށް ބާރުއަޅާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.