16 Feb 2022, 10:35
ޔޫކްރެެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ހަތް މެންބަރުން ވޯޓުދެއްވި އިރު ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވިއެވެ. އަދި އެއް މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައެވެ.
ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެއީ ޔޫކްރެއިންއާއި އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލައި ހުށަހަޅާ މައްސަލައެއް ކަމަށެވެ.
ޔޫކްރެއިން އާއި ރަޝިޔާގެ ބޯޑަރު ގުޅޭ ސަރަހައްދަށް ރަޝިއާއިން އެގައުމުގެ ސިފައިން ޖަމާކޮށްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރަޝިއާއިން އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ޔޫކްރެއިންގެ ރައީސް ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ މެދުގައި ކޮންމެ ވަގުތަކުވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ހާލަތުގައި އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުން ގައުމަށް ގެންނަން ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެހެންކަމުން މިފަދަ ދަނިޑަޅެއްގައި އެގައުމުގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ދެކި ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވީހާވެސް އަވަހަށް އެގައުމުން ބޭރަށް ގެންގޮސް ރައްކާތެރި މަންޒިލަކާ ހަމައަށް ގެންގޮސް ދިނުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަށް ގޮވާލަން،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޑިއާގެ ބައެއް ސްކޫލްތަކުގައި ކިޔަވަމުން އަންނަ މުސްލިމު އަންހެން ކުދިން ބުރުގާ ނެގުމަށް މަޖުބޫރުކޮށް، އެ ކުދިންނަށް އެކިކަހަލަ އަނިޔާތައް ކުރަމުންދާކަން ވެސް އެ މައްސަލައިގައި ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި އެ ދަރިވަރުންގެ ދީނީ މިނިވަންކަން ނިގުޅައިގަތުމަށް ފުރުސަތު ނުދިނުމަށް ނަޝީދު، ސަރުކާރަށް ގޮވައިލެއްވިއެވެ.
"އެގައުމުގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ އަންހެން ކުދިންނަކީ ބުރުގާ އަޅާ ކުދިން ކަމުން އެކުދިންނަށް ހަރުކަށި ހިންދުތުވާ ޖަމާއަތްކަކާ ލާމެހިފައިވާ ބީޖޭޕީ ސަރުކާރުގެ ތުރާލާ އުނދަގޫ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް،" ނަޝީދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.
ޔޫކްރެއިންގައި ތައުލީމު ހާސިލު ކުރުމަށާއި އެހެން ބޭނުންތަކަށް އެގައުމުގައި 50 ދިވެހިން ދިރިއުޅެމުންދެއެވެ.
ޔޫކްރެއިންގައި ދިވެހި ދަރިވަރުން ތިބީ ހަނގުރާމަ ފަށައިފިނަމަ ފުރަތަމަ ވެސް އެންމެ ނުރައްކާވާނެ ހިސާބުގައި ކަމަށް އެ ތަނުގައި ތިބި ދަރިވަރުން އިއްޔެ ވަނީ ބުނެފައެވެ.
އެގައުމުގެ ޚަރްވިކްގައި އުޅޭ ދިވެހި ދަރިވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން ތިބީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ސިޓީގައި ކަމަށެވެ. އަދި ކޮންމެ ހަމަލާއަކުން ވެސް އެ މީހުންނަށް އަސަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށް އެ ދަރިވަރުން ބުނެފައިވެއެވެ.
ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލަ ހޫނުވާން ފެށީ ޔޫކްރެއިނުން ނޭޓޯއާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.
ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރެއިންއަކީ ނޭޓޯގެ މެންބަރަކަށް ވެއްޖެ ނަމަ، ނޭޓޯގެ އަސްކަރީ ފައުޖުތައް އޮންނާނީ ރަޝިއާގެ ސަރަހައްދީ ރޮނގުގައެވެ. އަދި އެއީ ރަޝިއާއަށް ނުރައްކާ ކަމެއް ކަމުން، އެގައުމާއި ޔޫކްރެއިންއާ ގުޅޭ ބޯޑަރު ކައިރިއަށް ސިފައިން ޖަމާކުރަން ޖެހުނީ ކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.