16 Feb 2022, 10:19
ވޮޝިންޓަން (16 ޖަނަވަރީ 2022) : ޔޫކްރެއިނުގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ ރަޝިއާގެ ލައްކައަކަށްވުރެ ގިނަ ސިފައިންގެ ތެރެއިން ބައެއް ސިފައިންނާއި ބައެއް ހަތިޔާރުތައް ފަހަތަށް ޖައްސަމުންދާކަމުގެ ރިޕޯޓްތައް ގަބޫލުކުރުމަށް އެމެރިކާ ދެކޮޅު ހަދައިފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަޝިއާ އަދިވެސް އޮތީ ކޮންމެ ވަގުތަކުވެސް ޔުކްރޭނަށް އަރައިގަތުމަށް ތައްޔާރުވެގެންކަމަށާ ރަޝިއާއިން ބައެއް ސިފައިންނާއި ބައެއް ހަތިޔާރު ފަހަތަށް ޖެއްސިކަމަށް ބުނާ ރިޕޯޓްތަކުގެ ސައްހަކަން އެެމެރިކާއަށް ހާމަނުވާ ކަމުގައެވެ. ބައިޑެން ވިދާޅުވީ ރަޝިއާ ޔުކްރޭނަށް އަރައިގެންފިނަމަ ވަރުގަދަ ރައްދެއްދޭނެކަމަށާ ރަޝިއާއާއި ޔުކްރޭންގެ މަސްރަހު ފިނިވާކަމަށް އެމެރިކާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މިއަދުގެ ވަގުތެއްގައި ރަޝިއާއިން ޔުކްރޭނަށް އަރައިގަންނާނެކަމަށް އެމެރިކާވަނީ މީގެ އެތަށް ދުވަހެއްކުރިން ހިސާބުތައް ޖަހައި އެކަން ދުނިޔެއަށް އިއުލާންކޮށްފައެވެ. ރަޝިއާއިން ކޮންމެ ވަގުތަކުވެސް ޔުކްރޭނަށް އަރައިގަނެފާނެކަމުގެ އިންޒާރުތައް އެމެރިކާ ދެމުންގެންދާތާ ބާރަވަރަކަށް ދުވަސްވެއްޖެއެވެ. އަދި އެންމެފަހުން މިދިޔަ ހުކުރުދުވަހު އެމެރިކާ ވަނީ ރަޝިއާ ޔުކްރޭނަށް ހަމަލާދޭން ފަށާނީ އަންނަ ބުދަދުވަހު ކަމަށްވެސް ބުނެ ޔުކްރޭނަށާ އަދި މުޅި ދުނިޔެއަށްވެސް ބިރު ދައްކާފައެވެ.
މީގެއިތުރުން އެމެރިކާ ވަނީ ރަޝިއާގެ ހަމަލާތަކުގައި ދެދުވަހުގެ ތެރޭގައާ އަދި ހަފްތާއެއްގެ ތެރޭގައި ޔުކްރޭނަށް ލިބޭނެ ގެއްލުންތަކާއި މަރުވާނެ މީހުންނާއި ޒަޚަމްވާނެ މީހުންނާ އަދި ރެފިއުޖީންގެ ގޮތުގައި ހާލުގައި ޖެހޭނެ މީހުންގެ އަދަދުތައްވެސް ހާމަކޮށްފައެވެ. ނަމަވެސް ރަޝިއާއިން ހަނގުރާމަ ފަށާނެކަމަށް އެމެރިކާބުނި ސުންގަނޑި ޖެހުނުއިރު މަންޒަރު ފެންނަންފަށާފައިވަނީ އެމެރިކާ ޖެހި ހިސާބުތަކާ ދިމާ އިދިކޮޅަށެވެ.
ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރި އަށް ޖަމާކޮށްފައިވާ ރަޝިއާގެ ސިފައިންގެ ބައެއް ފައުޖުތައް އެ ސަރަހައްދު ދޫކޮށް ރަޝިއާގެ އެތެރޭގައި ހުންނަ އަސްކަރީ މަރުކަޒުތަކާ ދިމާއަށްދާ މިސްރާބު ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިއާގެ އިސް މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ރޭވުމެއް އަދި ޕްލޭނެއް ނެތް ކަމަށެވެ.
ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ތިން ފަރާތަކުން ރަޝިއާ ވަނީ އެއްލައްކައަށްވުރެ ގިނަ ސިފައިންނާއި އާދައިގެ ހަތިޔާރާ އަދި ބަރު ހަތިޔާރުވެސް ގިނަ އަދަދަކަށް ޖަމާކޮށްފައެވެ. މިކަމުގެ ބޭނުމަކީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދައިގެން ރަޝިއާގެ ސަރަހައްދި ރޮނގުގެ ކައިރިއަށް ނޭޓޯގެ ހަތިޔާރު ޖަމާކުރަން އެމެރިކާ އުޅޭތީ އެކަން ހުއްޓުވުމެވެ.
އަދި ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އެއްވެސް ދިމާއަކުން ނޭޓޯގެ ސިފައިން ގާތްވުމުގެ ފުރުސަތު ރަޝިއާއިން ނުދޭނެކަމާ ރަޝިއާގެ ދިފާއުގައި އެގައުމު އޮތީ ވަރަށް ކެރިގެންކަމުގެ މެސެޖް އެމެރިކާއަށާ ނޭޓޯއަށް ދިނުންކަމަށް ރަޝިއާ ބުނެފައިވެއެވެ.
މީގެއިތުރުން ނޭޓޯގެ މެންބަރަކަށްވެގެން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ވިސްނުން ޔުކްރޭން ދޫކޮށްނުލާނަމަ ޔުކްރޭން އޮންނަންޖެހޭނީ މިހާރު އެގައުމުގެ ވަށާލައިގެން ރަޝިއާގެ ލަޝްކަރުތައް އޮތުމުން އެގައުމު އޮންނަންޖެހިފައިވާ ބިރުވެރި ހާލަތުގައި ކަމުގެ މެސެޖް ޔުކްރޭނަށް ދިނުމަކީވެސް ރަޝިއާގެ ބޭނުމެއްކަމަށްވަނީ ބެލެވިފައެވެ.
އެމެރިކާވެސްވަނި 1962 ވަނަ އަހަރު އޭރުގެ ސޮވިއެޓް ޔުނިޔަން ގެ ސްޓްރެޓީޖިކް މިސައިލްތައް އެމެރިކާއާ ކައިރީގައި އޮންނަ ކިޔުބާގައި ރުކުރުވާލުމުން ކިޔުބާއަށް ބިރު ދައްކައި އެ މިސައިލްތައް ނެގުމަށް މަޖްބޫރުކޮށްފައެވެ.
ކިޔުބާއަކީ އެމެރިކާއާ ވަރަށް ގާތުގައި އޮންނަ ގައުމަކަށްވާތީ އެމެރިކާގެ ދުޝްމަން ސޮވިއެޓް ޔުނިޔަންގެ ސްޓްރެޓީޖިކް މިސައިލް ކިޔުބާގައި ބަހައްޓާނަމަ އެއަށް ހަމަލާދޭނެކަމާއި އެކަމުގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމަށް މަގުފަހިވިނަމަވެސް ދޫނުދޭނެކަމަށް ބުނެ އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީވަނީ އެކަން ހުއްޓުވާފައެވެ.
ރަޝިއާގެ ސިފައިން ޔުކްރޭން ހިސާރުކޮށް ވަށާލުމުގެ ބޭނުމަކީވެސް މިފަދަކަމެއްކަމަށްވަނީ ބެލެވިފައެވެ. ރަޝިއާއިން އެއްލައްކައަށް ވުރެ ގިނަ ސިފައިންނާއި ބަރުހަތިޔާރާއެކު ތިންފަރާތުން ޔުކްރޭން ވަށާލުމަކީ ޔުކްރޭންގެ ފަރާތުން (ނޭޓޯ މެދުވެރިކޮށް) ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާ ނުކުރާނެކަމުގެ ގެރެންޓީ ހޯދުމެވެ.
ޔުކްރޭންގައި އޮންނަނީ އެމެރިކާގެ ވަށައިގެން އެނބުރޭ ބާވަތުގެ ސެޓަލައިޓް ސަރުކާރެކެވެ. ޔުކްރޭން ނޭޓޯއަށް ވައްދަން ބޭނުންވާއިރު ބޭނުންވާއިރު އެމެރިކާވަނީ ރަޝިއާގެ ވަށައިގެންވާ އިރުމަތީ ޔޫރަޕްގެ އެހެން ގައުމުތައްވެސް ނޭޓޯއަށް ވައްދައިގެން ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ސިފައިން ގެނައުމުގެ މަސައްކަތް ފަށާފައެވެ.
މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންއާއި އެމެރިކާއާ ދެމެދު އެއްބަސްވެފައިވާ ގޮތާ އަދި ސޮވިއެޓް ޔުނިޔަން ރޫޅުމަށްފަހު މިހާރުގެ ރަޝިއާގެ ކުރީގެ ރައީސެއްކަމަށްވާ ބޮރިސް ޔެލްސިންގެ ދުވަސްވަރު ރަޝިއާއާ އެމެރިކާ އާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމާވެސް މުޅިން ޚިލާފު ކަމެއްކަމަށް ރަޝިއާ ބުނެއެވެ.
ރަޝިއާގެ ބައެއް ސިފައިން ޔުކްރޭންގެ ސަރަހައްދީ ރޮނގު ދޫކޮށްފައި ދިޔަނަމަވެސް ރަޝިޔާ ބޭނުންވާ ސަލާމަތީ ގެރެންޓީ ނުލިބޭނަމަ ރަޝިޔާއިން ޔުކްރޭން ހިސާރުކޮށްފައިވާ ހިސާރުކުރުން ނިމުމަކަށް ނުގެންނާކަމާ އެކަން އެގޮތުގައި ރަޝިއާ ބާއްވާނެކަމަށް ވަނީ ބެލެވިފައެވެ.
ޔުކްރޭނަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި ރަޝިޔާގެ ޕާލަމެންޓްގެ ތިރިގެއިން އިއްޔެވަނީ ރަޝިއާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ޔުކްރޭންގެ ބޮޑު ސަރަހައްދެއްކަމަށްވާ ދުންބާސް އަކީ މިނިވަން ގައުމެއްކަމަށް އިއުތިރާފްވުމަށް ރައީސް ޕޫޓިންނަށް ލަފާއެރުވުމަށް ގަރާރެއް ފާސްކޮށްފައެވެ. ޔުކްރޭނަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން ޕޫޓިން މިގަރާރާއެއްގޮތަށް އަމަލުކުރައްވައިފިނަމަ އެ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިވާނެއެވެ.
ދުންބާސް ސަރަހައްދަކީ ޔުކްރޭންގެ ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އެސަރަހައްދު ޔުކްރޭނުން ވަކިވުމަށްޓަކައި އެސަރަހައްދުގެ ހަނގުރާމަވެރިން ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ވަކިވެގަތުމުގެ ހަނގުރާމައެއް ކުރަމުން ގެންދާތާވަނީ އަހަރުތަކެއް ވެފައެވެ. ދުންބާސްގެ ހަނގުރާމަވެރިން ނަށް އަސްކަރީ ގޮތުން އެހީތެރިވަނީ ރަޝިއާއެވެ.