13 Mar 2012, 12:57
އަތޮޅުތަކުގައި ހުރި ޒުވާނުންގެ މަރުކަޒުތައް ކައުންސިލްތަކާ ހަވާލުކޮށްގެން ހިންގަވަން ނިންމަވާފައިވާ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ދާދިފަހުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ޒުވާނުންގެ މަރުކަޒުތައް ހަވާލުކުރައްވާނީ އަތޮޅު ކައުންސިލްތަކާތޯ ނުވަތަ ރަށު ކައުންސިލްތަކާތޯ އަދި ނިންމަވާފައި ނުވާ ކަމަށެވެ.
ޔޫތު މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޒުވާނުންގެ މަރުކަޒުތައް ހިންގުމުގައި ގެންގުޅެފައި ވަނީ ވަރަށް ދޯހަޅި ސިޔާސަތެއް ކަމަށާއި އެތަންތަން ބެލެހެއްޓޭނެ ހަރުދަނާ އުސޫލުތަކެއް ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި އެތަންތަން އެކިއެކި ފަރާތްތަކާ ހިންގަން ހަވާލުކޮށްފައި ހުރުމުގެ ސަބަބަން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރީގެ ސަރުކާރުން ޒުވާނުންގެ މަރުކަޒުތައް ހިންގުމުގައި މި ހައްދަވާފައި އޮންނަ ގޮތަކީ ރަށެއްގެ ޖަމިއްޔާ އަކަށް މި ހަވާލު ކުރަނީ ކޮންމެވެސް ކަހަލަ އެއްބަސްވުމެއްގެ ދަށުން. އަނެއްކާ އެ ޖަމިއްޔާ އަކަށް މިނިސްޓްރީގެ ބަޖެޓުން މަހުން މަހަށް ވަކި އަދަދެއްގެ ފައިސާ ވެސް ލިބޭ ގޮތަށް. ދެން އެ ހިސާބުން އެ މަރުކަޒަކަށްވީ ކިހިނެއްތޯ، ހިންގަނީ ކިހިނެއްތޯ މި އިން އެއްވެސް ކަމެއް ބެލިފައެއް ނެތް. ބައެއް މަރުކަޒުތައް ސިޔާސީ ކުލަ ޖެހިގެން ވެސް ދޫކޮށްފައި އެބަ ހުރި،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާނުންގެ މަރުކަޒުތައް ކައުންސިލްތަކާ ހަވާލު ކުރެއްވުމުގެ ވިސްނުމުގެ މާނައަކީ ރައްޔިތުންނާ ހަވާލު ކުރެއްވުން ކަމަށެވެ. އެ ގޮތުން އަތޮޅުތަކުގައި ހުންނަ ޒުވާނުންގެ މަރުކަޒުތަކުގެ ބޭނުން އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވީހާ ވެސް ހަމަހަމަކަމާ އެކު ހިފޭނެ ގޮތެއްގެ މަތީން އެކަން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ގޮތުން ކައުންސިލްތަކުން އެތަންތަން ހިންގި ނަމަވެސް މޮނިޓާ ކުރުމުގެ ދައުރެއް މިނިސްޓްރީން ގެންގުޅޭނެ ކަމަށް ވިދާޅުވި އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި މުންދު ވިދާޅުވީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ޗެއާގައި ޔޫތު މިނިސްޓަރު އިންނަވާ ގޮތަށް މިހާ ތަނަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ނިންމަވައިފައިވާ ކަމަށެވެ. އެއީ ސްޕޯޓްސް ކައުންސިލްގެ އޮނިގަނޑަށް ގެންނެވި މުހިންމު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅިވަރުގައި ތިބޭ ޕްރޮފެޝަނަލް ބޭފުޅުން ކޮޅެއް، ނުވަތަ ކުޅިވަރު ރާވައި ހިންގާ ބޭފުޅުންކޮޅެއްގެ މައްޗަށް ބަސް ކިޔާން މި އިންނަން ވަނީ ސިޔާސީ މީހަކު، އަޅުގަނޑު ދެކޭ ގޮތުގައި އެއީ ތެލާއި ފެނާ އެއްކުރުން ކަހަލަ ކަމެއް،" މުންދު ވިދާޅުވި އެވެ.
އޭނާ އަދި އިތުރަށް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ، އަވައްޓެރި ބަންގްލަދޭޝްގެ ރައްޔިތުންނަށް އަލަށް ރާއްޖޭގެ ވަޒީފާތަކަށް އައުމަށް ވޯކް ޕާމިޓް ދޫކުރުމަށް ކުރީގެ ސަރުކާރުން ގެންގުޅުނު އުސޫލު ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން އެކަން އަލުން ރިވިއު ކުރައްވައި އެ ފުރުސަތު ވަރަށް އަވަހަށް ތަނަވަސް ކޮށްދެއްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.
"ނިމިދިޔަ ސަރުކާރުން ދާދި ފަހުން ނިންމެވި ނިންމެވުމެއް އެއީ ބަންގްލަދޭޝް ރައްޔިތުން ރާއްޖެ ގެނައުން ވަގުތީ ގޮތުން ހުއްޓައިލުން. އެކަން ވަރަށް އަވަހަށް ރިވިއުކޮށް، އެ ރެސްޓްރިކްޝަން އަށް ހެޔޮ ބަދަލެއް ގެނެސް އިމިގްރޭޝަން ސައިޑުން ނަމަވެސް ހުއްދަތައް ރިލީޒް ކުރާނަން. އަޅުގަނޑުމެންގެ އެތެރޭގައި މައްސަލައެއް ހައްލު ކުރުމަށޭ ކިޔާފައި ރާއްޖެ އަށް ބިދޭސީން ވަޒީފާ އަދާ ކުރާން އައުން ހުއްޓުވައިލުން އެއީ ހައްލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ބަންގްލަދޭޝް މީހުން ރާއްޖެ ނާދެވޭ ގޮތަށް، ކުރީގެ ސަރުކާރުން ހަމަޖެއްސީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަ ވާނީ މިމަހުގެ ނިޔަލަށެވެ. އެ މުއްދަތާ އެއްގޮތަށް ކުރިޔަށް ދާނަމަ ބަންގްލަދޭޝް މީހުންނަށް ރާއްޖެ އައުމަށް ހުއްދަ ދޫކުރާނީ އަންނަ މަހުން ފެށިގެނެވެ.
މީގެ އިތުރުން މުންދު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަނެއްކާ ވެސް ރާއްޖެ އާއި ލަންކާގައި ބޭއްވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އެވެ. އެ ކަމާ ގުޅޭ ގޮތުން ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުންނާ ވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަން ނިންމަވައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.