16 Feb 2022, 11:32
މިދިޔަ މަހުގެ ފަހުކޮޅު ނެޓްފްލިކްސްއަށް ނުކުތް "އައި އޭމް ޖޯޖީނާ"ގެ އެއް ވަނަ ސީޒަން، ތިން ހަފްތާގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފިއެވެ.
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އާއި އެ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ މި ރިއަލިޓީ ޝޯ، ރާއްޖެ ހިމެނޭހެން 58 ގައުމެއްގައި އެންމެ ގިނަ މީހުން ބަލާފައިވާ ލިސްޓުގައި ހިމެނޭ ކަމަށް ޖޯޖީނާގެ އިންސްޓަގްރާމްގައި ވަނީ ބުނެފައެވެ.
އެފްރިކާއިން މިސްރާއި މޮރިޝަސްގެ އިތުރުން މޮރޮކޯ އަދި ރިޔޫނިއަން މި ލިސްޓަށް އަރާފައިވާއިރު އޯޝަނިޔާއިން މި ލިސްޓަށްއަރާފައި ވަނީ ނިއު ކަލެޑޯނިއާއެވެ.
އޭޝިއާއިން ބަހްރައިން، ސައިޕްރަސް، އިސްރާއީލް، ޖޯޑަން، ކުވޭތު، ލުބުނާން، ރާއްޖެ، އޮމާން، ގަތަރު، ސައުދީ އަރަބިއާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ވެސް އެންމެ މަގުބޫލު 10 ޝޯގެ ތެރޭގައި އައި އޭމް ޖޯޖީނާ ވަނީ ހިމެނިފައެވެ.
މި ލިސްޓުގައި ޔޫރަޕުން 24 ގައުމު ހިމެނޭއިރު، އެމެރިކާ ސަރަހައްދުގެ 17 ގައުމު ހިމެނެއެވެ.
މިހާތަނަށް ހަ އެޕިސޯޑު ނެރެފައިވާ މި މި ޝޯގެ ސީޒަން އެކެއް ގައި ރޮނާލްޑޯއާއި ޖޯޖީނާ ދިމާވިގޮތް ވެސް ދެމީހުން ވަނީ ކިޔައިދީފައެވެ.
ޖޯޖީނާ އާއި ރޮނާލްޑޯގެ އިތުރުން ޖޯޖީނާއާ އާއިލީ ގޮތުން ގުޅުން ހުރި މީހުންނާއި ގާތް ރަހުމަތްތެރިންވެސް ވަނީ އެ ޝޯއަށް އިންޓަވިއު ދީފައެވެ.