މިންހާވެސް ޝިޒާންގެ ފަހަތުން ގޮސް ހޮޓެލް ތެރެއަށް ވަނެވެ. ހޮޓެލްގެ ރިސެޕްޝަން އޭރިޔާގައި ފުދޭވަރަކަށް މީހުން ގިނައެވެ. އެއްލި ކަޅިއަކުން އެތަނުން އޭނާއަށް އާހިލް ފެނުނުހެން މިންހާއަށް ހީވިއެވެ. އޭނާ ޝިޒާންއާ ދުރަށް ޖެހިލާ ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. އެކި ދިމަދިމާ މިންހާ ބެލިއެވެ. ސިހުން ލިބުނީ ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.

ދެވަނަ ސިކުންތުގައި އެމީހަކު އޭނާގެ އަތުގައި ހިފާ މީހުންތަކުގެ ތެރެއިން ގެންގޮސް އެއްފަރާތު ގޯޅިތެރެއަށް ވައްދައިފިއެވެ. ކާކުކަން ނޭނގި ގަދަހަދަން މަސައްކަތްކުރި މިންހާ މަޑުޖެހުނީ އޭނާގެ ކަންފަތް ދޮށުގައި އެމީހަކު ވާހަކަ ދެއްކުމުންނެވެ.

"ޝްޝްޝް... މިންނު. މީ އާހިލްއޭ..." އާހިލްގެ އަޑު މިންހާގެ ކަންފަތުގައި ޖެހުމާއެކު އޭނާ ވަގުތުން މަޑުޖެހުނެވެ. އޭނާ އާހިލްއަށް ބަލައިލިއެވެ.

އާހިލް މިތަނުގައި ކީއްކުރަނީ؟" މިންހާ ސުވާލުކޮށްލީ ކުޑަކޮށް ހައިރާންވެ ހުރެއެވެ.

"އަހަރެން އައީ މިތަނުގެ ކޮންފަރެންސް ހޯލުގައި އޮތް މީޓިންއަކަށް. މިންނު ފެނުނީމަހަމަ ދުރުގަ ނުހުރެވުނީ." އާހިލް މިންހާގެ ކަަންފަތް ދޮށުގައި އެެހެން ބުނެލި ވަގުތު އާހިލްގެ ތުންފަތުގެ ބީހުން މިންހާއަށް އިޙްސާސްވެ، އޭނާގެ މުޅި ގައިން ހީބިހި ނަގާ ގޮތްވިއެވެ.

"އާހިލް! މީހަކު އަތުވެދާނެ!" މިންހާ އާހިލްއާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.

"ޝިޒާންއާ އެކު ދޯ ތިއައީ؟ ޔޫލީންގެ ކައިވެންޏަށް." އާހިލް ސުވާލުކޮށްލުމާއެކު މިންހާ ބޯ ޖަހައިލިއެވެ.

"އަހަރެން ދަނީ އިނގޭ. ދިމާކުރާނަން ވަރަށް އަވަހަށް. އައި ލަވް ޔޫ." މިންހާ އެެހެން ބުނެލާފައި އޭނާ ހިނގައިގަންނަން އުޅުނުވަގުތު އާހިލް މިންހާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އާހިލް މިންހާގެ އަތަށް ދަމައިލުމާއެކު މިންހާ ގޮސް ތަތްވީ އާހިލްގެ މޭމަތީގައެވެ.

"އައި ލަވްޔޫ ޓޫ..." އެހެން ބުނެލުމަށްފަހު އާހިލް މިންހާ ދޫކޮށްލިއެވެ. ލުއިކޮށް ހިނިތުންވެލުމަށްފަހު، މިންހާ އެތަނުން ނުކުމެވުނީ ޝިޒާންގެ ކުރިމައްޗަށެވެ.

"ކާކާ އެކީ ތި ދިޔައީ؟" ޝިޒާންގެ އަޑުގައިހުރި ނުރުހުމުގެ އަސަރުން މިންހާއަށް ކޮންމެވެސް އެއްޗެއް ޝިޒާންއަށް ފަހުމްވެއްޖެކަމުގައި ޔަޤީން ކުރެވުނެވެ.

"އަހަރެން ނުދަން މީހަކާ އެކީ..." މިންހާ ބުނެލިއެވެ. އޭނާ ހިނގައިގަތުމާއެކު ޝިޒާން މިންހާގެ އަތުގައި ހިފެއްޓިއެވެ.

"އަހަންނަށް ފެނުނޭ މިންހާ އާހިލްއާއެކު ދިޔަތަން." ޝިޒާން މިންހާގެ ކުރިމައްޗަށް އަރާ ސުވާލުކޮށްލިއެވެ.

"ބުނެފީމެއްނު އަހަރެން ނުދަމޭ..." މިންހާ އެހެން ބުނެލުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ވަށައިގެންވީ މާހައުލަށް ބަލައިލުމަށްފަހު ޝިޒާންވެސް އިތުރަށް އެއްޗެއް ނުބުނީ، ގެއަށް ގޮސް އެކަމާ ބެހޭގޮތުން މިންހާއާ ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ.

މިންހާއާ އަރާ ހަމަކޮށްލަމުން ޝިޒާން މިންހާގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. ޝިޒާންއަށް ބަލައިލުމަށްފަހު، މިންހާ އެއަތް ޝިޒާންގެ އަތުތެރެއިން ދަމައިގަންނަން މަސައްކަތްކުރިނަމަވެސް، ޝިޒާން ދޫ ނުދިނުމުން ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގައިލަމުން މިންހާވެސް މަޑުޖެހިލިއެވެ. ލިފްޓަށް އަރައިގެން ދެމީހުންނަށް ޓެރެސްއަށް އެރުނުއިރު، ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ.

ހުދުކުލައިގެ ވެޑިން ޑެރެސްގައި ޔޫލިން މޭޒު ދޮށުގައި އިސްޖަހާލައިގެން އިންއިރު، އައިހަމް ވެސް ޔޫލިންގެ އެއްފަރާތުގައި އިނެވެ. ޔޫލިންގެ ހެދުމުގެ މޭމަތި ވިދާ އެސްތަތަކަކުން ޒީނަތްތެރިކޮށްލާފައިވާއިރު، އެ ގަޑީގައި ޔޫލިން އިނީ ހުދުކުލައިގެ ފޮތިގަނޑަކުން އޭނާގެ އިސްތަށިގަނޑު ނިވާކޮށްލައިގެންނެވެ. އައިހަމް ލާފައިހުރީ ކަޅުލުލައިގެ ކޯޓު ފަޓްލޫނެވެ. އަޅާފައިވަނީ ފެހިކުލައިގެ ޓައީއެކެވެ. ކައިވެނި ކޮށް ނިމިގެން ޕާޓީ ފެށުމާއެކު މިންހާ ގޮސް ޔޫލިންގެ ގައިގައި ބައްދައިލިއެވެ. އެކުގައި ފޮޓޯ ނެގުމަށްފަހު، މިންހާ ދުރަށް ޖެހިލީ އެހެން މީހުންނަށްވެސް ތަން ދިނުމުގެ ގޮތުންނެވެ.

އެއްފަރާތުގައި މިންހާއާ ޝިޒާންއާ ދެމީހުން މަޑުކޮށްލިއެވެ. މިންހާ ޝިޒާންއަށް ބަލައިލިއެވެ. އެކަމާ ބެހޭގޮތުން ޝިޒާން އިތުރަށް އެއްޗެއް ނުބުނާތީ މިންހާ ހީކުރީ ދެން އެކަމާ ބެހޭގޮތުން ޝިޒާން ވާހަކަ ނުދައްކާނޭ ކަމަށެވެ. އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އެތަނުގައި އެ ދެމީހުން ތިއްބާ ސަކީނާއާ ރަތީބްއާ ދެމީހުން އައިސް މިންހާމެން ކައިރީގައި މަޑުކޮށްލިއެވެ. އެ ދެމީހުން ވެސް ހެދުން އަޅާފައި ތިބީ ޕާޓީގެ ތީމްކުލައާ ގުޅުވައިގެންނެވެ. ސަކީނާ ލާފައިހުރި އަބާޔާ ހެދުން ހުރީ ފެހިލުލައިންނެވެ. އޭގައި ކަޅުކުލައިން ކުރެހުން އަޅާފައިވާއިރު ހެދުމާއެކު އަޅާފައިވަނީ ކަޅާ ފެހިކުލައިގެ ބުރުގާއެކެވެ. ރަތީބް ލާފައިހުރީ ފެހިކުލައިގެ ގަމީހެކެވެ.

"ޝިޒާން ކިހިނެއް؟" ރަތީބް ޝިޒާންއާ ކައިރިވެލާފައި ސުވާލުކޮށްލިއެވެ. އެ މަންޒަރު ބަލަން ދުރުގައި ރައިހާން މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް މިންހާއާ ވަތްކެއްނުވެއެވެ. އަދިވެސް އެ ހިތުގައި މިންހާއަށްޓަކައި ލޯބިވެއެވެ. އެހެންނަމަވެސް، އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތަކީ މިންހާ ހަމައެކަނި އެކުވެރިއެއްގެ ނަޒަރުން ދެކުންކަން ރައިހާންއަށް ވިސްނެއެވެ. އޭނާ އެ ޙަޔާތަށް އެހެން އަންހެން ކުއްޖަކު ގެންނަން ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އޭނާއަށް މިންހާ މަތިން ހަނދާން ނައްތައިލެވޭ ގޮތެއް ނުވިއެވެ. އެހިތުގައި އަބަދު ރަސްކަން ކުރާ މަލަކާއަކީ ހަމައެކަނި މިންހާއެވެ.

އޭނާ މަޑުމަޑުން މިންހާއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކުން މަޑުޖެހިލެވުނު ނަމަވެސް، ފުންނޭވާއެއްލާ އަމިއްލަ އިޙްސާސްއެއް އޭނާ ހިންދައިލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެހިތުގައި ހިނގާ ހައިޖާނުގަނޑު އެއްވެސް މިންވަރެއް އިތުރު މީހަކަށް އެނގޭކަަށް އޭނާ ބޭނުމެއް ނޫނެވެ.

"މިންނު ކިހިނެއްތަ؟ ހުރިހާކަމެއް ރަގަޅުތަ؟" ސަކީނާ މިންހާގެ ބޮލުގައި ފިރުމައިލިއެވެ.

"ވަރަށް ރަނގަޅު!" މިންހާ ބޯ ޖަހައިިލިއެވެ. އޭނާ ހިނިތުންވެލިއެވެ.

ޝިޒާންއާއެކު ރަނގަޅަށް އުޅޭތި އިނގޭ. ޝިޒާން އަކީ ގޯސް ކުއްޖެއް ނޫންކަން ދައްތައަށް ވެސް އެނގޭ. މިންނު ބައްޕަ މިންނުގެ ޒިންމާ ޝިޒާންއާ ހަވާލު އެކުރީ ވަރަށް ވިސްނާފަ. ބައްޕައަށްޓަކާވެސް، އަދި މިންނު އަމިއްލަ ނަފްސަށްޓަކާވެސް އުޅުން އެންމެ ރަނގަޅު ގޮތަކީ އެއީ" ސަކީނާ ބުނެލިއެވެ.

"ހޭ މިންނު. ކިހިނެއްތަ؟" އެ ހިސާބަށް އަރާ ހަމަވެފައި ރައިހާން މިންހާއަށް ސަލާމަށް އަތް ދިށްކޮށްލިއެވެ.

"ހޭ ރައިހާން... ވަރަށް މިސްވޭ އިނގޭ... އަހަރެން ރަނގަޅު. ރައިހާން ކިހިނެއްތަ؟" މިންހާ ހިނިތުންވެލިއެވެ.

"އަހަރެން ބަރާބަރު. ހައު އިޒް މެރިޑް ލައިފް ގޮއިންގ؟" ރައިހާން ސުވާލުކޮށްލިއެވެ.

"ވަރަށް ރަނގަޅު. މިހާރު ލީންވެސް މީހަކާ އިނީ. ދެން ރައިހާންވެސް އުޅޭ އިންނަން. ދޯ ސަކީނައްތާ..." މިންހާ ބުނެލިއެވެ.

"އަހަރެންވެސް ދެން އިންނަން އުޅެންވީ. އިންތިޒާރުގައި ހުއްޓަސް ނުލިބޭނެއެއްނު" ފަހު ޖުމްލަ ރައިހާން ބުނެލީ މަޑުން ކަމުން މިންހާއަކަށްވެސް، ސަކީނާއަކަށްވެސް ރައިހާން ބުނި އެއްޗެއް ސާފެއް ނުވިއެވެ.

"ކީކޭ؟" މިންހާ ސުވާލުކޮށްލިއެވެ.

"އެއްޗެކޭ ނޫން... އަޅާ ނުލާ." ރައިހާން ބުނެލިއެވެ. އެއަަށްފަހު އޭނާ ކަރު ހިއްކައިގަނެފައިހުރުމުން ބޯނެ އެއްޗެއް ބަލާ ޑްރިންކްސްތައް ހުރި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމާއެކު، އެ މެސެޖް ކިޔަމުން އޭނާ އެ ދިމާލަށް ހިނގައިގަތީ ވަށައިގެންވީ މާހައުލަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ.

ސިހުން ލިބުނީ ވަރަށް ބާރަށް އައި އަންހެން ކުއްޖަކު އޭނާގެ ގައިގައި ޖެހުމުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޭ މައްޗަށް ފިނިވެގެން ދިޔައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލި ރައިހާންއަށް މަޑުޖެހެވުނީ އޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ހުރި ގޮތް ފެނިފައެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން ހުރިއިރު، އޭނާގެ އަތުގައި އޭރު ވެސް ހުސްތަށި ހުއްޓެވެ. ރައިހާންގެ ގަޔަށް އެޅުނީ އެ ތަށީގައި ހުރި ޖޫސްތަކެވެ.

މަޑުމަޑުން ދެލޯ ހުޅުވައިލި އަންހެން ކުއްޖާ ދެލޯ ބޮޑުކޮށްލަމުން މާފަށް އެދުނެވެ.

"އައި އެމް ސޯ ސޮރީ... ވަރަށް ވަރަށް ވަރަށް ބޮޑަށް ސޮރީ..." އެ ކުއްޖާ ބުނެލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ.

މޭމަތީގައި އަތް ހާކައިލުމަށްފަހު ރައިހާންއަނެއްކާވެސް އެ އަންހެން ކުއްޖާއަށް ބަލައިލިއެވެ.

"ސޮރީ އޭ ބުނީމަ ނިމުނީތަ؟" އޭނާ އެ އަންހެން ކުއްޖާއަށް ވާގޮތެއް ބަލައިލަން ބުނެލިއެވެ. ވަރަށް ފުން ނަޒަރަކުން ރައިހާން އެ ކުއްޖާއަށް ބަލައިލިއެވެ.

ލާފައިވާ ފެހިކުލައިގެ ދިގު ހަވީރީ ހެދުމުގައި އެ ކުއްޖާ ފެންނަލެއް ކިތަންމެހާވެސް ރީއްޗެވެ. ކޮށްފައިވާ ލުއި މޭކަޕް އެ ކުއްޖާގެ އަލި ހަންގަނޑާ ނުހަނު ގުޅޭއިރު، ރާޅުބާނީ އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ނިތްކުރިއާ ދިމާލުން އިސްތަށިކޮޅެއް ކުޑަކޮށް މޫނުމައްޗަށް ވައްޓާލާފައިވެއެވެ. ލޮލުގެ އެސްފިޔަތަކުގައި މަސްކަރާ އަޅާލާފައިވުމުގެ ސަބަބުންނާ ލޮލުގައި އަޅާފައިވާ އަނދުނުގެ ސަބަބުން އެ އަންހެން ކުއްޖާގެ ޗޮކްެލެޓް ކުލައިގެ ކަޅި ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެ އަންހެން ކުއްޖާއާ ދިމާލަށް ކަޅިޖަހާވެސް ނުލާ ބަލަހައްޓައިގެން ރައިހާންއަށް ހުރެވުނެވެ.

"އެކްސް ކިއުޒް މީ..." ރައިހާން ހުއްޓި ހުރުމުން އެ އަންހެން ކުއްޖާ ދެފަހަރަކު ރައިހާންގެ މޫނުމަތީގައި އަތް ހޫރައިލިއެވެ. އެއާއެކު ރައިހާންއަށް ތެޅިގަނެވުނެވެ.

"އާނ. ކީކޭ؟" ރައިހާންއަށް ސުވާލުކޮށްލެވުނެވެ.

"އައި އެމް ސޮރީ އޭ... ވޮޝްރޫމަށް..." އެ ކުއްޖާ އަތުން އިޝާރާތް ކޮށްލިއެވެ.

"އަހަރެން ގޮސް ދޮންނާނަން." ރައިހާން އެހެން ބުނެލާފައި ގަމީހުގައި އަތް ކާއްތަމުން ދުރަށް ހިނގައިގަތެވެ. އެ އަންހެން ކުއްޖާއަށް ރައިހާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

ޕާޓީ ނިންމާލުމަށްފަހު އޮތް ފޮޓޯ ޝޫޓުގައިވެސް މިންހާއާ ޝިޒާން ބައިވެރިވިއެވެ. ހުރިހާކަމެއް ނިމިގެން ގެއަށް ދެވުނުއިރު ހުރީ މެންދަމު އެކެއްޖަހާ ބޮޑުވެފައެވެ.

ޝިޒާންއާ މިންހާއާ ދެމީހުން އެކުގައި ގޮސް ގެއަށް ވަތްއިރު ގޭގައި ރަސްކަން ކުރަމުން ދިޔައީ ފަޅުކަމާއި އަނދިރިކަމެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. މާ ލަސްވެފައިހުރުމުން ޝިޒާންވެސް މިރޭ ވީ ކަންތަކާ ބެހޭގޮތުން މިންހާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ހަމަ ރަނގަަޅަށްވެސް އާހިލް ފެނުނެވެ. އަދި މިންހާވެސް މެއެވެ. އޭނާ މިންހާއަށް ވިސްނައިދެނީ ޚުދު މިންހާއަށް ރަނގަޅަކަށްކަން އެނގޭނަމަ ކިހާ ރަނގަޅުހެއްޔެވެ؟

ޖެހިގެން އައި ދުވަހު ހެނދުނު އެކަމާ ބެހޭގޮތުން ޝިޒާން މިންހާއާ ވާހަކަ ދެއްކުމުންވެސް، މިންހާ އެކަމަށް އިންކާރުކުރިއެވެ. އެކަމުން ޝިޒާން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އޭނާއަށް ހަމަ ރަނގަޅަށް އެ މަންޒަރު ފެނުނުކަމަށް ޝިޒާން ބުންޏެވެ. އެންމެ ފަހުން ޝިޒާންއަށް އޮޅުވާނުލެވޭނެކަން ޔަޤީންވި މިންހާވެސް ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. އޭނަ އެންމެ ފަހުން ޝިޒާންގެ ކުރިމަތީގައި ހަޤީގަތް ހާމަކުރިއެވެ. އެކަމުން ޝިޒާންއަށް އިތުރު ހިތްދަތިކަމެއް ލިބުން ނޫންކަމެއް ނުވެއެވެ. އޭނާ މިންހާއަށް ބަލައިލުމަށްފަހު، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުންދިޔައެވެ. ޔޫލިންގެ ކައިވެންޏަށްފަހު ޔޫލިންގެ މަންމަމެންވެސް ރަށަށް ފުރައިފިއެވެ. ހަފްތާތައް ފާއިތުވަމުން ގޮސް ދެ މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޝިޒާންއާ މިންހާގެ ގުޅުމަށް ބަދަލެއް ނާދެއެވެ. ޔޫލިންއާ މިންހާ ވަރަށް ގިނައިން ދިމާވެއެވެ. އެއިން ކޮންމެ ފަހަރަކު ޔޫލިން މިންހާއަށް ނަސޭހަތް ދެއެވެ. ޝިޒާންއާ އެކީ ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބުނެއެވެ. މިންހާއަށް ދެރަގޮތެއް ވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެކަމަށް ބުނެއެވެ. އެހެންނަމަވެސް މިންހާ ޔޫލިންގެ ބަހެއް ގަބޫލެއް ނުކުރެއެވެ. މިންހާ ގަބޫލުކުރަނީ އޭނާއަށް ފެންނަ މަންޒަރެކެވެ. އޭނާގެ ނަޒަރުގައި އާހިލްއަކީ އޭނާގެ ނަސީބެވެ. އޭނާ އާހިލް ދެކެ ލޯބިވާވަރަށް އާހިލް ވެސް އޭނާ ދެކެ ލޯބިވެއެވެ. ޔޫލިންގެ ވާހަކަތަކަށް އޭނާއަށް އެހާ ސަމާލުކަން ނުދެވެނީވެސް އޭނާ އާހިލް ދެކެ ލޯވިވާލެއް ބޮޑުކަމުންނެވެ.

މި ފާއިތުވީ ދެމަސް ދުވަހު މިންހާއާ އާހިލްއާ އެތަކެއް ފަހަރަކު ބައްދަލުވެއެވެ. މިންހާ ހައިރާންވަނީ އެ ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު އެކަންތައް ޝިޒާންއަށް އެނގޭތީއެވެ. ޝިޒާން އަނެއްކާ އޭނާއަށް ފާރަލަނީބާއޭ ވެސް މިންހާ ހިތަށް އަރައެވެ. އެހުރިހާކަމެއް ޝިޒާންއަށް އެނގެންޖެހޭ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް މިންހާއަކަށް ނޭނގެއެވެ. ޝިޒާން ހިތްހަމަ ނުޖެހޭ ގޮތަށް އޭނާއަށް ކުރެވޭ ހަމައެކަނި ކަމަކީ އާހިލްއާ ބައްދަލުކުރުމެވެ. އެހެންނަމަވެސް، މިންހާ އެގޮތަށް ކެނޑި ނޭޅި އަމަލުކުރަމުންދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި އެކަނި ހުއްޓިގެން ހުރި މިންހާގެ ނަޒަރު ހުރީ އުޑުމައްޗަށް ހުއްޓިފައެވެ. އުޑުމަތިން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ހަވީރު ވާރޭ ވެހިފައި ހުއްޓާލާފައި އޮތުމުން ފަޒާގައި އާދަޔާ ޚިލާފް ތެތްފިނިކަމެއް ރަސްކަން ކުރަމުންދިޔައެވެ. ޖެހެމުންދިޔައީ ތެތްފިނި ވައި ރޯޅިތަކެކެވެ. އެހެން ހުރިއިރު އޭނާ އިރުއިރުކޮޅަކާ އަތުގައި އޮތް ފޯނަށް ބަލައިލައެވެ. ޔޫލިން ވަރަށް މުހިންމު ކަމަކު އެބަ އަންހެން ކަމަށް ބުނެފައިވުމުން މިންހާ ހުރީ އިންތިޒާރުގައެވެ. އެހެން ބުނެލިއިރު ޔޫލިންގެ އަޑުގައި ހުރި ހާސްކަން މިންހާއަށް ސިއްރެއްނުވިއެވެ. އެހެންކަމުން އޭނާ އެކަމާ ބެހޭގޮތުން ޔޫލިންއާ ސުވާލުވެސް ކުރިމެއެވެ. އެހެންނަމަވެސް ޔޫލިން ބުނީ ދިމާކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދޭނެކަމުގައެވެ.

އެހެން ހުއްޓާ ޔޫލިންގެ ފޯނު ކޯލެއް މިންހާއަށް ލިބުނެވެ. އޭނާ މައްޗަށް އަރަން ބުނެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޔޫލިން އައިސް ކޮޓަރިން ވަދެފައި ފުރަތަމަވެސް ޖައްސައިލީ ސޯފާގައެވެ. މިންހާވެސް ސޯފާގައި އިށީނދެލިއެވެ.

"ލީން ކިހިނެއްވީތަ؟ ހާދަ ހާސްވެފަ؟ ކޮން ވާހަކައެއްތަ ދައްކަން ތިއުޅެނީ؟" މިންހާއަށް އެއްފަހަރާ އެތަކެއް ސުވާލެއް ކޮށްލެވުނެވެ.

"މިންނު. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން މިއުޅެނީ. އަހަންނަކަށް ނޭނގެ މިވާހަކައިން މިންނުއަށް ވާނެގޮތެއް." ޔޫލިން ބުނެލިއެވެ. އޭރުވެސް އެ އަޑުގައި ހާސްކަމާ ކަަންބޮޑުވުން ވެއެވެ.

"ބުނެބަލަ! މިހާރު ބިރުގަންނަން ފަށައިފި" މިންހާ އެހެން ބުނެލުމާއެކު އެ ދެމެދަށް ހިސާބެއްގެ ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ޔޫލިން ބުނެލި ވާހަކައިން މިންހާއަށް ހީވީ ދުނިޔެވެސް ހިނދުކޮޅަކަށް މަޑުޖެހިލި ހެން ނެވެ.

(ނުނިމޭ)