29 Sep 2022, 09:11
ތެލުލި ކުކުޅު ކައިގެން ދެކުނު އެފްރިކާގެ އަންހެނަކު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ދެކުނު އެފްރިކާގެ އަންހެނެއް ކަމަށްވާ ވުޔޮލްވެތު ސިމަނީލް ވަނީ ދާދި ފަހުން، ކުކުޅު ފައި ކެއުމުގެ މުބާރާތެއްގައި ބައިވެރިވެފައެވެ. އޭނާ ވަނީ އެއް މިނެޓުގެ ތެރޭގައި ފަސް ކުކުޅުފައި ކައި ގިނެސް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ.
ދެކުނު އެފްރިކާގެ ޑާބަންގެ އަމްލާޒީގައި ހުންނަ ރެސްޓޯރެންޓެއްގައި ކުރިއަށް ދިޔަ އެ މުބާރާތުގައި ފަސް މީހަކު ބައިވެރިވެފައިވެއެވެ. ނަމަވެސް އެއިން އެކަކަށް ވެސް ސިމަނީލް އާ ގާތެއް ނުކޮށްލެވުނެވެ.
"އެންމެ ހީވެސް ނުކުރާ ހެން ހީވާ މި ކޮންޓެސްޓެންޓް މި މޮޅުވީ. ވަރަށް މަޑުން ސިމަނީލް އިންނަނީ. ނަމަވެސް މުބާރާތް ފެށުމުން ވަރަށް ހަލުވި ކަމާއެކު ކުކުޅު ކާލައި ހުސްކޮށްލައިފި،" ގިނެސް ދުނިޔޭގެ ރިކޯޑު ފޮތުގެ ރިޕްރެޒެންޓޭޓިވް އެއް ބުންޏެވެ.
މީގެ ކުރިންވެސް މިފަދަ މުބާރާތެއް ބާއްވާފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު، ރެކޯޑު ފޮތުގައި ހިމެނޭ ސްޕީޑެއްގައި އެއްވެސް މީހަކަށް ކުކުޅު ފައި ކެވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ސިމަނީލް ބުނިގޮތުގައި އޭނާއަށް ލިބުނީ ޝޮކެކެވެ. މިއީ އޭނާ އެއްވެސް ގޮތަކަށް ހީކުރި ނަތީޖާއެއް ނޫން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ރިކޯޑު ލިބުމުން ހީ ވެސް ނުކުރާ މިންވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.