ޔޫކްރޭނުން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ހޯދަން ބޭނުންފުޅުވާކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޮލްޓްޒްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވީ، ޔޫކްރޭނުން ނޭޓޯއާ އަވަސް މުސްތަގުބަލެއްގައި ނުގުޅޭނެކަމަށް ހުޅަނގުން ބުނަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އިތުބާރު ހިފޭ ބުނުމެއް ނޫންކަމަށެވެ.

"މާދަމާ ފަހަރެއްގައި ޔޫކްރޭނުން ނޭޓޯ އާ ނުގުޅިދާނެ. ނަމަވެސް މާދަމާ ނޫން އަނެއް ދުވަހު ނުގުޅޭނެކަމުގެ ޔަގީންކަމެއް ނެތް،" ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ޔޫކްރޭނުން ވަނީ ނޭޓޯ އާ ގުޅޭނެކަމަށް ބުނެފައެވެ. އަދި އެ ނިންމުމަކީ ޔޫކްރޭނާއި ނޭޓޯއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި ޔޫކްރޭނުން ވަނީ ސިފަކޮށްފައެވެ.

ޔޫކްރޭން ނޭޓޯގެ މެންބަރަކަށްވެއްޖެ ނަމަ ނޭޓޯގެ އަސްކަރީ ފައުޖުތައް އޮންނާނީ ރަޝިއާގެ ސަރަހައްދީ ރޮނގުގައި ކަމަށް ބުނެ، ރަޝިއާއިން ވަނީ އެގައުމުގެ ލައްކައެއްހާ ސިފައިން ބަރުހަތިޔާރާ އެކު ޔުކްރޭންގެ ބޯޑަރު ކައިރިއަށް ޖަމާކޮށްފައެވެ.

ރަޝިއާއިން ވަނީ ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވައި، އެމެރިކާއިން މައްސަލަ އިތުރަށް ގޯސްކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި ރަޝިއާއިން ކޮންމެ ވަގުތަކުވެސް ޔޫކްރޭނަށް ހަމަލާދީފާނެއެވެ. އަދި ނޭޓޯއިން ވަނީ ރަޝިއާ އާއި ޔޫކްރޭންގެ މެދުގައި ހަނގުރާމައެއް ފެށުމުގެ ނުރައްކާ ބޮޑު ކަމަށް ބުނެފައެވެ.

އޭގެ ސަބަބުން ހުޅަނގުގެ ގިނަ އަދަދެއްގެ ގައުމުތަކުން ވަނީ ޔޫކްރޭންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ޔޫކްރޭން ދޫކޮށް ދިޔުމަށް އިލްތިމާސްކޮށްފައެވެ.