15 Feb 2022, 22:35
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅާ ގުޅުންތައް އިތުރުވެފައިވާތީ ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.
އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ކުރުމަށް މޯބައިލް ނަންބަރުން ނުގުޅާނެކަމަށެވެ.
އެ ކުންފުނިން ބުނީ ފައިސާގެ މުއާމަލާތްތައް ކުރުމަށް އެ ކުންފުނިން ބޭނުންކުރާނީ ލިޔެކިޔުންތައް ކަމަށެވެ. އަދި އެ ކުންފުނީގެ ނަމުގައި އެފަދަ މީހަކު ގުޅައިފިކަމަށް ޝައްކު ކުރެވޭނަމަ އެޗްޑީސީގެ ކޯލްސެންޓަރު ނަމްބަރު 1516 އަށް ގުޅައި ޔަގީންކުރުމަށް އެ ކުންފުނިއެދެއެވެ.
ސަމާލުވެލައްވާ!
މި ކޯޕަރޭޝަނުން ފައިސާގެ މުޢާމަލާތްތަކުގައި ނުގުޅާނެކަމަށާއި، މިފަދަ މުޢާމަލާތްތައް ކުރެވޭނީ ލިޔެކިޔުމުން ކަމުގައި ދަންނަވަން. ވީމާ މިކަމަށް ހުރިހައި ބޭފުޅުންވެސް ސަމާލްވެލައްވާ!pic.twitter.com/LjA3ZRfqEz— HDC (@hdcmaldives)February 8, 2022
މިފަދަ ގޮތަކަށް އޮޅުވާލައިގެން މީހަކަށް ކުރި ކޯލްއެއްގެ ރިކޯޑިން ވަނީ "ސަން"އަށް ލިބިފައެވެ. އެ ރިކޯޑިންގައި އެޗްޑީސީން ކަމަށް ބުނާ މީހާ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގުޅި މާހާއަށް ފްލެޓް ލިބޭކަމަށް ބުނެއެވެ.
މީގެ އިތުރުން، އެ ފްލެޓުތައް އޮކްޓޯބަރު މަހުގެ ތެރޭގައި ނިމޭނެކަމަށާއި އެ ފްލެޓުތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް ފައިސާދައްކަން ޖެހޭ ކަމަށް ބުނެ ރަޖިސްޓްރޭޝަން ނަންބަރެއް ވެސް ފޯނަށް ފޮނުވިއެވެ.
އެހެން ނަމަވެސް، އެ ގުޅައިގެން ހުރި މީހާ ވަނީ އެ ކޯލާ މެދު ޝައްކުވާ ކަމަށް ބުނެ ފޯނު ކަނޑާލައިފައެވެ.