ސަރުކާރުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖެއްސެވި ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު، އަބްދުﷲ ޖާބިރު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ޖާބިރު މިއަދު ވިދާޅުވީ އެމަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ ސިޓީ އިއްޔެ ރައީސް އޮފީހަށް ފޮނުއްވާފައިވާނެ ކަމަށާއި މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އޭނާ ނިންމަވާފައިވާތީ ކަމަށެވެ.

"ޑިމޮކްރަސީގެ އެންމެ ރީތި އުސޫލަކީ ވެސް އެއީ ކަމުގައި ދެކިގެން މަގާމުން އިސްތިއުފާދިނީ. އަޅުގަނޑުގެ އެމަގާމާ ގުޅިގެން ކެމްޕޭނަށް އެއްވެސް ނުފޫޒެއް އަންނާކަށް ބޭނުމެއް ނުވޭ، އަނެއްކާ ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވެ އިތުރު ކަމެއް އަޅުގަނޑަށް މިވަގުތަކު ނުކުރެވޭނެތީވެ މަގާމުން އިސްތިއުފާ ދިނީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމުން އިސްތިއުފާ މި ދެއްވީ އޭނާ އެ މަގާމަށް ހަމަޖެއްސެވިތާ 18 ދުވަސް ފަހުންނެވެ. ޖާބިރު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ މަހު 23ގަ އެވެ.