ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ، ހަނގުރާމައެއް ފަށައިފި ނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.

ރަޝިއާއާއި ޔޫކްރޭނުގެ މައްސަލަ ހޫނުވާން ފެށީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.

ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވެ، ހަނގުރާމައަކަށް ދިއުމުގެ ބިރު އޮތީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ސަރަހައްދުގައި އެއް ލައްކައަށްވުރެ ގިނަ ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.

ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާދަމާ (ބުދަ ދުވަހު)ގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޔުކްރެއިން މައްސަލައިގައި ކަންބޮޑުވުން ފައުޅު ކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޔުކްރެއިނާއި ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ދެ ގައުމު ކަމަށެވެ.

ކަން އެހެން އޮތްއިރު އެ ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފަށައިފިއްޔާ އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި އެހެންކަމުން އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާމެދު ސަރުކާރުން ވިސްނަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ ހަނގުރާމައެއް ފަށާފާނެ ކަމުގެ ނިޝާންތައް ފެންނާން ފަށާފައިވާއިރު ޔޫކްރެއިންގައި ތިބި ދިވެހިން ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ އަންގާފައެވެ.