ކުޑަކުއްޖަކާއި އެކު ޖިންސީއަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގައި ނިންމާލައިފި އެވެ.

އެ މައްސަލައިގައި މީގެ ކުރިން ވަނީ އާދިލުގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގާފަ އެވެ. މައްސަލައިގައި ދެން އޮންނާނީ، ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހެވެ.

އާދިލުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އާދިލުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފިނަމަ އެކުރަނީ ކުށެއްކަމަށެވެ.

އެގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުން ކަމަށެވެ.