15 Feb 2022, 13:58
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލްގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ، ޖޯޖް ކޯބިން ރާއްޖެ ވަޑައިގެންފިއެވެ.
މިއަދު ހެނދުނު އޭނާ ރާއްޖެ ވަޑައިގަތީ ދަރިފުޅު، ޖޯޖިއާ އާއި އެކުގައެވެ. އެއާޕޯޓުން ކޯބިންއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި، ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މިހާރުގެ ހެލްތު މިނިސްޓަރު އަޙުމަދު ނަސީމެވެ.
މީޑިއާތަކާ ވާހަކަދައްކަވަމުން ކޯބިން ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް އައިސްފައި ވާކަމަށާއި ރަންޔޫބީލްގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ބާނީ، ޖޯޖް ކޯބިން ރާއްޖެ އައުމުގެ ތެރެއިން --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
މި ދަތުރުގައި ފަތުރުވެރިކަމުގެ ބާނީންގެ ފޯރަމެއްގައި ކޯބިން ބައިވެރިވެލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގައި ކޯބިންގެ އިތުރުން މިނިސްޓަރު ނަސީމާއި، ޗަންޕާ ހުސައިން އަފީފް އަދި މުހައްމަދު އުމަރު މަނިކު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕު ގެނައުމުގައި ޖޯޖް ކޯބިން ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. އެއީ 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓުކަމަށްވާ ކުރުނބާ މޯލްޑިވްސް ހުޅުވީ އޭގެ އަށް މަސް ފަހުން، އެ އަހަރުގެ އޮކްޓޫބަރު މަހުއެވެ.