15 Feb 2022, 14:03
ޕަންޖާބު (15 ޖަނަވަރީ 2022): ކީރިތި ގުރުއާނަށް އިހާނާތް ކުރި މީހަކު ޕާކިސްތާނުގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ޕަންޖާބު ޕްރޮވިންސުގެ ސަރަހައްދެއްކަމަށްވާ ޚާނޭވާލްގެ އަވަށެއްކަމަށްވާ ޓްލަމްބާ ގައެވެ. މުޝްތާގު އަހުމަދު ނަމަކަށްކިޔާ މިމީހާ އެއަމަލު ހިންގާފައިވަނީ ޓްލަންބާ އަވަށުގެ މިސްކިތެއްގައެވެ. އެމިސްކިތުގެ އިމާމާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މުޝްތާގު އަހުމަދު ވަނީ އެމިސްކިތުގައި ހުރި މުސްހަފްތަކުގެ ތެރެއިން މުސްހަފެއްގެ ގަނޑުތައް ވީދާލުމަށްފަހު އެ ގަނޑުތަކުގައި ރޯކޮށް އަންދާލާފައެވެ. މި އަމަލު ހިންގުމާއެކު އެތައް ބަޔަކު ވެގެން މުޝްތާގުގެ ހަށިގަނޑުގައި ވަނީ އޮއްގަލުން ތަޅައި އޭނާ މަރާލާފާއެވެ.
ޕަންޖާބުގެ ފުލުހުން ބުނިގޮތުގައި އެޚަބަރު ލިބިގެން އެތަނަށް ފުލުހުންގެ ދެތިންމީހުން ދިޔައިރު އެތައް ބަޔަކު ވެގެން މުޝްތާގުގެ ގައިގައި އޮއްގަލުން ތަޅަނީއެވެ. އެކަން ހުއްޓުވަން ފުލުހުންގެ މަސައްކަތްކުރުމުން އެމީހުން ފުލުހުންނާ ދިމާއަށްވެސް އޮއްގައު އުކަން ފެށުމުން ފުލުހުންގެ ގަޔަށްވެސް އޮއްގަލުގެ ހަމަލާތައް އެރިއެވެ.
އެހެންކަމުން ހަމަނުޖެހުން މައިތިރި ކުރުމަށްޓަކައި ދެން އެތަނަށް ފޮނުވީ ފުލުހުންގެ ބޮޑު ގްރޫޕެެކެވެ. ނަމަވެސް ފުލުހުންގެ ގުރޫޕް އެތަނަށް ދިޔައިރު މުޝްތާގު ވަނީ އޮއްގަލުން ތަޅައި މަރާލައިފައިއެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ ގަހެއްގައި އެލުވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން މުޝްތާގު މިސްކިތަށް އަރައި މުސްހަފެއްގެ ގަނޑުތައް ވީދާލައި އެ ގަނޑުތަކުގައި ރޯކޮށް އަންދާލިކަން އެއަވަށުގެ އާންމުންނަށް އެންގީ މިސްކިތުގެ އިމާމެވެ. އެއަށްފަހު އޭނާ ފުލުހުންނަށްވެސް އެކަން ރިޕޯޓްކުރީއެވެ. ޕާކިސްތާނުގައި އާންމުން އަމިއްލައަށް ނުކުމެ ގާނޫނު ތަންފީޒުކޮށް މީހުންނަށް އަނިޔާކުރުމާއި މެރުންފަދަ ކަންކަން ކުރަމުންގެންދާ މައްސަލަވަނީ ބޮޑުވެފައެވެ.
ކީރިތި ގުރުއާނަށް އިހާނާތްކުރުމަކީ ޕާކިސްތާނުގެ ގާނޫނުގައި އަދަބު ދެވޭ ކުށެކެވެ. ނަމަވެސް އެއީ މަރުގެ އަދަބެއް ނޫނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ ކީރިތި ގުރުއާނަށް އިހާނާތް ކުރުމުގެ އަމަލު ކުށްވެރި ކުރައްވާފައެވެ. ނަމަވެސް އިމްރާންޚާން ވިދާޅުވިގޮތުގައި މިފަދަ ހާލަތުގައިވެސް އަމިއްލައަށް ގާނޫނު ތަންފީޒުކޮށް މީހުންނަށް އަނިޔާކުރުމާއި މެރުންފަދަ އަނިޔާވެރި އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.
އިމްރާންޚާން ވިދާޅުވިގޮތުގައި ގާނޫނު ތަންފީޒު ކުރާނީ ސަރުކާރުގެ ކަމާބެހޭ މުއްސަސާތަކުންނެވެ. ވަކިވަކިފަރުދުން އަމިއްލައަކަށް ނޫނެވެ. މިހާދިސާއާ ގުޅިގެން ޕަންޖާބުގެ ފުލުހުންވަނީ 85 މީހަކު ހައްޔަރުފައެވެ. މީގެތެރޭގައި މުޝްތާގުގެ ހަށިގަނޑުގައި އޮއްގަލުން ތަޅައި އޭނާ އަނިޔާވެރި ގޮތަކަށް މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންވެެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރި ސްރީލަންކާގެ ރައްޔިތަކުވެސް ދާދިފަހުންވަނީ ޕާކިސްތާނުގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. އެމީހާ އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައަކީވެސް ޝަރީއަތުން ބަލައި އޭނާގެ މައްޗަށް ސަރުކާރުން އަދަބު ތަންފީޒު ކުރެވެން އޮތް މައްސަލައެކެވެ.
ނަމަވެސް ކުއްލި ގޮތަކަށް މީހުންތަކެއް އެއްވެ ތަޅައިގަނެގެން އެމީހާވެސްވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. ޕާކިސްތާން ފުލުހުންވަނީ މި ޖަރީމާ ހިންގި މީހުން ހައްޔަރު ކޮށްފައެވެ. އަދި އެމީހުންނާ ދެކޮޅަށް ދައުލަތުން މިހާރުވަނީ ދައުވާ އުފުލާފައެވެ.
ޕާކިސްތާނަކީ އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާއި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަކުރުން ހުއްޓުވުމަށްޓަކައި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ބޮޑެތި އަދަބުތައް ދެވޭ ގާނޫނުތައް ހުރި ގައުމެކެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ގާނޫނު އެއްފަރާތް ކުރުމަށްފަހު އާއްމުން ނުކުމެ އަތް އިސްކޮށް އެފަދަ މީހުން މަރާލުމަކީ ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ކަމެކެވެ.