ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މީހަކު ހޯދަން ފަށައިފިއެވެ.

ހޯދަމުން ދަނީ ހދ. ނޮޅިވަރަން / ހަމްނާ، އަޙްމަދު ޝަހްބާން (27އ)އެވެ.

ފުލުހުން ބުނީ، ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގެ ތަހުގީގަށް ޝަހްބާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

ޝަހްބާންގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ޝަހްބާން އަށް ފުލުހުން ވަނީ އަންގާފައެވެ.

އަންނަ ހޯމަ ދުވަހުގެ މެންދުރު 12 ޖަހާއިރު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރު ވުމަށް ފުލުހުން ވަނީ ޝަހްބާންއަށް އަންގާފައެވެ.